2011ގެ ޓެކުނޮލޮޖީގެ އުސްއަލިތައް

ދުނިޔޭގެ ޓެކުނޮލޮޖީއަށް އިންގިލާބެއް ގެނުވި އެޕަލްގެ ކޯފައުންޑަން ސުޓީވް ޖޮބުސް ދުނިޔެ ދޫކުރުން ވެގެން ދިޔައީ މިދިޔަ އަހަރުގެ އެންމެ ހިތާމަވެރި ހަބަރަށެވެ. އެޕަލް ކުންފުނީގެ ހުރިހާ އުފެއްދުމެއްގެ މޭސްތިރި ކަމަށްވާ ސުޓީވް ޖޮބްސް ދުނިޔެ ދޫކުރުމުން ގިނަ ބަޔަކު އެކަމުގެ ހިތާމަ ކުރާއިރު އެޕަލް ކުންފުނީގެ ހުންގާނުގައި މިވަގުތު ހުރީ ޓިމް ކުކުއެވެ. ޓިމް ކުކް އަށް އަދި މިހާތަނަން އައު އުފެއްދުމެއް ނެރެވިފައިނުވާ އިރު އެޕަލްގެ އައިފޯނު 4 އެސްގެ ގިނަ މައްސަލަ ތަކާއި ހުރެ އެޕަލް އުޅެނީ ނޭވާ ނުޅެވިގެންޏެވެ. އެގޮތުން އައިފޯނު 4 އެސްގެ ބެޓެރީ މާ އަވަހަށް ހުޅިވާކަމަށް ގިނަބަޔަކު ބުނާ މައްސަލަ އަށް އަދިވެސް ވަނީ ހައްލެއް ނުހޯދިފައެވެ. ބަގެއް އުޅޭކަމަށް ބުނާ އިރު އައިފޯނު 4 އެސް އާއި އެކު ތައާރަފް ކުރި ސިރީވެސް ރަންގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނާ ބަޔަކު ވެސް އުޅެއެވެ.

ވިންޑޯސް އޮޕަރޭޓިން ސިސްޓަމް އުފައްދައިގެން ދުނިޔޭގެ އެންމެ މުއްސަދި މީހާގެ ލަގަބު ހޯދި ބިލްގޭޓުސްގެ މައިކުރޯސޮފްޓު ކުންފުނީގެ އޮފްކަން ކެންޑެމުންދާ އިރު ނޮކިޔާ ކުންފުނީގެ މަސްހޫރުކަންވެސް ދަނީ ކުޑަވަމުންޏެވެ. މައިކުރޯސޮފްޓު އަދި ނޮކިޔާ އެކުވެގެން އުފެއްދި ފޯނަށްވެސް ލިބުނީ ފިނި ތަރުހީބެކެވެ. އެންޑުރޮއިޑު މޯބައިލް އޮޕަރޭޓިން ސިސްޓަމް އުފެއްދި ގޫގުލް ގަނެފައިވާ މޮޓޮރޯލާ މޯބައިލް ކުންފުނި އެކުވެގެން ނެރޭ ފޯނުން ދައްކާނީ ކޮން ޖާދުލެއްކަމެއް އަދި ނޭގެއެވެ. ގޫގުލް އޮޕަރޭޓިން ސިސްޓަމުގެ އެންމެ ފަހުގެ ވަރސަން ކަމަށްވާ އައިސްކުރީމް ސޭންޑު ވިޗު މީރުކަމަށް ގިނަބަޔަކު ބުނާ އިރު ގޫގުލް ވޮލެޓަކީވެސް މިއަހަރު ދުނިޔެއަށް އުފަންވި ތަފާތު ޓެކުނޮލޮޖީއެއް ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ. ލާރި އަޅައިގެން ފަހަތު ޖީބުގައި ގެންގުޅޭ ވޮލެޓުގެ ބަދަލުގައި ފޯނުގެ ތެރޭގައި ގެންގުޅެވޭ ވޮލެޓުގެ ސަބަބުން ފަހަތު ޖީބު ދެން ބޮޑު ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ދުނިޔެއަށް ނެރުނު އެންމެ ފުރިހަމަ އުފެއްދުން ތަކުގެ ތެރޭގައި ސަމްސަން ގެލެކުސީ އެސް 2 ހިމެނެއެވެ. އަހަރުގެ އެންމެ މޮޅު ފޯނުގެ މަޤާމު އައިފޯނު ފަހަތައް ޖައްސާލުމަށް ފަހު ހޯދީވެސް ގެލެކުސީ އެސް 2 ކެވެ. އެފޯނުގެ ފުރިހަމަކަމާއި ކުޅަދާނަ ކަން ރަނގަޅަށް ބަލާނުޅެވި އުޅެނިކޮން ނެރުނު އެކުންފުނީގެ ގެލެކުސީ ނޯޓު ކިޔާ ބޮޑު ފޯނުގެ މޮޅުވާހަކަ ވެސް ދަނީ ދައްކަމުންޏެވެ. އެހެން ކަމުން ސުމާރޓުފޯނުތަކުގެ އެންމެ ކުރީގައި އޮތް އައިފޯނު ފަހަތަށް ޖައްސާލުމަށްފަހު ސަމްސަން ގެލެކުސީ ފޯނުތަށް ކުރިއަށް ޖެހިލަފާނެ ކަމަށްވެސް މިހާރު ދަނީ ބެލެވެމުންޏެވެ. ދުނިޔޭގެ ޓެކުނޮލޮޖީގައި ކޮރެޔާގެ ސަމްސަން ކުންފުނި ހޯދަމުން އަންނަ ކާމިޔާބަކީ ޓެކުނޮޖީ ދުނިޔޭގައި މިއަހަރު އެންމެ ފާހަގަ ކުރެވޭ އެއް ހަބަރެވެ.

