ލައިސަންސްގެ ބަދަލުގައި ދެން ޕާސްޕޯޓް ކާޑު ގަބޫލުނުކުރާނެ

ޕާސްޕޯޓު ކާދުގެ ސާމްޕަލް އެއް -- ފޮޓޯ/ އިމިގްރޭޝަން

ޑްރައިވިން ލައިިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ދިވެހި ޕާސްޕޯޓު ކާޑަކީ، ދަތުރުފަތުރުކުރުމަށާއި އެހެނިހެން ބޭނުންތަކަށް ދިވެހީންނަށް ދޫކުރާ މަލްޓިޕާޕަސް ލިޔުމެކެވެ.

ޕާސްޕޯޓު ކާޑާބެހޭ ގަވާއިދުގައި ޕާސްޕޯޓު ކާޑު ބޭނުންކޮށްގެން ހޯދޭނެ ހިދުމަތްތައް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ރާއްޖޭގައި ބައިނަލްއަގުވާމީ ވައިގެބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ފުރުމަށާއި، ރާއްޖެއަށް އެތެރެވުމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާ ކާޑުތަކުން ލިބޭ ހިދުމަތްތައް ހޯދުމަށާއި އެލައިޑް އިންޝުއަރެންސްގެ ހިދުމަތް ހޯދުމަށާއި ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ.

އޭގެ އިތުރުން، ޑްރައިވިން ލައިސެންސް ކާޑުގެ މައުލޫމާތު ބެލުމަށް ވެސް ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެ ކަމަށް ގަވާއިދުގައި މީގެކުރިން ބުނެފައިވެ އެވެ.

ނަމަވެސް އިމިގްރޭޝަނުން ވަނީ އެ ގަވާއިދަށް އިސްލާހު ގެނެސް، ޑްރައިވިން ލައިސެންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓު ބޭނުންކުރެވޭނެ ކަމަށް އިން މާއްދާ އުނިކޮށްފަ އެވެ.

ދިވެހި ޕާސްޕޯޓު ކާޑު މެދުވެރިކޮށް ލިބޭނެ ކަމަށް ގަވާއިދުގައި ބުނާ ހިދުމަތްތަކުގެ އިތުރަށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު މޯލްޑިވްސް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިސްލާހު މިހާރު ގެޒެޓުކޮށްފައި ވާއިރު، އެއަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ޕާސްޕޯޓު ކާޑު ކާޑު ހަދައިދެނީ 2016 ޖެނުއަރީގެ ފަހުން އީ -ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާފަރާތްތަކަށެވެ. ޕާސްޕޯޓު ކާޑުު ހެއްދުމަށް ފީ އެއްގެ ގޮތުގައި ނަގާނީ 450 ރުފިޔާ އެވެ.

comment ކޮމެންޓް