ކަންބޮޑުވެ ހާސްވުމުން ގިނައިން ކެވެނީ ނުވަތަ ފަލަވަނީ ކީއްވެ؟

ކަންބޮޑުވެ ހާސްވުމާއެކު ހަށިގަނޑުގައި އުފެދޭ ހޯމޯންގެ ސަބަބުން އަދި ހަކުރާއި ސަރުބީ އެކުލެވޭ ލުއިކާނާގެ ސަބަބުން ގިނައިން ކެއުމުގެ އާދަ މީހާގެ ކިބައިގައި އަށަގަންނަވައެވެ. އެހެނަސް ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ދިމާވާ އެންމެ ފުރަތަމަ އަދި ކުރުމުއްދަތަކަށް ދެމިހުންނަ އަސަރަކީ ކާހިތް ނުވުމެވެ. މިއީ ސިކުނޑީގެ ބައެއް ކަމަށްވާ ހައިޕޯތަލާމަސް އިން އުފައްދާ 'ކޯޓިކޯޓްރޮޕިން ރިލީޒިންގ ހޯމޯން' ގެ ސަބަބުން އަންނަ ބަދަލެކެވެ. މިއާއެކުއެކީ ސިކުނޑީގެ އިތުރު މަސައްކަތަކަށްވަނީ ކިޑްނީގެ މަތީގައިވާ އެޑްރީނަލް ގްލޭންޑް ކިޔާ ގުނަވަނަކުން އެޑްރީނަލިން ނުވަތަ އެޕިނެފްރިން ހޯމޯން އުފެއްދުން އިތުރުކުރުމެވެ. މިއީ މަޝްހޫރު 'ފައިޓް އޯރ ފްލައިޓް' ރެސްޕޮންސް ގެނެސްދޭ ހޯމޯން އެވެ. މިހޯމޯންވެސް ކެއުމުގެ ޚިޔާލު ނުވަތަ ހައިހޫނުކަމާއި ވަގުތީގޮތުން މީހާ ދުރުކުރެއެވެ.

އެހެނަސް ކަންބޮޑުވެ ހާސްވުން ދިގުދެމިގެންދާނަމަ މަންޒަރު މުޅިން ތަފާތެވެ. އެޕިންފްރިންގެ އިތުރުން އެޑްރީނަލް ގްލޭންޑުން އުފައްދާ އަނެއް ހޯމޯންއަކީ ކޯޓިޒޯލްއެވެ. މިއީ ބަނޑުހައިވުން އިތުރުކޮށްދޭ އަދި ކެއުމުގެ (އެހެން ކަންތަކުގެ ވެސް) ޝައުގުވެރިކަން އިތުރުކޮށްދޭ މާއްދާއެކެވެ. ހާސްކަން ފިލައިދިއުމާއެކު މިހޯމޯންގެ މިންވަރު އާދައިގެ ޙާލަތައް އާދެއެވެ. އެހެނަސް ހާސްކަމާއި ފިކުރުބޮޑުވުން ދެމިހުންނަނަމަ ކޯޓިޒޯލްގެ މިންވަރު ދަށްނުވެ ދެމިހުރެދާނެއެވެ.
ކަންބޮޑުވެ ހާސްވުމާއި ގުޅިފައިވާ އަނެއް ކަމަކީ ވަކިބާވަތްތަކެއްގެ ކާއެއްޗެއްސަށް މީހާގެ ހިތްޖެހުމެވެ. މިގޮތުން ހަކުރު ނުވަތަ ސަރުބީ ނުވަތަ މިދެބައިވެސް އެކުލެވޭ ތަކެތި ކާހިތްވުން ނުވަތަ ކެއުން އިތުރުވެއެވެ. ބެލެވޭ ގޮތުގައި މިއީ ކޯޓިޒޯލް އާއެކު އިންސިއުލިންގެ މިންވަރު މައްޗަށް ދިއުމުން އަންނަ ބަދަލެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުން ގްރެލިން ނުވަތަ ހައިހޫނުކަމުގެ ހޯމޯންގެ ދައުރެއްވެސް މިކަމުގައި އޮވެއެވެ.

ހަކުރާއި ސަރުބީ އެކުލެވޭ ބާވަތްތައް ހަޖަމުވެ ލޭގެ ޒަރީޢާއިން ސިކުނޑިއަށް ދިއުމުން ކަންބޮޑުވެ ހާސްވުމާއި އަދި މިފަދަ އެހެން ޖަޒުބާތު ތަކާއި ގުޅިފައިވާ ސިކުނޑީގެ ބައިތަކަށް އަސަރުކުރުވައި މިފަދަ ޖަޒުބާތުތައް ކުޑަކޮށްދެއެވެ. އެހެންކަމުން ކަންބޮޑުވެ ހާސްވުމުން ކެއުމަށް މިއަންނަ ބަދަލަކީ އެފަދަ ކަންތަކުން މީހާ ދުރުކުރުމަށް އަންނަ ތަބީޢީ ބަދަލަކަށްވުން އެކަށީގެން ވެއެވެ.

ދިރާސާތަކުން ދައްކާގޮތުން ކަންބޮޑުވެ ހާސްވުމަކީ މީހާ ފަލަވުމާއި ވަރަށްބޮޑަށް ގުޅުން އޮންނަ ކަމެކެވެ. ކެއުމަށް އަންނަ ބަދަލުގެ އިތުރުން ނިދި މަދުވުމާއި، ކަސްރަތާއި ދުރުވުމާއި، ބަނގުރާފަދަ ތަކެއްޗާއި ދޯޅުވުމަކީ ހައްތާވެސް ކަންބޮޑުވެ ހާސްވުމާ ގުޅިފައިވާ އަދި މީހާ ފަލަވުމަށް އެހީވެދޭ ކަންތަކެވެ.

ކަންބޮޑުވެ ހާސްވުމާއި ފިކުރުތަކުން ދުރުވުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބައޮތެވެ. އެގޮތުން މީހާގެ ދީނީ ޢަޤީދާ ހަރުދަނާކުރުމާއި ނަމާދުކުރުން އިތުރުކުރުމާއި، މެޑިޓޭޓް ކުރުމާއި، ޤަވާޢިދުން ކަސްރަތުކުރުމާއި، ރައްޓެހި ރަޙުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަކީ ހައްތާވެސް މިކަމުގެ ