އަނދުން ހުސެއިނާއި ޝާހިދުގެ "މަދަރުސީ ދުވަސްވަރު" ކުޅުނު ލޮނުޒިޔާރަތް ދަނޑު ހުޅުވައިފި

ލޮނުޒިޔާރަތް ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން މިރޭ ޝަރަފުވެރ މެހެމާނަކަށް ވަޑައިގެން އަބްދުﷲ ޝާހިދު ދަނޑު ހުޅުވުމުގެ ގޮތުން ބޯޅަ ކުޅުއްވަނީ --- ފޮޓޯ//ޔޫތް މިނިސްޓްރީ

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު "މަދަރުސީ ދުވަސްވަރު" ކުޅެން އުޅުއްވި ލޮނުޒިޔާރަތްކޮޅުގައި ސަރުކާރުން ގާއިމު ކުރި ޒަމާނީ ފެންވަރެއްގެ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.

ލޮނުޒިޔާރަތް ޕާކާއި އިންވެގެން އޮތް ޓާފް ދަނޑު މިރޭ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހާއްސަ ފުޓްސަލް މެޗެއް ވަނީ ކުޅެފަ އެވެ. އެ މެޗުގައި އެއް ކޮޅުން ކުޅެފައިވަނީ ޔޫތް މިނިސްޓްރީގެ ޓީމެކެވެ. އެ ޓީމުގައި މިނިސްޓަރު މަހްލޫފްއާއި، ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް އަސަދުﷲ އަބްދުﷲ އަދި އެ ޓީމުގެ ކީޕަރު ހުސައިން ޝަރީފް ވަނީ ކުޅެފަ އެވެ. އިދިކޮޅުން ކުޅެފައިވަނީ ވަގުތީ ގޮތުން ދަނޑު ބެލެހެއްޓުމާއި ހަވާލުވި ޕީކޭ ސްޕޯޓްސް ކުލަބުގެ ޓީމެކެވެ.

މިރޭގެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެ ދަނޑަކީ ވަރަށް ކުރީގެ ހަނދާންތަކެއް އައު ވެގެންދާ ދަނޑެއް ކަމަށެވެ. އެގޮތުން އެ ބޭފުޅާކެ މަދަރުސީ ދުވަސްވަރު ސްކޫލް ނިންމާ ގޮތަށް އެއްޗެހި ބަދަލު ކޮށްގެން ދެން އަންނަނީ ލޮނުޒިޔާރަތް ޓާފް ދަނޑު މިހާރު އަޅާފައި އޮންނަ ތަނަށް ކަމަށެވެ.

"މިތަނަށް ކިޔަނީ އަޑި ޕާކް، މިތަނުގައި އޮންނާނީ މަޑު ފަސްގަނޑެއް. ދެން އޮންނާނީ އަކިރި. އަޅުގަނޑުމެން ކުޅެން ގެންގުޅުން ބޯޅައަކީ ފުއްޕާހަމެއް. އޭގައި ފޮތި އޮޅައިގެން އަޅުގަނޑުމެން ކުޅެމުން ގެންދިޔައީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ސަރަހައްދަކީ ޝަރަފުވެރި ބިމެއްކަމަށާއި، އެހެން ބުނެވެނީ އެތަނަކީ ރާއްޖޭގައި އުފެދުނު މޮޅެތި ފުޓުބޯޅަ ކުޅުންތެރިންތަކެއް އެންމެ ތުއްތު ދައުރުގައި ފުޓުބޯޅަ ކުޅެން ފެށި ތަނަކީ އެތަން ކަމުގައި ވާތީ ކަމަށެވެ. އެގޮތުން 1997 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ މަގާމް ރާއްޖޭން ހޯދިއިރު ކެޕްޓަންކަންކުރި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) ފުރަތަމައިން ކުޅުނު ތަނަކީ އެއީ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އެ ސަރަހައްދަށް ނިސްބަތްވާ މަޖިލީސް މެމްބަރު އަނދުން ހުސެއިން މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ދަނޑަކީ އެ ބޭފުޅާ ވެސް ތުއްތު އިރު އައިސް ފުޓުބޯޅަ ކުޅެ ހެދި ދަނޑެއް ކަމަށެވެ. އަދި މަޖިލީހުގެ ކެމްޕެއިނުގެ ވައުދެއްގެ ގޮތުގައި ސަރަހައްދުގެ ޒުވާނުންނަށް މި ދަނޑު އަޅައިދޭން ވީ ވައުދު ފުރިހަމަ ކުރެވުނީތީ ހިތްހަމަ ޖެހޭ ކަމަށާއި، އެކަމަށްޓަކައި މިނިސްޓަރ މަހްލޫފަށް ޝުކުރު އަދާ ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް