އައިޖީއެމްއެޗް ގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ހެޑް ރިޓަޔާ ކުރައްވައިފި

ޑރ. ފާތިމަތު އަލި ދީދީ -- ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗް ގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ހެޑް އޮފް ޑިޕާޓްމަންޓް ގެ މަގާމުން ޑރ. ފާތިމަތު އަލީ ދީދީ މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

ޑރ. ފާތިމަތު އަލީ ދީދީ އަކީ އައިޖީއެމްއެޗުގެ ތަފާތު އެކިއެކި މަގާމުތަކުގައި ހުންނަވައިގެން ހިދުމަތްކުރެއްވި ބޭފުޅެކެވެ.

ޑރ. ފާތިމަތު އަލީ ދީދީ އެންމެ ފުރަތަމަ ސެންޓްރަލް ހޮސްޕިޓަލައާއި ގުޅިވަޑައިގަތީ 1982 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހު ސީނިއާ ހައުސް އޮފިސަރެއްގެ ގޮތުގައެވެ. އޭގެފަހުން 1995 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގަތީ ރެޖިސްޓަރާ އިން މެޑިސިން ގެ މަގާމާއެކު އެވެ. އޭގެ ފަހުން އެ ހޮސްޕިޓަލުގެ މެޑިކަލް އެޑްމިންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވިއެވެ.

މަގާމުގެ ކުރިއެރުމާއެކު 2008 ގައި މެޑިކަލް އެޑްމިނިސްޓްރޭޝަން ގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެވުނެވެ. ސިއްހީ ދާއިރާގައި ޑރ. ފާތިމަތު އަލީ ދީދީގެ ތަޖުރިބާ އަކީ އައިޖީއެމްއެޗް ހިންގުމުގައި ލިބިގެންދިޔަ މުހިއްމު ތަޖުރިބާ އަކަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޑރ. ފާތިމަތު އަލި ދީދީ ވަނީ އައިޖީއެމް ހޮސްޕިޓަލުގެ ހެޑް އޮފް ކްލިނިކަލް ސާވިސަސް ގެ މަގާމާއި މެޑިކަލް އެޑްމިނިސްޓްރޭޝަންގެ އެޗްއޯޑީ ގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ސިވިލް ސާވިސަސްގެ ގަވާއިދުގެ ދަށުން މަގާމުން މުސްކުޅިކުރުމުގެ އުސޫލާ އެއްގޮތަށް ޑރ. ފާތިމަތު އަލީ ދީދީ މަގާމުން މުސްކުޅި ކުރެއްވި އިރު، އައިޖީއެމްއެޗަށް ކޮށްދެއްވި ހިދުމަތްތަކަށް ހޮސްޕިޓަލުގެ ފަރާތުން ވަނީ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާއެއް ދެއްވައިފައެވެ.

comment ކޮމެންޓް