ދުޅަހެޔޮ ހަޔާތަކަށް އަލިވިލުނު އަހަރެއް!

ޖޫން 9، 2020: މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމާއެކު ކޮންމެ ދުވަހެއްގެ ފަތިހުން 05:00 އިން ފެށިގެން 08:00 ގެ ނިޔަލަށް ދުވަސްވީ މީހުންނަށް ކަސްރަތުކުރުމަށް ނިކުމެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ އެކު އެންމެންގެ ހަޔާތް އެ ފުށް މި ފުށަށް ޖަހާލި އެވެ. އެންމެ ބޮޑު ތަފާތަކީ ފުރަބަންދެއްގައި ތިބެން ޖެހުމާ އެކު އާ ވައްޓަފާޅިއަކަށް އެންމެންގެ ދިރިއުޅުން ބަދަލު ކުރަން ޖެހުމެވެ. އާ ވައްޓަފާޅިއާ އެކު ގިނަ ދިވެހިން ދަސްކުރި އެއްކަމަކީ ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. ގައިގެ ޖަހާފައި ހުރި މަސްތައް ވިރުވާލާ އެތައް ބަޔަކު ހިކުނެވެ.

ކޮވިޑް-19 އާ ގުޅިގެން ޖިމްތަކަށް ދިޔުމާއި ބޭރަށް ދުވަން ދިޔުން ހުއްޓާލަން ޖެހުނަސް އެއް ބަޔަކު ބެލީ އާ ރޫޓިންއެއްގައި ކަސްރަތުކުރާށެވެ. ވައިރަސްގެ ސްޓްރެސްއާއެކު ވަޒީފާގެ މާހައުލަށްފަހު ލިބޭ ހުސްވަގުތުގައި އިންޓަނެޓްގެ އެހީގައި އާ ވޯކްއައުޓް ރޫޓީން އެއް ބަހައްޓައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަން ފެށި އެވެ.

އޭގެތެރެއިން އެކަކަކީ 21 އަހަރުގެ އަހުމަދު އަޒީމް އެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ވޮލިންޓިއާކޮށް މަސައްކަތް ކުރަމުން ގެންދާ އަޒީމް، ކޮވިޑް-19 ލޮކްޑައުންގެ ކުރީން އާންމުކޮށް ކަސްރަތުކޮށެއް ނޫޅެ އެވެ.

"ލޮކްޑައުން ހަމަ ފެށުނުތާ ކައިރީގައި ވޯކްއައުޓް ކުރަން ފެށިން. އަސްލު ފެށީ ފޫހިވެގެން. މާ ބޮޑަށް ވަގުތު އިތުރުވެފައި އޮންނާތީ،" އަޒީމް ބުންޏެވެ.

ފޫހި ފިލުވައި މަޖަލަކަށް ފެށި ވޯކްއައުޓް ވެގެން ދިޔައީ އެކަމަށް ދެވި ހިފި ކަމަކަށް ކަމަށް އަޒީމް ބުންޏެވެ.

"އަސްލު ދެން ފުރަތަމަ ސަކަރާތަކަށް ފެށީ. ވަރަށް އަވަހަށް ނިދަނީ ފަތިހު ހޭލައިގެން ވޯކްއައުޓް ކުރުމަށް،" އޭނާ ބުންޏެވެ.

ފަތިހު ފަހެއް ޖަހާކަށްހާއިރު ކަސްރަތުކޮށް ރަނގަޅު ރޫޓީން އަކަށް އޭނާގެ ހަޔާތް އަޅުވާލި އެވެ. މުރާލިވި އެވެ. ގިނަ ކަންތައްތަކެއް ކުރަމުން ކަސްރަތަށް ވަގުތު ދެމުން ދިޔައީ ގޭގައި ބަންދުވެގެން ނުހުރެ ސިއްހަތަށް ފައިދާވާނެ ކަމެއް ކުރުމުގެ މަގުސަދުގަ އެވެ.

މީގެ ކުރިން ހެލިފެލިވެ ނޫޅޭ އަޒީމް އެންމެ ފަހުން ކަސްރަތަކީ މިއަދު އޭނާގެ ހަޔާތުގެ ބަޔަކަށް ވަނީ ހަދައިފަ އެވެ.

