ސައުދީގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރި އެކްޓިވިސްޓަކު 5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ސައުދީ އަރަބިއާގައި އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރި މަޝްހޫރު އެކްޓިވިސްޓު ލުޖެއިން އަލް-ހަތުލޫލް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ރިޔާޒް (ޑިސެމްބަރު 28): ސައުދީ އަރަބިއާގައި އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރި މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ލުޖެއިން އަލް-ހަތުލޫލް ފަސް އަހަރާއި އަށް މަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ސައުދީ ސަރުކާރާ ގުޅުން ހުރި ނޫހަކުން ރިޕޯޓު ކުރި ގޮތުގައި އަލް-ހަތުލޫލްގެ ޖަލަށް ލާން ހުކުމް ކުރީ ޓެރަރިޒަމްގެ މައްސަލަތައް ބަލާ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުންނެވެ. އަދި އޭނާގެ މައްޗަށް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ކުރުމާއި ބޭރުގެ އެޖެންޑާއެއް ކުރިއަރުވަން މަސައްކަތް ކުރުމުގެ ދައުވާ ސާބިތުވެފަ އެވެ.

އެ ދައުވާތަކާ ގުޅިގެން އަލް-ހަތުލޫލް ހައްޔަރު ކުރީ 2018އިގަ އެވެ. އެހެންކަމުން އޭނާގެ ހުކުމުން ދެ އަހަރާއި 10 މަސް ވަނީ ކަނޑާލާފަ އެވެ.

އަލް-ހަތުލޫލް ކެމްޕެއިން ކުރި ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި އަންހެނުން އަމިއްލައަށް ދަތުރު ކުރުން ފަދަ ކަންތައްތައް ކުރުމަށް ހުރަސް އަޅާ "މޭލް ގާޑިއަންޝިޕް ގާނޫނުތައް" އުވާލުން ހިމެނެ އެވެ. އަދި އޭނާ ހައްޔަރު ކުރީ އެގައުމުގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އަލް-ހަތުލޫލްގެ އާއިލާއިން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރުމަށް ފަހު ތިން މަސް ވަންދެން އޭނާއާ އެއްވެސް ގޮތަކަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެ އެވެ. އަދި ޖަލުގައި އޭނާއަށް އިލެކްޓްރިކް ޝޮކު ދީ، ތަޅާ، ޖިންސީ ފުރައްސާރަކޮށްފައިވެ އެވެ.

މީގެ އިތުރުން އަލް-ހަތުލޫލްއަށް ޖަލުގައި އަނިޔާ ނުކުރާ ކަމަށް އޭނާ ވީޑިއޯ މެދުވެރިކޮށް ބުނެފި ނަމަ އޭނާ މިނިވަން ކުރާނެ ކަމަށް ސައުދީގެ ކަމާ ބެހޭ އޮފިޝަލުން ބުނި ކަމަށާއި ނަމަވެސް އަލް-ހަތުލޫލް އެކަމަށް އެއްބަސް ނުވި ކަމަށް އެ އާއިލާއިން ބުންޏެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވަނީ އަލް-ހަތުލޫލްގެ ޝަރީއަތް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެފަ އެވެ.

ސައުދީގައި ޖޫން 2018އިގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމުގެ ކުރިން އަލް-ހަތުލޫލް އާއި އިތުރު އެކްޓިވިސްޓުންތަކެއް ހައްޔަރު ކުރި މައްސަލައިގައި އެގައުމަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައިވީ ނަމަވެސް އެމީހުންގެ ޝަރީއަތް ކުރިއަށްގެންދާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް