އާ ގާނޫނާއެކު ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް: މަޖިލިސް ރައީސް

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނާއެކު ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ތަސްދީގުކުރައްވާފަ އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މަޖިލިސް ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ބިލުގެ އިސްލާހުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެތައް ބަޔަކާއި އެ މުއައްސަސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހު ތަކެއް ކަމަށެވެ.

"މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

comment ކޮމެންޓް