އިމިގްރޭޝަންގެ ކާމިޔާބީ ފާހަގަކޮށްފި

ން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) --- ފޮޓޯ: އިމިގްރޭޝަން

މިއަހަރު އިމިގްރޭޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފިއެވެ.

"ކަށަވަރު 2020" ގެ ނަމުގައި މިރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މިރޭގެ ހަފްލާގައި މި ނިމޭ 2020 ވަނަ އަހަރު އިމިގްރޭޝަނުން ހާސިލްކުރި ކާމިޔާބީތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވަނީ ހިއްސާކޮށްފައެވެ.

އިމިގްރޭޝަންގެ ސްޓްރަޓެޖިކް ޕްލޭން 2020-2024 ގައި ހިމެނޭ ގޮތަށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، މުވައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށާއި، ބޯޑަރު އިތުރަށް ހަރުދަނާކޮށް މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެގޮތުން "އިމުގާ" ޕޯޓަލް ތަޢާރަފްކޮށް، ދިވެހި ޕާސްޕޯޓް، ވޮސާ، ސީޕޯޓް އަދި އިދާރީ ގިނަ ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށާފައިވާކަން އިމިގްރޭޝަނުން ފާހަގަ ކުރެއެވެ. އަދި ވިސާގެ ހުރިހާ ހިދުމަތްތަކެއް އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީ އިމިގްރޭޝަން އޮފީހުން ދޭން ފަށާފައިވާއިރު، ހިތަދޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ކާޑަށް އެދި ހުށަހެޅުމުގެ ހިދުމަތް ވެސް ވަނީ ފަށާފައެވެ.

މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ، އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި 11 ދާއިރާއަކުން ޖުމްލަ 102 އިމިގްރޭޝަން އޮފިސަރުންނަށާއި، އިމިގްރޭޝަނާއި ގުޅުންހުރި މަސައްކަތްތައް ކުރާ މުވައްސަސާތަކުގެ 18 ފަރާތަކަށް ތަމްރީނު ދީފައެވެ.

މީގެ އިތުރު ފަތުރުވެރިންނަށް ހާއްސަ ދުނިޔޭގެ ފުރަތަމަ ބައިނަލްއަގުވާމީ ލޯޔަލްޓީ ޕްރޮގްރާމް، "މޯލްޑިވްސް ބޯޑާ މައިލްސް" އިފްތިތާހުކޮށްފައިވެއެވެ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްއެމްޕީއާރުސީ ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އިމިގްރޭޝަން އޮފިސަރުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި މޯލްޑިވްސް ބޯޑާ މައިލްސް އިމިގްރޭޝަންގެ ތެރެއިން އުފެދިގެން ދިއުމަކީ، އިމިގްރޭޝަން އޮފިސަރުންގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަކަމެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ، ފާއިތުވެދިޔަ ދެއަހަރުގެ ތެރޭގައި ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކެއް އިމިގްރޭޝަނުން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިމިގްރޭޝަން" އުފައްދާ، ކުރު މުއްދަތެއްގެ ތެރޭގައި އިމިގްރޭޝަންއާއި ގުޅޭ ދާއިރާތަކުން ޑިޕްލޮމާ ކޯހެއް އިފްތިތާހު ކުރުމަކީ ބޮޑުކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

މުސްތަގުބަލުގައި މި އިންސްޓިޓިއުޓް މެދުވެރިކޮށް އިމިގްރޭޝަނާއި ގުޅޭ ދާއިރާތަކުން ދުނިޔޭގެ ފެންވަރުގެ ޑިގްރީ އަދި މާސްޓާރސް ކޯސްތައް ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ހަނަފީ ވިދާޅުވިއެވެ. ކޮންޓްރޯލާ ޖެނެރަލް އިތުރަށް ވިދާޅުވީ، ފާއިތުވެދިޔަ ފަނަރަ އަހަރު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމެއް ލިބިފައި ނުވާކަމަށާއި ނަމަވެސް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން މުވައްޒަފުންގެ ހިތުގައިވާ ގައުމީ ރޫހު ފެނިގެންދާކަމަށެވެ.

އަދި ކުރިއަށް އޮތް 2021 ވަނަ އަހަރު އިތުރު ކާމިޔާބީތައް ހާސިލް ކުރުމަށް ތަސައްވުރު ކުރާކަމަށާއި، އެކަންތައްތަކާ އެކު އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ލާމަރުކަޒީ ކުރެވި، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް