ނިޒާމްބެގެ އިސްތިއުފާ ގަބޫލުކޮށް މާޒިޔާގެ ވަގުތީ ކޯޗަކަށް ސުޒައިރު

މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) ---

ލީގުގައި ރޭ ކްލަބް ވެލެންސިއާއާ 0-0 އިން މާޒިޔާ އެއްވަރުވި މެޗުގައި ދެއްކި ކުޅުމާ ގުޅިގެން އެ ޓީމުގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުން އެކަން ގަބޫލުކޮށް އިސްތިއުފާ ބަލައިގެންފައި ވާނެ ކަމަށް މާޒިޔާއިން ބުނެފި އެވެ.

މިއަހަރު ޖުލައި މަހު މާޒިޔާގެ ކޯޗު ކަމާ ހަވާލުވެ، ނިޒާމުގެ ކޯޗު ކަމުގެ ދަށުން މާޒިޔާއިން ކުޅުނީ ޑޮމެސްޓިކް ސީޒަންގެ ހަތަރު މެޗެވެ. ސީޒަން ހުޅުވި ޗެރިޓީ ޝިލްޑް މެޗުގައި ކުލަބު އީގަލްސް އަތުން ބަލިވީ އެވެ. އަދި ލީގްގައި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވީ ލަނޑެއް ނުޖެހި އެއްވަރު ވީ އެވެ. އެ މެޗަށްފަހު ނިޒާމްބެ ބުނީ މެޗުގެ އޮއެވަރު ދިޔައީ މާޒިޔާއިން ޕްލޭން ކުރި ގޮތަށް ނޫން ކަމަށެވެ.

އެއަށްފަހު ނިޒާމްބެ މިއަދު އިރުއޮއްކަށް ހާއިރު ބުނީ، ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމާ އެކު މާޒިޔާގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމި ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ނަގާނެ ބޮޑު ނިންމުމެއް ކަމަށާއި، ވޭތުވެ ދިޔަ ދުވަސްތަކުގައި ޓީމުގެ މެނޭޖްމެންޓާއި، ކުޅުންތެރިން އޭނާއަށް ދިން އެއްބާރުމުލަށް ޝުކުރު އަދާ ކުރާ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ނިޒާމްބެގެ އިސްތިއުފާއާ ގުޅިގެން މާޒިޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހެޑް ކޯޗުގެ މަގާމުގައި ހުރި ނިޒާމްބެ އިސްތިއުފާ ދިނުމަށް ހުށައެޅުމާއެކު، އެކުލަބުގެ ހިންގާ ބޯޑުން ނިޒާމްބެގެ އިސްތިއުފާ ގަބޫލުކުރާކަމަށެވެ.

އަދި އެކުލަބުގެ ހެޑް ކޯޗުގެ ގޮތުގައި ނިޒާމްބެ ހޭދަކުރު ދުވަސްތަކުގައި، އެ ކުލަބަށް ކޮށްދިން ހިދުމަތަށް ކުލަބުގެ މެނޭޖްމެންޓުން ޝުކުރު ދަންނަވާ ކަމަށާއި، މާޒިޔާ އިން ދާއިމީ ކޯޗެއް ހަމަޖައްސަންދެން ވަގުތީ ކޯޗެއްގެ ޒިންމާއާ ހަވާލުވީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) ކަމަށެވެ.

މިދިޔަ ޖުލައި 21 ވަނަ ދުވަހު މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސިއިރު އެންމެ ބޮޑު ފޯކަސް އަކީ މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެވެ. އެކަމަކު މާޒިޔާ އިން ޕްރެކްޓިސް ވެސް ފަށާފައި ވަނިކޮށް ފަހުން އެ މުބާރާތް ކެންސަލްކުރީ އެވެ.

comment ކޮމެންޓް