އައްޑޫގެ ދުވަސްވީ މީހެއްގެ ދިރިއުޅުން މިސްކިތުގައި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 81 އަހަރުގެ އެ ފިރިހެން މީހާ ފެންވަރާ ނިދާ އުޅެނީ އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައެވެ. ކައިބޮއެ ހަދަނީ އެރަށުގެ ހޮޓާތަކުންނެވެ. އެއްޗެހި ދޮވެ ހަދަނީ، މިސްކިތް ކައިރީގައި ހުރި ގެއަކަށް ދޮންނަ މެޝިނެއް ދީ، އެގޭގެ މީހުންނަށް ލާރި ދީގެންނެވެ. އަޅާލާނެ މީހަކު ނެތެވެ. އަނބިމީހާ މިހާރު ދުނިޔޭގައި ނެތް އިރު، ހުރި ހަމައެކަނި ދަރިއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ބައްޕަ ބެލޭނެ ފަދަ ހާލަތެއްގައި އިން މީހެއް ނޫނެވެ.

މި މީހާ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ 2017 ވަނަ އަހަރުއެވެ. އެފަހަރު ޖެންޑާގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރިއެވެ. އަދި ގުރައިދޫ މަރުކަޒަށް ގެންދަން ހުރިހާ ކަމެއް ހަމަޖައްސައި، ސިޓީ ކައުންސިލުން ދަތުރުވެސް ހަމަޖެއްސިއެވެ. ނަމަވެސް މަރުކަޒަށް ދާން އެމީހާ ދެކޮޅު ހަދައި، ރޮއެ އާދޭސްކުރުމާ އެކު، ހިތަދޫގެ އާއިލާއަކުން އޭނާއާ ހަވާލުވުމުން، އެ އާއިލާއަށް ޖެންޑާއިން ޒިންމާތައް ދޫކޮށްލީއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އެ ފިރިހެން މީހާގެ ދިރިއުޅުން އަނެއްކާވެސް މަގުމައްޗަށް ބަދަލުވީ އެވެ.

އުމުރުން ދުވަސްވުމުގެ އިތުރުން އޭނާއަކީ ހަކުރު ބަލިވެސް ހުންނަ މީހެކެވެ. އޭނާގެ ފައިގައި ފަސޭހަ ނުވާ ފާރުގަނޑެއް އިނދެއެވެ. އަދި އެ ފާރުގަނޑުގެ ސަބަބުން އޭނާއަށް ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

އެ ފާރުގަނޑު ސަކަރާތްވެގެން މިދިޔަ ސެޕްޓެމްބަރު މަހު އެމީހާ ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުނެވެ. ހޮސްޕިޓަލުގައި އެނދުމަތިކުރި އިރު އޭނާއަށް އެހީތެރިވާނެ މީހަކު ނެތިގެން ހޮސްޕިޓަލުން ވަނީ އެކަން އައްޑޫ ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އޭނާއަށް އެހީތެރިއެއް ހަމަޖައްސައިދޭން އެދިގެން، އެކަން ނުވުމުން، ފިރިހެން މީހާގެ ކެއުންބުއިމާއި އެހެނިހެން ކަންކަން ހަމަޖައްސައިދިނީ ހޮސްޕިޓަލުގެ ފަރާތުންނެވެ.

އެމީހާ އެ ހާލުގައި އެކަނި އުޅޭކަން އާންމުންގެ މީހަކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސަމާލުކަމަށް ގެނައީ މިދިޔަ އޮކްޓޫބަރު 19 ވަނަ ދުވަހުއެވެ. އެ ހިސާބުން އެޗްއާރްސީއެމް އިން ވަނީ ރަސްމީކޮށް މައްސަލަ ބަލަން ފަށައިފައެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ސަމާލުކަމަށް އައުމާއެކު އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ޖެންޑާ މިނިސްޓްރީއާ ވެސް މައްސަލަ ހިއްސާކުރި ކަމަށެވެ.