ދުނިޔެއަށް ތަޢާރަފް ކުރެވުނު އާއުފެއްދުން ތަކުގެ ތެރެއިން 3ޑީ ޓީވީތައް އިންޓަނެޓު ލިބޭ ޓީވީތަކަށް ބަދަލުވިއެވެ. ހަމަ އެއާއި އެކު ފޯނުތަކަށްވެސް 3ޑީ ޑިސްޕުލޭގެ ފުރިހަކަން ލިބިގެން ދިޔައެވެ. އެގޮތުން އެޗު.ޓީ.ސީގެ އިވޯ އަދި އެލް.ޖީ ކުންފުނީގެ އޮޕުޓިމަސް 3ޑީ ފޯނު ވަނީ ބާޒާރަށް ނިމިދިޔައަހަރުގެ ތެރޭގައި ނިކުމެފައެވެ. އެހެން ކަމުން ފޯނުތަކުން 3ޑީ ފިލްމު ތައް ބަލާލެވޭއިރު ލެޕްޓޮޕު ކޮންޕިއުޓަރ ތައްވެސް ވަނީ 3ޑީ ސުކުރީނާއި އެކު ބާޒާރަށް ނިކުމެފައެވެ. ނިމިދިޔަ އަހަރަކީ ޓެކުނޮލޮޖީގެ ދާއިރާ ބޮޑު ކުރިއެރުމެއް ހޯދި އަހަރެއް ކަމަށް ގިނަ ފަންނީ މާހިރުން ބުނަމުންދާއިރު އަހަރު ނިމިގެންދިޔަ އިރުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ އައިފޯނު 5 ނިކުންނާނެ ދުވަހަކަށެވެ.

އައިފޯނު 5 ނެރެން އުޅޭ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބި ނަމަވެސް މިއަހަރު ތެރޭގައި އެޕަލް ކުންފުނިން ނެރުނީ އައިފޯނު 4 އަށް ކުޑަ ބަދަލެއް ގެނައުމަށް ފަހު އައިފޯނު4އެސް އެވެ. އެހެންކަމުން މުޅިން އައު ޖާދޫ ތަކެއް ދައްކާނެ އައިފޯނު 5 ނެރޭނެ ދުވަހަކަށް އަދިވެސް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންޏެވެ. ސަބަބީ އެޕަލް ކުންފުނީގެ އުފެއްދުން ތަކަކީ ހަމަ ކުއްލިއަކަށް ކުރިން މާބޮޑަށް އޭގެ މައުލޫމާތު ހާމަ ނުކޮށް ނެރެލާ އުފެއްދުން ތަކެއް ކަމަށް ވުމެވެ. ކޮންމެ އަކަސް ނިމިދިޔަ އަހަރުގެ ގިނަ އުފެއްދުން ތަކަކީ ވަރަށްވެސް ކާމިޔާބު ޓެކުނޮލޮޖީގެ ދުނިޔެ އާ އުސްމިންތަކަށް ގެންދިޔަ އުފެއްދުން ތަކެއް ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ.

