ބަލިމަޑުކަމުގައި ޓޫރިޒަމްގެ ނަމޫނާއެއް، ކާމިޔާބުގެ ވާހަކައެއް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފަތުރުވެރިޔަކަށް މަރުހަބާ ކިޔަނީ: ޓޫރިޒަމް އަލުން ކޮޅަށް ނެގުމުގައި ރާއްޖެ ވަނީ ކުރިއެރުން ހޯދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސެޕްޓެމްބަރު މަހު "ސަން"ގެ ޓީމާ ބައްދަލުވެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެއްވި ހާއްސަ އިންޓަވިއުގައި އެމަނިކުފާނު ވަރަށް ބޮޑު ވާހަކަފުޅެއް ވިދާޅުވި އެވެ؛ "ބަލިމަޑުކަމުގެ ތެރޭ ރައްކާތެރި ޓޫރިޒަމެއްގެ ސަކްސެސް ސްޓޯރީ [ކާމިޔާބުގެ ވާހަކަ] ރާއްޖެ ލިޔާނެ" ކަމަށެވެ. އަދި ވިދާޅުވީ؛ "ސިނާއަތުގެ އެންމެން ގުޅިގެން އެކަން ދިވެހިން ކާމިޔާބުކޮށް ދުނިޔެއަށް މިސާލު ދައްކާނެ" ކަމަށެވެ.

އޭރުވެސް މިނިސްޓަރު އެއްބަސްވެ ވަޑައިގަތް އެއް ކަމެއް އޮތެވެ. ދުނިޔޭގެ ހާލަތު އޮތީ ހިތްހަމަ ޖައްސާލައި މަޖާކޮށްލަން މީހުން ދަތުރުފަތުރު ކުރެވޭނެ ހާލަތެއްގައެއް ނޫނެވެ. ވެކްސިނެއްގެ މާބޮޑު އުންމީދެއް ނެތް އިރު އިރުއަރާ އޮއްސޭއިރު ދުނިޔޭގެ ހާލަތު ބަދަލުވެ އެވެ. އަދި ބޯމަތިވަމުން އައި ފިނި މޫސުމާ އެކު ކޮވިޑު ބާރަށް ފެތުރިދާނެތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތަކުން ދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ.

"ހަގީގަތުގައި ގައުމުތަކުން އަދި ބޯޑަރުތަކެއް ނުހުޅުވާ. އެ ގައުމުތަކުގެ ރައްޔިތުން ތިބިތާ ތިބެން އެ ގައުމުތަކުން އެ އަންނަނީ އެންކަރޭޖް ކުރަމުން. އަނެއްކާ، ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް މި އޮތީ. ކޮންމެ ވަގުތަކު އެބަ ކަންކަން ބަދަލުވޭ،" މީގެ ހަތަރު ވަރަކަށް މަސްކުރީގެ ހާލަތު ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން ރާއްޖެއަށް ޓޫރިސްޓުން އައިސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު މަސް ފަސް

ރާއްޖޭގެ ޓޫރިޒަމްގެ ސީޒަން، ޑިސެމްބަރު މަހާ ކުރިމަތިލީއިރު އެރައިވަލްސް އުޅެނީ އާންމު ހާލަތުގައި ވެސް ޓޫރިސްޓުން އަންނަ އަދަދާ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. ކޮވިޑުގެ ކުރީގައި ޓޫރިޒަމްގެ އެންމެ ޕީކް ސީޒަނުގައި އެވްރެޖުކޮށް 5،000-6،000 އާ ދެމެދުގެ އަދަދަކަށް ދުވާލެއްގެ މައްޗަށް ޓޫރިސްޓުން ރާއްޖެ އަންނަމުންދިޔަ އެވެ. އެއަދަދަށް މިއަދު ވެސް ރާއްޖެއަށް ޓޫރިސްޓުން އެބަ އާދެ އެވެ.

އެއާޕޯޓަށް ބާރުބޮޑުވެ، މިހާރު އެއާޕޯޓުގައި މަސައްކަތްކުރާ ރެޕުންނަށް މިއީ ބުރަ ދުވަސްވަރެކެވެ. ރިސޯޓުތައް އޯވާބުކްވެ، ޓޫރިޒަމް ސިނާއަތަށް ވަނީ އުއްމީދު އައިސްފަ އެވެ. ރާއްޖެ އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވެ ފަޅަށް އޮތް އެއާޕޯޓުތަކަށް ދިރުން ލިބިއްޖެ އެވެ. ޝެޑިއުލްޑް ފްލައިޓުތަކުގެ އިތުރުން ޑިމާންޑާ އެއްވަރަށް ބާއްވާ ޗާޓާޑް ދަތުރުތަކާއި މުއްސަނދި މަހުޖަނުންގެ ޕްރައިވެޓް ޖެޓުތަކާއެކު އެއާޕޯޓުގެ ރަންވޭތައް ފުރާލައިފި އެވެ.

ޑިސެމްބަރ 17، 2020: މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑަށް ފަހު މުތާލިއާ ކުރި އަހަރުގެ ޓޫރިޒަމްގެ ނަމްބަރު އަމާޒުކުރި ތާރީހަށް ވުރެ މާކުރިން ރާއްޖެ ހާސިލްކުރި އެވެ. އަހަރުގެ 500،000 ވަނަ ފަތުރުވެރިޔާއަށް މާކުރިން ރާއްޖެ މަރުހަބާ ކިޔާ ރާއްޖެ ހަމަޖެހިލި އެވެ.

"އަންދާޒާ ކުރި ތާރީހަށްވުރެ ކުރިން ފަސްލައްކަ ފަތުރުވެރިން ރާއްޖެ ގެނެވުނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ރައީސް ސޯލިހުގެ ހިކުމަތްތެރި ނިންމެވުންތަކުގެ ނަތީޖާއިން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އުއްމީދު ކުރިވަރަށްވުރެ ބޮޑަށް އެރައިވަލްސް ނަންބަރުތައް މައްޗަށް ގޮސްފި،"

މިއީ 2021 އަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ އިރު ރާއްޖޭގެ މައި ސިނާއަތް ޓޫރިޒަމް މިހާރު އޮތް ހިސާބެވެ. މިއީ އަޅެ ސަކްސެސް ސްޓޯރީއެއް ނޫން ހެއްޔެވެ؟

އިތުބާރު ހޯދިއްޖެ

"ރާއްޖޭގެ ފަތުރުވެރިކަމަށް ބޭރުގައުމުތަކުގެ ސަރުކާރުތަކުންނާ ރައްޔިތުންނާ ޓުއަ އޮޕަރޭޓަރުން އަދި އެއާލައިން ތަކުގެ އިތުބާރު ރާއްޖެ އަށް ލިބިއްޖެކަން. އެއީ ވަރަށް ބޮޑު ކުރިއެރުމެއް،" ރާއްޖޭގެ ޓޫރިޒަމް ސަކްސެސް ސްޓޯރީއަކަށް ވީ އެންމެ ބޮޑު ސަބަބު މިނިސްޓަރު ވިދާޅުވެދެއްވީ މިހެންނެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދިގު 48 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުން ރާއްޖެ އަރައިގަންނަން މި ކުރި ހިތްވަރަކީ އާދައިގެ ވާހަކައެއް ނޫނެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިގު ތާރީހުގައިވެސް މި ސިނާއަތަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމެވެ. ދެހާސްސާދަވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި 2008 ވަނަ އަހަރުގެ މާލީ ކާރިސާގައި ސިނާއަތަށް ކުރިމަތިވި ގެއްލުމަށްވުރެ، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުން ބޮޑެވެ. ސަބަބަކަށްވީ ގޮތް ނޭނގޭ ވަރަށް ނުރައްކާތެރި ބޮޑު ބަލިމަޑުކަމެއްގެ ބިރުގައި ދުނިޔެ އޮތުމެވެ. އެކަމަކު އެ ބިރުގެ މައްޗަށް ރާއްޖެއިން ބުނެދިނީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ވާހަކަ އެވެ.

ރާއްޖެ ސަލާމަތްކޮށް ދިނީ މި މީހުން

ރާއްޖެ ބަންދުކޮށްލިތާ ބަރާބަރު ފަސް މަސް ހަމަވި ފަހުން، ޖުލައި 15 ގައި ސަރުކާރުން ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ނިންމި އިރު، އެއްވެސް އުންމީދެއް ހަގީގަތުގައި ނެތެވެ. ހަމައެކަނި އޮތީ މާ ދުރުން ފެންނަން އޮތް ވަރަށް ކުޑަކުޑަ އުންމީދެކެވެ.

ރާއްޖެ ހުޅުވާލިއިރު، ދުނިޔޭގެ މަދު ގައުމަކުން ނޫނީ އެ ގައުމުތަކަށް ވަދެ ނިކުތުމުގެ ހުއްދަ ދީފައެއް ނެތެވެ. ރާއްޖެވީ އެ ހާލަތުގައި ރިސްކުނަގައި ބޯޑަރު ހުޅުވާލި މަދު ޓޫރިޒަމް މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލްގެ ގޮތުގަ އެވެ.