"ރަށްޓެއްސެއް އުޅޭނެ ޖިމް އެއްގެ ޓްރެއިނަރަކަށް. އޭނާ ދީފައި އޮންނާނެ ހާއްސަ ވޯކްއަޓް ރޫޓީންތަކެއް. އެ ބަލައިގެން ކަސްރަތު ކުރަން ފެށީ،" އޭނާ ބުންޏެވެ.

އަޒީމް ބުނިގޮތުގައި ކޮވިޑުގެ އާ ވައްޓަފާޅިއާ އެކު ކަސްރަތު ކުރަން ފެށުމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަސޭހަވެ ސްޓްރެސްވެސް ފިލައިގެން ހިނގައްޖެ އެވެ. ގޭސްޓްރިކާއި މިހެން ހުންނަ ކޫސަނި އެތައް އުނދަގުލަކުން އޭނާއަށް ސަލާމަތް ވެވިއްޖެ އެވެ.

ކޮވިޑާ އެކު އޭނާ އުޅެން ފެށި އާ ދިރިއުޅުމުގައި އޮންނަނީ ފަތިހު ފަތިހާ ހޭލައިގެން ދުވަސް ފެށުމެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ފަތިހާ ހޭލައިގެން ކަސްރަތު ކުރަން ފަށަ އެވެ.

ކޮވިޑާ އެކު ލޮކްޑައުން ނުކުރި ނަމަ މިކަހަލަ އާދަތައް ހިއެއް ނުވޭ ދަސްވާނެ ހެނެއް،" އަޒީމް ބުންޏެވެ.

އަޒީމް އެކޭ އެއްގޮތަށް ލިއުޝާ އިބްރާހިމް، 26 އަކީވެސް ކޮވިޑް-19ގެ ލޮކްޑައުންގެ ތެރޭގައި ކަސްރަތު ކުރަން އާދަކުރި ޒުވާނެކެވެ.

އެހެންނަމަވެސް އަޒީމް އާ ހިލާފަށް ލިއުޝާ ކަސްރަތު ކުރަން ފެށީ ލޮކްޑައުންގެ ފަހުކޮޅު އެވެ.

"ގޭގައި ތާށިވުމުގެ ކުރީން އަސްލު ކުރީން ރޭގަނޑު ހިނގަން ދަން ދައްތައާއެކު. އެކަމު ލޮކްޑައުންއަށް މާލެ ލުމާއެކު އަޅުގަނޑު ދެން ހަމަ ގޭގައި ތާށިވެފައި އޮތީ،" އޭނާ ބުންޏެވެ.

އެ ދުވަސްކޮޅުގައި އެއްވެސް ކަމެއް ކުރާހިތް ނުވި ކަމަށް އޭނާ ބުންޏެވެ. އަދި ގެއިން ވަޒީފާ އަދާކުރި ނަމަވެސް ފުދޭ ވަރަކަށް ބިޒީވިކަން ފާހަގަކޮށް އޭނާ ބުނީ އެކަމުގެ ސަބަބުން ހަށިގަނޑަށް ބަލަންވާ ވަރަށް ނުބެލުނު ކަމަށެވެ. އެއާއެކު އޭނާ ފަލަވާން ފެށި އެވެ.

"އެންމެ ފުރަތަމަ އަނެއްހެން އެހާ ބޮޑު ކަމަކަށް ނުހަދަން. އެކަމު އެނގޭ ފަލަވާކަން ކޮންމެވެސް ވަރަކަށް. ދެން ދޮޅު މަހެއް ފަހުން ގޮސް ބަރުދަން ބަލާލީމަ އިހުސާސް ކުރެވުނީ،" ލިއުޝާ ބުންޏެވެ.

އޭނާ ބުނީ ލޮކްޑައުންގެ ތެރޭގައި ހަތް ކިލޯ ބަރުވި ކަމަށެވެ. އެހެންކަމުން އޭނާ އުއްމީދުކޮށްގެން ހުރީ ޖިމަށް ދާން ކަމަށް ބުންޏެވެ. އެހެންނަމަވެސް ޖިމަށްވެސް ދެވެން ނެތުމުން ގޭގައި ކަސްރަތު ކުރަށް ފެށި އެވެ.