"ޖެންޑާ އިން ވަރަށް ޕްރޮމްޕްޓްކޮށް މަސައްކަތް ފެށި މި ކޭސްގަ. އަދި މިހާރު ވެސް އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އަންނަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް، ޖެންޑާއިން ކުރަންޖެހޭ މަސައްކަތްތައް ނިންމަން ދުވަސްކޮޅެއް ނަގާނެތީ، ވަގުތީ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް އެމީހާ ގެންދަން އެޗްއާރްސީއެމް އިން ވަނީ ކައުންސިލްގެ މައްޗަށް އަމުރެއް ކޮށްފައެވެ.

މި މައްސަލައިގައި ކައުންސިލްގެ ފަރާތުން އެންމެ އެދެވޭ ގޮތެއްގައި އެއްބާރުލުން ނުދޭ ކަމަށް އޮފިޝަލް ތުހުމަތުކުރެއްވިއެވެ.

"ކޮމިޝަނުން ނިންމީ ސިޓީ ކައުންސިލަށް އަމުރެއް ފޮނުވަން، އެއީ ޖެންޑާއިން ދާއިމީ ހައްލެއް ހޯދަދޭން އަދި ވަގުތު ނަގާނެތީ. އެ އަމުރަށް ކައުންސިލުން އެއްވެސް ޖަވާބެއް ނުދޭ،" އޮފިޝަލް ވިދާޅުވިއެވެ.

ދުވަސްވީ މީހާ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހާގެ ހުރުމާއި އަޅާލުން ފޯރުކޮށްދިނުމުގެ ކަންކަން ކުރެވޭނެ ބަޖެޓު ނެތް ކަމަށް ކައުންސިލުން ބުނި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި އެޗްއާރްސީއެމް އާއި ޖެންޑާ އަދި ކައުންސިލް ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ކައުންސިލުގައި ބަޖެޓު ނެތްނަމަ ބަޖެޓު ފޯރުކޮށްދޭނެ ކަމަށް ޖެންޑާއިން ބުނުމުންވެސް އެކަމަށް ކައުންސިލުގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

ފުރަތަމަ އަމުރަށް ކައުންސިލުން އަމަލު ނުކުރުމުން، ޑިސެމްބަރު މަހު އެޗްއާރްސީއެމް އިން ވަނީ ދެވަނަ އަމުރެއްވެސް ފޮނުވައިފައެވެ. އޮފިޝަލް ވިދާޅުވީ ފޯނުން ގުޅައި މައުލޫމާތު ސާފުކުރުމުން، މައްސަލައިގައި ކައުންސިލުން ކަމެއް ނުކުރާކަން އެނގޭ ކަމަށެވެ.

"ކައުންސިލް އިދާރާއިން އަމުރު ތަންފީޒު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ. ދެވަނަ އަމުރާ ގުޅިގެން ވެސް ފޯރުކޮށްދޭން ޖެހޭ ޖަވާބު ނުދޭ،" އޮފިޝަލް ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ އަމުރަށް ކައުންސިލުން ތަބާނުވާތީ، އެ މައްސަލައިގައި ކޯޓު އަމުރެއް ހޯދަން އެ ކޮމިޝަނުން މިހާރު ވަނީ ނިންމައިފައެވެ. އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެޗްއާރްސީއެމްގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި ޖެންޑާއާއި އެޗްއާރްސީއެމް އާއެކުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އަމުރުގައި ބުނެފައިވާ ގޮތަށް ދުވަސްވީ މީހާ ބަލައިދޭނެ މީހަކު ހޯދަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެތައް ބަޔަކާ ބައްދަލުކޮށްފިން. ވާހަކަ ދައްކައިފިން. އެކަމަކު އެއްވެސް މީހަކު އޭނާ [ދުވަސްވީ މީހާ] ބަލައިދޭން އެއްބަހެއް ނުވޭ. ދެން ކައުންސިލްގަ ނެތް އެހާ ސްޓާފުންނެއް އެމީހާ ބަލަން 24 ގަޑިއިރު މީހަކު ބަހައްޓާނެ ވަރަކަށް،" މޭޔަރު ވިދާޅުވިއެވެ.

