ރަޝިއާއިން ކޮވިޑުގައި މަރުވި މީހުންގެ އަަދަދު ރިޕޯޓު ކުރި ވަރަށް ވުރެ ތިން ގުނަ އިތުރު

ރަޝިއާއިން ވަނީ ސްޕަޓްނިކް ފަހެއް ވެކްސިން ދޭން ފަަށާފަ -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ޑިސެމްބަރު 29): ރަޝިއާއިން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ކުރިން ރިޕޯޓު ކުރި ވަރަށް ވުރެ ތިން ގުނަ އިތުރު ކަމަށް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޓަޓިއާނާ ގޮލިކޯވާ ވިދާޅުވެއްޖެ އެވެ.

ގޮލިކޯވާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރުގެ ފުރަތަމަ 11 މަހު ރަޝިއާއިން މަރުވި މީހުންގެ އަދަދު 13.8 ޕަސެންޓު އިތުރުވެ. އަދި އެގައުމުގެ ތަފާސްހިސާބުތައް ހަދާ އިދާރާއަކުން ރިޕޯޓު ކުރި ގޮތުގައި އެއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު 229،700 އިތުރު އަދަދެކެވެ.

ގޮލިކޯވާ ވިދާޅުވި ގޮތުގައި އެ އިތުރު މަރުތަކުގެ 81 ޕަސެންޓަށް ވުރެ ގިނަ މަރުތައް ގުޅިފައި ވަނީ ކޮވިޑް-19އާ އެވެ.

"އެ އިތުރު މަރުތަކުގެ 81 ޕަސެންޓަށް ވުރެ ގިނަ މަރުތައް ގުޅިފައި ވަނީ ކޮވިޑް-19 އާއި ވައިރަހުގެ އަސަރުތަކަށް ކަން އަޅުގަނޑު ފާހަގަކޮށްލަން،" ގޮލިކޯވާ ވިދާޅުވި އެވެ.

އެހެންކަމުން ރަޝިއާއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 186،000އަށް އަރާފަ އެވެ. ނަމަވެސް މީގެ ކުރިން އެގައުމުން ކޮވިޑު ޖެހިގެން މަރުވި ކަމަށް ރަސްމީ އިދާރާތަކުން ބުނެފައި ވަނީ 55،287 މީހުންނެވެ. އަދި މިހާރު އެގައުމު ވަނީ ބަލީގައި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމަށްވެފަ އެވެ.

މީގެ ކުރިން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އެގައުމުގެ ސިއްހީ ނިޒާމު މާ ހަރުދަނާ ކަމަށާއި ހުޅަނގުގެ ގައުމުތަކާ އަޅާ ބަލާއިރު އެގައުމުން ބައްޔާ ކުރިމަތިލި ގޮތް މާ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެގައުމުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ސައިންސުވެރިންނާއި އެހެނިހެން މާހިރުން ވަނީ އެގައުމުން ބަލީގައި މަރުވި ކަމަށް ބުނާ މީހުންގެ އަދަދުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން ރަޝިއާއިން ކޮވިޑުގެ މަރެއް ކަމަށް ބަލަނީ ޕޯސްޓް މޯޓަމްގެ ނަތީޖާގައި އެ މީހަކު މަރުވި މަައިގަނޑު ސަބަބަކީ ކޮވިޑު ބަލި ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެހެންކަމުން މަރުގެ ސަބަބަކަށް ކޮވިޑު ޖަހާފައި ނެތް ނަމަ އެގައުމުން ބަލީގެ މަރެއް ކަމަށް ކަނޑަނާޅަ އެވެ. އޭގެ ސަބަބުން މީގެ ކުރިން ވެސް އެގައުމަށް ފާޑު ކިޔުންތައް އަމާޒުވި އެވެ.

މިދިޔަ އޮގަސްޓު މަހު ރަޝިއާ ވަނީ ކޮވިޑް ވެކްސިނެއް ރެޖިސްޓާ ކުރި އެންމެ ފުރަތަމަ ގައުމަކަށް ވެފަ އެވެ. އަދި އެ ސްޕަޓްނިކް ފަހެއް ވެކްސިން މީހުންނަށް ދިނުމުގެ ޕްރޮގްރާމް ފަށަން މި މަހުގެ ކުރީކޮޅު ޕޫޓިން ވަނީ އަމުރު ކުރައްވާފަ އެވެ.

އެ ވެކްސިން އުފެއްދި ގަމަލެޔާ ރިސާޗް ސެންޓަރުން ވަނީ ވެކްސިންގެ 700،000 ޑޯޒް އާއްމު ބޭނުމަށް މިހާރު ފޮނުވައިފާ ކަަމަށް ބުނެފަ އެވެ. ނަމަވެސް އެ ވެކްސިން މިހާތަނަށް ޖެހި މީހުންގެ އަދަދެއް ރަޝިއާއިން ހާމަ ނުކުރެ އެވެ. އަދި އެގައުމުގައި ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދެއްކި ގޮތުގައި އެ ވެކްސިން ޖަހާނެ ކަމަށް ބުނެފައި ވަނީ އެންމެ 38 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް