ދާންދޫގައި އެކްސިޑެންޓްވި ކުޑަ ކުއްޖާގެ ހާލު ރަނގަޅު: އާއިލާ

ގއ. ދާންދޫ---

ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްް ލިބުނު ތިން އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ހާލު ރަނގަޅުކަމަށް ކުޑަކުއްޖާގެ އާއިލާއިން ބުނެފިއެވެ.

މިމަހުގެ 16 ވަނަ ދުވަހު، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދާންދޫގެ ބޭރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖާގެ ގައިގައި ޖެހިގެންނެވެ.

ފުވައްމުލަކަށް ނިސްބަތްވާ އެ ކުއްޖާ ދާންދޫގައި އޭރު ހުރީ އާއިލާއާއެކު ޗުއްޓީއަކަށް ގޮހެވެ.

އެ ހާދިސާގައި ކުޑަކުއްޖާގެ ނޭފަތުގައި ކަށިގަނޑުގައި ރެނދުލައި ނިއްކުރިއާއި އަނގަމަތި ފަޅައިގެން ގޮސް ފައިވެސް ބިންދައިގެން ދިޔައެވެ. އޭނާއަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ފަހުން މާލެ ގެނައީ އިތުރު ފަރުވާއަށެެވެ. ކުޑަކުއްޖާއަށް މާލޭގައި ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ކުޑަކުއްޖާގެ ބައްޕަ މުހައްމަދު ހުސެއިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިހާރު ދަރިފުޅުގެ ހާލު ރަނގަޅުކަމަށާއި އަދި ހޮސްޕިޓަލުންވެސް ދޫކޮށްލައިފައިވާ ކަމަށެވެ. ކުޑަކުއްޖާގެ ދެ ފައިގައި މިހާރު އޮތީ ޕްލާސްޓަރު އަޅައިފައެވެ.

އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދެމީހުން ތިއްބެވެ. ނަމަވެސް އެކްސިޑެންޓުވުމުގެ ކުރިން ފަހަތުގައި އިން 18 އަހަރުގެ މީހާ ވަނީ ސައިކަލުން ފުންމާލައިފައެވެ. އޭނާއަށް ވެސް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާގެ ލައިސަންސް ނެތް ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެެވެ.

comment ކޮމެންޓް