ކުރިއަށް އޮތީ ބުރަ އަހަރެއް، ރާއްޖެ ޕްރޮމޯޓުކުރާ ގޮތް ވެސް ތަފާތުވާނެ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ

މި ފެށޭ 2021 ވަނަ އަހަރު ރާއްޖެ ޕްރޮމޯޓު ކުރަން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި ޕްރޮމޯޓުކުރުމުގައި ގެންގުޅޭ ސިޔާސަތު އަންނަ އަހަރު ތަފާތުވާނެ ކަމަށާ އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކޮވިޑް19ގެ ޕެންޑެމިކްއާ އެކު ވެސް ފަތުރުވެރިކަމުގައި މި އަހަރު ކާމިޔާބީތަކެއް ލިބުނު ކަމަށެވެ.

އެހެން ނަމަވެސް އެ ކާމިޔާބީތައް ދަމަހައްޓަން އަންނަ އަހަރު ކުރަން ޖެހޭ މަސައްކަތްތައް ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރަށް މި ނިކުންނަނީ ވަރަށް ގިނަ ކަންކަން ހާސިލުކުރުމަށް ފަހު. ޖުމުލަކޮށް ރާއްޖެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގްވާމީ 17 އެވޯޑު ލިބިއްޖެ މި އަހަރު. މިއީ ރަނގަޅު ކާމިޔާބެއް ކަމަށް ދެކެން. މިކަންކަމައިގެން ކުރިއަށް މި ނިކުންނަނީ ރަނގަޅު ޕްލޭނަކާ އެކު. މި ލިބުނު ކާމިޔާބުގައި މާ އުފާވެފައި ތިބެވޭކަށް ނެތް. އަދި ވެސް އިތުރަށް މަސައްކަތް ކުރަން މި ޖެހެނީ. މިކަން ދަމަހައްޓަން މާ މަސައްކަތް ކުރަން ޖެހޭނެ." ތޮއްޔިބު ވިދާޅުވި އެވެ

އެ ބައްދަލުވުމުގައި ބޭރު ދުނިޔޭގައި އަންނަ އަހަރު ރާއްޖެ އިޝްތިހާރުކުރަން ރާވާފައިވާ ސިޔާސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޗީފް މާކެޓިން އޮފިސަރު ފާތިމަތު އަފްރާ ވިދާޅުވީ އަންނަ އަހަރަށް ރާވާފައިވާ ސިޔާސަތުތައް އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށެވެ.

"ރާއްޖެއަކީ ލަގްޒަރީ ޑެސްޓިނޭޝަނެއް ގޮތަށް ޕްރޮމޯޓުކުރުމާއެކު އެހެން އެފޯޑަބަލް އޮޕްޝަންސް ހުރިކަން ޕްރޮމޯޓުކުރުން މުހިންމު. އޭގެ ތެރޭގައި ރާއްޖޭގެ ހަތަރު ޕްރޮޑަކްޓް [ރިސޯޓު، ގެސްޓްހައުސް، ލިވަބޯޑްސް އަދި ހޮޓެލް]ގައި ލިބެން ހުންނަ ތަޖުރިބާތައް ގެނެސްދިނުމާއެކު އެކި އަތޮޅުތަކާއި ރަށްތަކުގައި ހުންނަ ހާއްސަ ސިފަތައް، ތަޖުރިބާތަކެއްގެ ގޮތުގައި ގެނެސްދިނުމަށް އިސްކަމެއް ދޭނެ. ރާއްޖެއަކީ ހަމައެކަނި ބީޗް ނުވަތަ ހަނީމޫން ޑެސްޓިނޭޝަނެއްގެ އިތުރުން އެބަހުއްޓޭ ބައިވަރު ކަންތައްތައް ތަޖުރިބާކުރެވެން." އަފްރާ ވިދާޅުވި އެވެ.

ހަމައެއާ އެކު ވަކިވަކި ރަށްތަކުގެ ގޮތުގައި ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން މިއީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި މިހާރު ވެސް ޕްރޮމޯޓު ކުރާ ކުރުން އަންނަ އަހަރު ވެސް ދަމަހައްޓާނެ ކަމަށް އަފްރާ ވިދާޅުވި އެވެ.

މި ފެށޭ 2021ވަނަ އަހަރު ރާއްޖެ ޕްރޮމޯޓު ކުރަން މައިގަނޑު 343 ހަރަކާތެއް ކުރިއަށްގެންދަން އެމްއެމްޕީއާރުސީ އިން ވަނީ ރާވާފަ އެވެ. އަދި މައިގަނޑު އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ޕެންޑެމިކްގެ ކުރިން ފަތުރުވެރިން އައި އަދަދާ އެއްވަރުކުރުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.

comment ކޮމެންޓް