ދުނިޔޭގެ ޓެކުނޮލޮޖީގެ ކޮންމެ ނާރެއް މިކުޑަ ކުޑަ ދިވެހިރާއްޖެއާއި ގުޅިލާމެހިފައިވާކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެގޮތުން ރާއްޖޭގެ ޓެކުނޮލޮޖީގެ މަސްރަހަށް ބަލާއިރު އެންމެ ހާއްސަކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ރާއްޖެއަށް ބުލެކުބެރީގެ ހިދުމަތް ވަތަނިޔާއިން ތައާރަފު ކުރުމާއި ގުޅިގެން ދިވެހިން ގެންގުޅެމުން އައި ބުލެކުބެރީގެ ފޯނުތަކަށް ފުރިހަމަ ހިދުމަތް މިއަހަރު ލިބިގެން ދިޔަކަމެވެ. މިއަހަރު ނިމެމުން ދަނިކޮން ވާދަވެރި ދިރާގުންވެސް ދިވެހިންނަށް ބުލެކުބެރީގެ ފުރިހަމަ ހިދުމަތް ދިނުމަށް ހާއްސަ ޕެކޭޖު ތަކެއް ވިއްކަން ފެށުމާއި އެކު ދިވެހިންގެ ގެންގުޅޭ ބުލެކުބެރީ ފޯނުތަކަށް މިހާރު ފުހިހަމަ ހިދުމަތް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. މުއްސަދިންނާއި ސިޔާސީ މީހުންނަށް ހާއްސަ ކަމަށް ގިނަ ބަޔަކު ބުނާ ބުލެކުބެރީ ފޯނު މިހާރު ބޭނުން ކުރާ މީހުންނަށް އޭރު ފުރިހަމަ ހިދުމަތް ނުލިބޭތީ ކުރާ މަލާމަތް ވެސް މިއަހަރުގެ ތެރޭގައި މިވަނީ ނިމިގެން ގޮސް ފައެވެ.

ޓެކުނޮލޮޖީގެ އާއުސްމިން ތަކަކަށް ގެންގޮސްދޭނެ މައިބަދަ އަކީ އިންޓަނެޓު ފޯރުކޮށްދޭ ނެޓުވޯކު ކޭބަލެވެ. ރާއްޖޭގެ އުތުރުން ދެކުނަށް މިހާރު އަޅާ ނިއްމާފައިވާ ފައިބަރ ކޭބަލް އަކީ ނިމިދިޔަ އަހަރު ރާއްޖޭގެ ޓެކުނޮލޮޖީ މަސްރަހުން ފާހަކަ ކުރެވޭނެ ކަމެކެވެ. ކަނޑުގެ އަޑިން ގެން ގޮސް ގިނަ ރައްތަކަށް ގުޅާ ނިންމާފައިވާ ކޭބަލުން ފޯރުކޮށްދޭ އިންޓަނެޓުގެ ހަލުއި މިނަތް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ. އަދި އެއާއި އެކު ރާއްޖޭގައި މިވަގުތު ނުލިބި ހުރި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަންވެސް ޔަޤީނެވެ. ޓެލެމެޑިސންގެ ހިދުމަތާއި ވީޑިއޯ ކޮންފަރެންސިންގެ ހިދުމަތް އުންދަގުލަކާޢި ނުޅައި ފޯރުކޮށްދެވޭނެ މަގުފަހިވެ، އަގުބޮޑުވެގެން ގިނަ ބަޔަކު ސަކުވާ ކުރާ އިންޓަނެޓު އަގަށްވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު