އިންޑިއާއިން އަނެއްކާވެސް ފިޔާ އެކްސްޕޯޓު ކުރަން ހުއްދަ ދެނީ

އިންޑިއާއިން ވަނީ އަނެއްކާވެސް ފިޔާ އެކްސްޕޯޓު ކުރަން ފަށާފަ -- ފޮޓޯ: ޑާކާ ޓްރިބިއުން

ދިއްލީ (ޑިސެމްބަރު 29): އިންޑިއާގެ ސަރުކާރުން އަންނަ ހުކުރު ދުވަހުން ފެށިގެން އަނެއްކާވެސް ފިޔާ އެކްސްޕޯޓު ކުރަން ހުއްދަ ދޭން ނިންމައިފި އެވެ.

އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެން އެގައުމުން ހުރިހާ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުން ހުއްދަ ވާނެ އެވެ.

"އެކެއް ޖެނުއަރީ 2021އިން ފެށިގެން ހުރިހާ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުން ހުއްދަ ވާނެ،" އެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރަން ނިންމީ އެ ދުވަސްވަރު އެގައުމުގެ ބައެއް ސަރަހައްދުތަކަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. އަދި އިންޑިއާގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ބޮޑު ވުމުންނެވެ.

ނަމަވެސް އޭގެ ފަހުން އެގައުމުގައި ފިޔާގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރި އިރު ދިއްލީގައި ހޯލްސޭލްކޮށް ފިޔާ ވިއްކި އަގާ އަޅާ ބަލާއިރު މިހާރު އެ އަގު ވަނީ 25 ޕަސެންޓު ދަށްވެފަ އެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއިން މިދިޔަ އަހަރުގެ އޭޕްރިލް މަހާއި މިއަހަރުގެ މާޗް މަހާ ދޭތެރޭ 328 މިލިއަން ޑޮލަރުގެ ތާޒާ ފިޔާ އެކްސްޕޯޓުކޮށްފައިވެ އެވެ.

comment ކޮމެންޓް