ބޮޑު ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި

5 މާރިޗް، 2020: ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަހްމަދު ނިހާން ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މި މަހުގެ މެދު ތެރޭގައެވެ.

މައްސަލައިގައި ނިހާނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދުއެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.

އަދި ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވެއެވެ.

މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.

މައްސަލާގައި ހުށަހެޅުނު ހެކި ގަރީނާއަށް ރިއާޔަތްކޮށް ނިހާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އެއް ދައުވާ އާއި ރިޝްވަތުގެ ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ.

މަނީ ލޯންޑްރިންގ ގެ ދައުވާ އުފުލީ ނިހާނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަދީބު ގާތު އެދިފައިވާތީ އުފުލާފައި ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާއެވެ.

އަދި އެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އަދި އަދީބު ދިން ފައިސާގައި ހިފާފައި ވާތީ، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ވަނީ ހާޒިރުކޮށްފަ އެވެ. އަދި އޭނާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.

ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ނިހާން ވަނީ ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ.

comment ކޮމެންޓް