އެންމެ ފުރަތަމަ ޖުލައި 15 އިން 31ގެ ނިޔަލަށް އައީ އެންމެ 1،700 ޓޫރިސްޓުންނެވެ. އެކަމަކު އެ ނަމްބަރު ވެސް ވީ އިންޑަސްޓްރީ އަށް އުންމީދަކަށެވެ. އޭރު އެހެން ގައުމުުތަކުން ވެސް ބޯޑަރު ހުޅުވާ ބައިނަލްއަގުވާމީ ދަތުރުތައް މަޑުމަޑުން ފަށައިގަތެވެ. އެއާ އެކު ނަމްބަރުތައް މަޑުމަޑުން މައްޗަށް ޖެހެން ފެށި އެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން އެއާޕޯޓު ރެޕެއް ހިދުމަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޑަރު ހުޅުވާލިފަހުން އޮގަސްޓުމަހު، 7،628 ޓޫރިސްޓުން، ސެޕްޓެމްބަރު މަހު 9،538 ޓޫރިސްޓުން އަދި އޮކްޓޯބަރު މަހު 21،515 ޓޫރިސްޓުން އައެވެ. ނޮވެމްބަރުު މަހު އަދި މާބޮޑުތަން ކުރިއެރުން ލިބި 35،759 ޓޫރިސްޓުން އައެވެ.

ތެދަށް ބުނާނަމަ، ބޯޑަރު ބަންދުކުރި އިރު، މި އަހަރު ތެރޭ ޓޫރިޒަމަށް މިހާ ބޮޑު ބޫސްޓެއް އައިސްދާނެ ކަމަށް އުއްމީދެއް ވެސް ކުރެވިފައެއް ނުވެ އެވެ. ވާނެ ގޮތެއް ބުނެދޭން އެނގޭ މީހަކުވެސް ނެތެވެ. އެކަމަކު އިންޑަސްޓްރީގެ އެންމެން އެކުވެ ތިބެ ނެގީ ބޮޑު ރިސްކެކެވެ.

ޓޫރިޒަމް އިޝްރިހާރުކޮށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި އިންޑަސްޓްރީ ހޭބޯނާރާ އުޅެން ފެށި އެވެ. މާޔޫސްކަމުގައި ތިބި ނަމަވެސް ހިތްވަރާ އެކު ހިނިތުންވަމުން ހިދުމަތަށް ނިކުތް ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިން އެވީ އަދި މާބޮޑު ގުރުބާނީ އެކެވެ. ޓޫރިސްޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ޔަގީންކަން ކުރަން ސަރުކާރުގެ ފިޔަވަޅުތައް ބޮޑު އެހީއަކަށްވި އެވެ.

އާ މާކެޓްތަކުން އުންމީދެއް

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް މާކެޓަކީ؛
1. ރަޝިއާ
2. އިންޑިއާ
3. އިނގިރޭސިވިލާތް
4. އެމެރިކާ
5. ޖަރުމަނުވިލާތް

މީގެ ކުރިން ރާއްޖޭގެ ޓޫރިޒަމްގައި މާބޮޑު ހިއްސާއެއް ނެތް މާކެޓުތަކުން ދެނީ އުއްމީދެވެ. ބްރެޒިލް، ޔޫކްރެއިން އަދި މިސްރުފަދަ ގައުމުތަކުން އަންނަ ޓޫރިސްތުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ. ކުރިން މާބޮޑު ހިއްސާއެއް ނެތް އެމެރިކާ މާކެޓު މިވަނީ ގަދަ ފަހަކަށް އަރައިފަ އެވެ.

އެއާޕޯޓް ރެޕުން އެނބުރި މަސައްކަތަށް ނުކުމެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލިމަޑުކަމުގެ ތެރެއިން ޓޫރިޒަމް ސިނާއަތުން ކުރި ބުރަ މަސައްކަތުގެ ފޮނި ރަހަ މިއަދު އަރުތެރޭގައި ލާން ފަށައިފި އެވެ. އޮތް ކުޑަ އުންމީދުގައި ބޯޑަރު ހުޅުވާ ކުރި މަސައްކަތުގެ ނަތީޖާ އެބަ ފެނެ އެވެ. ރައީސް ވިދާޅުވާ ބޫސްޓް މި އޮތީ އައިސްފައި ކަމަށް ބުނެވިދާނެ އެވެ.

އަންނަ 2021 ވަނަ އަހަރު، 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ރާއްޖެއިން މިހާރު ލިޔަން ފަށައިފި އެވެ. އާ މާކެޓުތަކަށް ރާއްޖެ ޕްރޮމޯޓުކޮށް އާ ރިސޯޓުތައް ނެރެ ރައްކާތެރި މަންޒިލެއްގެ ޔަގީންކަން ރާއްޖެއިން މުޅި ދުނިޔެއަށް ދީފި އެވެ. ކާމިޔާބު ޓޫރިޒަމަކާ އެކު ރާއްޖެއިން ދުނިޔެއަށް މި ދިނީ ބާރު ގަދަ މެސެޖެކެވެ. ކާމިޔާބު ޓޫރިޒަމެއްގެ އާ ވާހަކައެއް ރާއްޖެ ލިޔެފި އެވެ.

comment ކޮމެންޓް