ލިއުޝާ ބުނިގޮތުގައި އޭނާގެ ވަޒީފާގެ ވަގުތުތައް އޮންނަ ގޮތުން ކަސްރަތަށް އެންމެ ފަސޭހަ ވަގުތަކީ ރޭގަނޑެވެ. އެހެންކަމުން ރޭގަނޑު ކަސްރަތު ކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ ހަމަ މިކަމެއް ނުވާނޭ ހިތަށް އެރީ. އެކަމު ލާ ހުރިހާ އެއްޗެއް ބާރުވާން ފެށީމަ ދެން ހިތަށް އެރީ ދެން ނުހުއްޓާނީއޭ. އެންމެ ފުރަތަމަކޮޅު ހަމަ އެއް ދުވަހު ކަސްރަތުކޮށް އަނެއް ދުވަހު ނުކޮށް ދިޔައީ. އެކަމު މަޑުމަޑުން އާދަތައް ބަދަލުކުރަން ފެށީ،" އޭނާ ބުންޏެވެ.

މީގެކުރީން ރޭގަނޑު ދަން ވަންދެއް ހޭލައި އޮތުމުގެ އާދައަށް ބަދަލު ގެނެސް އަވަހަށް ނިދުމަށް އާދަ ކުރަން ފެށުމުން ކަސްރަތު ކުރަން ވަރަށް ފަސޭހަވި އެވެ. ދުވަސް ތާޒާވި އެވެ.

އެންމެ ފުރަތަމަ ކަސްރަތު ކުރަން ފެށިއިރު ހަދަންވީ ގޮތްވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ދެން ޔޫޓިއުބް ބަލައިގެން ޓިއުޓޯރިއަލްތަކާއި ވޯކްއައުޓް ރޫޓީންތައް ބަލައިގެން މަޑުމަޑުން އެ ހަދަން ފެށީ. އެއަށްފަހު އެ އެއްޗެހި ހަމަ ގަވައިދުން ހަދަމުން ދިޔައީ،" އޭނާ ބުންޏެވެ.

ލިއުޝާ ބުނީ މިހާރު ކަސްރަތުގެ އާދައަށް އޭނާ ހޭނިފައިވާ ކަމަށެވެ. އަދި ކަސްރަތު ނުކޮށް ނިދަންވެސް އުނދަގޫ ވާ ކަމަށެވެ. އަދި ގެއިން ނުކުތުމަށް ހުއްދަ ލިބުނަސް މިހާރު ގޭގައި ކަސްރަތު ކުރާ ކަމަށް އޭނާ ފާހަގަކުރި އެވެ.

"ބައެއް ރޭ ރޭ ދުވަން ދަން. އެކަމު ގިނައިން ހަމަ ކަސްރަތު ކުރަނީ ގޭގައި ހަމަ. މިހާރު ހަމަ ކަސްރަތު ކުރުން ވަނީ އާދަވެފައި. ކޮންމެހެން ޖިމަށް ނުދިޔަސް މިކަން ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ލިއުޝާ ބުންޏެވެ.

މާލޭގެ ފުރަބަންދަށް ލުއިދީ ވަކި ވަގުތެއްގައި މާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސުމުން މާލެ ވަށައި ދުވާ ހިނގާ މީހުން ގިނަވި އެވެ. އެއް ބަޔަކު އާއިލާއާ އެކު ހިނގާފައި ގޮސް އާޓިފިޝަލް ބީޗް ނޫނީ ރަސްފަންނަށް ގޮސް މޫދަށް އެރި އެއީ ފަތާގަނޑީގެ ގޮތުގައި ހަމަޖެއްސި އެވެ. އަނެއް ބަޔަކު އަންހެނުން ގޮވައިގެން ހިނގާލާފައި ގޮސް މައިޒާންތަކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަ އެވެ. ކޮވިޑުގެ ބަންދުކަމާ އެކު ދިވެހީންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ނޭނގި ނަމަވެސް ދެވުނެވެ. އެކަމަކު ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފެށުމުން އެ އާދަ އެބަ ދޫވެ އެވެ. ހިނގާ ދުވާ މީހުން މިހާރު އަނެއްކާ މަދުވެއްޖެ އެވެ. ރޭގަނޑު މޫދަށް ޖައްސާލުމުގެ އާދަ ދޫވެ ސައިކަލުގައި ބުރުޖެހުމުގެ އާދައަށް އެބަ ބަދަލުވެ އެވެ. އެކަމަކު ކޮވިޑާ އެކު ވިހިވިހި ވީ އެތައް ދިވެހީންނަކަށް ދުޅަހެޔޮ ހާޔަތަކަށް އަލިވިލުން ކަމުގަ އެވެ.

comment ކޮމެންޓް