އަސާސީ ބޭސް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖައްސަން އެދިއްޖެ

ތާޖުއްދީން ސްކޫލުގައި މީގެކުރީން ހުޅުވާފައިވާ ވަގުތީ ބޭސް ފިހާރައެއް --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބަލި މީހުންނަށް ލިބެން ޖެހޭ އަސާސީ ބޭސް، މެދުކެނޑުމެއް ނެތި ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ހެލްތު މިނިސްޓްރީ އިން އާންމުކޮށް އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މެދު ނުކެނޑި ދާއިމީ ގޮތެއްގައި ބަލި މީހުންނަށް ފަސޭހަކަމާ އެކު އަބަދު ވެސް ލިބެން ހުންނަން ޖެހޭ މުހިއްމު ބޭސްތައް ކަމަށެވެ. އެހެންކަމުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކަމަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އަސާސީ ބޭސް ލިސްޓަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ލަފަޔާއި އިރުޝާދާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެސެންޝަލް މެޑިސިންގެ ލިސްޓް ނަމޫނާއަކަށް ބަލައިގެން ތައްޔާރުކުރާ ލިސްޓެއް ކަމަށެވެ. އެ ލިސްޓަކީ ކޮންމެ ދެ އަހަރުން އެއް އަހަރު އަޕްޑޭޓް ކުރާ ލިސްޓެއް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އަސާސީ ބޭސް ހިމެނޭ ލިސްޓު ވަނީ ދާދި ފަހުން އަޕްޑޭޓް ކޮށްފަ އެވެ. އެ ލިސްޓުގައި އަސާސީ ބޭސްގެ ގޮތުގައި 169 ބޭހެއް ހިމެނެ އެވެ.

އެ ބޭސްތަކަކީ އަބަދު ވެސް މެދު ނުކެނޑި ބަލި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު އެގިންތި އަކަށް ކަނޑައެޅިފައިވާ ހެލްތް ފެސިލިޓީ އަދި ފާމަސީ ތަކުގައި ކޮންމެހެން އަބަދު ވެސް ލިބެން ހުންނަށް ޖެހޭ ބޭސްތަކެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީ އިން ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އާންމުންނާއި ހިދުމަތްދޭ ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުން ކަމަށެވެ.

އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ބޭސް އިމްޕޯޓް ކުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވީނަމަވެސް، މާކެޓުން ބޭސް ހުސްވެ ބައެއް މުހިއްމު ބޭސް ބަލިމީހުންނަށް ނުލިބޭ ހާލަތަށް ދާކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް މިނިސްޓްރީއިން ފާހަގަކުރި އެވެ.

comment ކޮމެންޓް