އެމްއެމްޕީއާރުސީ މައްސަލައިގައި އޭސީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި

އޭސީސީގެ ނަންބޯޑު -- ސަން ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށް ރިޝްވަތުގެ ދެ ދައުވާއާއި މަނީލޯންޑަރިންގެގެ ދެ ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ދައުވާކުރީ އޮކްޓޫބަރު 2012 އިން 14 އޭޕްރިލް 2016 އާ ހަމައަށް އޭސީސީގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްއަށެވެ.

އާޒިމްއަކީ މިހާރު ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ ބޯޑު ޑިރެކްޓަރެކެވެ.

ޕީޖީއިން ބުނީ މި މައްސަލަ ފުލުހުންނާއި، އެސެޓް ރިކަވަރަކީ ކޮމިޝަނުން ތަހުގީގުކުރުމަށްފަހު އޭނާގެ މައްޗަށް މަނީލޯންޑަރިންގްގެ ދެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ ކުރުމަށް ޑިސެމްބަރު ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކޮށްފައިވަނީ އޭނާ އިސްކޮށް ހުރެ އޭސީސީން ތަހުގީގުކުރަމުން ދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކަރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރު އާޒިމްގެ ބޭންކް އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ދެވަނަ ދައުވާ ކޮށްފައިވަނީ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކަރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރު ލިބިގަނެ، އެ ޗެކު އަބްދުﷲ އާޒިމްގެ ކޮއްކޮގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ގައި ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

އަދި މަނީ ލޯންޑަރިންގްގެ ދެވަނަ ދައުވާ ކޮށްފައިވަނީ ފަހުން އަބްދުﷲ އާޒިމް ލިބިގަތް 50،000 އެމެރިކާ ޑޮލަރު އޭނާގެ ކޮއްކޮގެ އެކައުންޓަށް ޖަމާކޮށް، އެ މުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށްޓަކައި އަބްދުﷲ އާޒިމް އޭނާގެ ކޮއްކޮގެ އެކައުންޓަށް 771،000 ރުފިޔާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާގެ ގޮތުގައި ކޮއްކޮގެ އެކައުންޓުން ޗެކެއް އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގަށް ހޯދަމުންދާ އަހްމަދު އިސްފާހު އަލީއަށް ދޫކޮށްފައިވާތީއެވެ.

ދެ ފަހަރެއްގެ މަތިން 50،000 ޑޮލަރުގެ ދެ ޗެކު (ޖުމްލަ 100،000 ޑޮލަރު) އަބްދުﷲ އާޒިމް ހިފާފައިވާ ކަން ސާބިތުވެފައިވާތީ، ދައުލަތުން ކުރި ރިޝްވަތު ހިފުމުގެ ދެ ދައުވާގައިވެސް ވަނީ އެ ފައިސާ އަނބުރާ ނަގައިދިނުމަށް އެދިފައެވެ.

comment ކޮމެންޓް