ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީއިން މިއަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްޕީއާރުސީއިން ވަނީ ރާއްޖެ އިޝްތިހާރު ކުރަން މިއަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓު ކުރަން މިއަހަރު ވަރަށް ގިނަ ހަރަކާތްތަކެއް ރާވާފައި ހުރި ކަމަށެވެ.

އެމްއެމްޕީއާރުސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ
އޭނާ ވިދާޅުވީ ކޮވިޑް19ގެ ޕެންޑެމިކްއާ ގުޅިގެން އެ ހަރަކާތްތައް މަޑުޖެހުނު ނަމަވެސް، ބޯޑަރު އަލުން ހުޅުވާލުމުން ފަތުރުވެރިކަމަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށެވެ.
"412 ހަރަކާތެއް ހިންގުނު، 22 ޓާގެޓް މާކެޓަކަށް. 47 ހަރަކާތް މިހާރުވެސް ކުރިއަށް އެބަދޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރަމުންދާ މަސައްކަތުގެ ހެއްކެއް. 314 ހަރަކާތަކީ މި ކާރިސާގެ ތެރޭގައި ހިންގި ހަރަކާތްތައް. މި މަސައްކަތުގައި [ޑިސެމްބަރު 28 ވަނަ ދުވަހާ ހަމައަށް] ކރި މަސައްކަތްތައް ހުއްޓާނުލާ އަދިވެސް ހަމަ ކުރިއަށް އެބަދޭ. މީގެ ތެރެއިން ބައެއް ކަންކަން މިއަންނަ އަހަރަށްވެސް އެބަދޭ." ތޮއްޔިބު ވިދާޅުވި އެވެ.
ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީއިން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މަސައްކަތަކުގެ ފޮނި ނަތީޖާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރި 16 އެވޯޑެއް މިއަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުން ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފަސްލައްކައަށް އެރުމުގެ އަމާޒުވެސް ހާސިލު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޑެމިކްއާ ގުޅިގެން އެމްއެމްޕީއާރުސީއިން ވަނީ މާކެޓިން ހަރަކާތްތައް ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ޕްލެޓްފޯމުތަކަށް ބަދަލުކޮށްފަ އެވެ. އަދި ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ބަލައިގެން، ތިން މަރުހަލާއަކަށް އެ ހަރަކާތްތައް ބަހާލި އެވެ. އެއީ ރިއެކްޓް، ރީތިންކް އަދި ރިކަވަރީ މަރުހަލާ އެވެ.

ރާއްޖެއަށް އަައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ސަން ފޮޓޯ
ފުރަތަމަ މަރުހަލާގައި އޮންލައިން މީޑިއާތަކުގައި ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިންނަށާއި ދާއިރާގެ މީހުންނަށް ރާއްޖޭގައި އަޅާފައިހުރި ސިއްހީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނެވެ.
ދެވަނަ މަރުހަލާގައި ރިސްކް އެސެސްމަންޓްތަކާއި ކާރިސާގެ ޕްލޭނެއް އެކުލަވާލައި، 'އިމާސިވް' ކޮންޓެންޓް އުފެއްދި އެވެ. އަދި ރާއްޖޭގެ ގައިޑްލައިންތައް އެކި މާކެޓުތަކުގައި އެ ގައުމެއްގެ ބަހަށް ތަރުޖަމާކޮށްގެން ހިއްސާކުރި އެވެ.
ތިންވަނަ މަރުހަލާގައި އެމްއެމްޕީއާރުސީއިން ވަނީ އެކި މާކެޓުތަކުގެ ޓުއާ އަޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން މަސައްކަތްކޮށް، އެ ފަރާތްތަކާއެކު ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ރަޝިއާ، މެދުއިރުމަތި އަދި އިންޑިއާއާއި ޔޫރަޕުގެ ބައެއް މާކެޓުތަކަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ޕްރޮމޯޝަން މަސައްކަތް ކޮށްފައިވެ އެވެ.
ޖުލައި 15ގައި ބޯޑަރު ހުޅުވާލިފަހުން މި މަހުގެ 27ވަނަ ދުވަހާ ހަމައަށް 159،440 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 542،287 އަށް އަރާފަ އެވެ.
އެމްއެމްޕީއާރުސީއިން ޕްރޮމޯޝަން މަސައްކަތުގައި ހާއްސަ އިސްކަން ދޭ މާކެޓުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާއާއި އިންޑިއާއަކީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދެ މާކެޓެވެ. އެގޮތުން މި މަހުގެ 27ވަނަ ދުވަހާ ހަމައަށް ރަޝިއާއިން 29،788 ފަތުރުވެރިން އަދި އިންޑިއާއިން 26،100 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
މުޅި އަހަރަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 46،0000އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ރަޝިއާ އެވެ. މި ލިސްޓުގައި ރަޝިއާގެ ފަހަތުގައި ހިމެނެނީ އިޓަލީ، އިންޑިއާ، ޔޫކޭ އަދި ޗައިނާ އެވެ