ސޯދިގު ވިދާޅުވީ އެމީހާ ބަލައިދޭނެ މީހަކު ހޯދުމަށް މިހާރު އިއުލާނު ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އިއްޔެ ވަނީ އައްޑޫސިޓީ ހިތަދޫ އަވަށުގައި ދިރިއުޅޭ އުމުރުން ދުވަސްވެފައިވާ ބަލިމީހަކު ދިރިއުޅޭނެ ތަނަކާއި، ބަލައިދޭނެ ދެ މީހަކު ހޯދަން އިއުލާނުކޮށްފައެވެ.

އެޗްއާރްސީއެމްގެ ވާހަކަތަކާ ސޯދިގު ދެއްކެވި ބައެއް ވާހަކަތައް ދިމާނުވެއެވެ. ސޯދިގު ވިދާޅުވީ އެމީހާ މިސްކިތުގައި އުޅެނީ އުޅޭނެ ތަނެއް ނެތިގެން ނޫން ކަމަށެވެ.

އޭނާގެ ކުރީގެ އަނބިމީހާގެ ބިމުގައި ރީތިކޮށް ހަދާފައި ހުރި އެއް ކޮޓަރީގެ އެޕާޓްމަންޓެއް އެބަހުރި ކަމަށާއި، އޭނާގެ އެއްޗެހި މިހާރުވެސް ހުންނަނީ އެތަނުގައި ކަމަށް ސޯދިގު ވިދާޅުވިއެވެ.

ސޯދިގު ވިދާޅުވި ގޮތުގައި ދުވަސްވީ މީހާއަކީ ދައުލަތުން ދޭ އެލަވެންސްވެސް ލިބޭ މީހެއް ކަމަށެވެ. އޭނާގެ ކިބައިގައި ބޮޑު ބައްޔެއްވެސް ނެތް ކަމަށާއި، ނަމަވެސް އެއީ "ބުނާގޮތް ނަހަދާ، ބޯހަރު" މީހެއް ކަމަށެވެ.

"ގެއެއް އެބަހުރި އެކަމަކު އެގޭގަ މަޑުވެގެން ނޫޅޭ. އަސްލު އޮތް ގޮތަށް ވުރެ ވަރަށް ބޮޑަށް ގޯސްކޮށްފަ ވާހަކަ ދެކެވެނީ. އޭނައަށް ނަސޭހަތްތެރިވެސް ވަން މިސްކިތުގައި ނޫޅުމަށް. މިސްކިތުގަ ނިދާ އުޅޭ ސަބަބެއް ނޭނގޭ. އެހީމަ ބުނަނީ މިސްކިތަށް އަންނަ އިރު ޖަމާއަތް ގެއްލޭތީ އޭ މިސްކިތުގައި މަޑުކުރަނީ،" މޭޔަރު ވިދާޅުވިއެވެ.

އޭނާގެ އެސެސްމެންޓެއް ހަދާފައި ނުވާތީ އެއީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްކަން ނޭނގޭކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެއީ ރަށުތެރޭގައި މީހުންނަށް އުނދަގޫކުރާ މީހެއް ނޫން ކަމަށާއި ނަމަވެސް ޝަކުވާ އަންނަނީ އޭނާ މިސްކިތުގައި ނިދާ އުޅޭތީ ކަމަށް ވިދާޅުވިއެވެ.

އެ މީހާ ބަލައި ދިނުމަށް އެދޭ ފަރާތްތަކުން މިއަދު އޮފީސް ބަންދުވުމުގެ ކުރިން 6885753 އަށް ގުޅައި މައުލޫމާތު ސާފުކުރަން ކައުންސިލުން ވަނީ އެދިފައެވެ. އަދި ތިނެއް ޖެނުއަރީ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތަފްސީލް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

comment ކޮމެންޓް