އާސެނަލް ސަޕޯޓަރުންނަށް ލިބުނު ހިތްދަތިކަމުގެ ޒިންމާ ނަގަން: އާޓެޓާ

އާޓެޓާ އާސެނަލަށް ކުޅުނު ދުވަސްވަރު --- ފޮޓޯ/ އޭއެފްޕީ

އާސެނަލް މި ސީޒަނުގައި ދައްކަމުން އައި ދަށް ކުޅުމުގެ ސަބަބުން އެ ކުލަބުގެ ސަޕޯޓަރުންނަށް ދިމާވެފައިވާ ހިތްދަތިކަމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ކުރީކޮޅު ލިބުނު މޮޅަކަށްފަހު އާސެނަލް ލީގުގައި މޮޅެއް ނެތި ލީގުގެ ފުލަށް ފޭދެމުން ދަނިކޮށް އެ ޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ މިފަހަރު އެންމެ ވަރުގަދައަށް އޮތް އެއް ޓީމު ކަމަށްވާ ޗެލްސީ ބަލިކޮށްފަ އެވެ. މި މޮޅާ އެކު އާސެނަލަށް އަދި ހިންދެމިލާނެ ފުރުސަތެއް ނެތް އިރު، މިހާތަނަށް ކުޅުނު 14 މެޗުގެ ނަތީޖާ އަކީ 1975 ވަނަ އަހަރުން ފެށިގެން އެކުލަބު ނުނެރޭހާ ދަށް ނަތީޖާތަކެކެވެ. އާސެނަލް އަދިވެސް އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ޗެލްސީގެ އަތްދަށުން އާސެނަލް ސަލާމަތް ވުމަކީ އެ ޓީމުގެ ކޯޗު އާޓެޓާގެ ވަޒީފާއަށް ޕްރެޝަރު ކޮންމެވެސް ވަރަކަށް ކުޑަވި ކަމެއް ނަމަވެސް އާސެނަލުގެ ސަޕޯޓަރުން އަދިވެސް ތިބީ ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަ ނުޖެހި، ބޮޑެތި އެހެން ބައެއް ކުލަބުތަކުގެ ސަޕޯޓަރުންގެ ކުރިމަތިން ލަދަށްޓަކައި ފިލައިގެންނެވެ.

"މިދަނޑިވަޅަކީ ވަރަށް ހިތްދަތި އަދި ކުލަބުގެ ސަޕޯޓަރުންނަށް ވެސް ކެތްކުރަން އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް. ހާއްސަކޮށް ޓީމުގެ ނަތީޖާތައް ވޭތުވެ ދިޔަ ދެ މަހެއްހާ ދުވަހު މިއައީ ހީކުރި ގޮތަކަށް ނޫން. މިއީ އެކަކަށް ވެސް ބަލައިގަންނަން ފަސޭހަކަމެއް ނޫން. އަހަރެން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން،" އާޓެޓާ ބުންޏެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އާޓެޓާ އާސެނަލާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އާޓެޓާ ބުނީ، މި ހާލަތުން އަރައިގަތުމަށް އޮތީ އެންމެ ހައްލެއް ކަމަށާއި، އެއީ މެޗުތަކުން މޮޅުވުން ކަމަށެވެ. އަދި މެޗުން ނަތީޖާ ނުނެރެވޭނަމަ އެއީ އޭނާގެ އަމިއްލަ ނަފުސާއި، ޓީމުގެ ސަޕޯޓަރުންނަށް ދެވޭ ބޮޑު ދެރައެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާޓެޓާ، 38، ގެ މަގާމާއި މެދު ސުވާލު އުފެދިފައިވާ އޮތް ނަމަވެސް އާސެނަލުގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރުމަކީ އެ ޓީމުން ހަދާނެ ބޮޑު ގޯހެއް ކަމަށް މެސިޓީގެ ކޯޗު ގާޑިއޯލާ ވަނީ މިފަހުން ބުނެފަ އެވެ.

comment ކޮމެންޓް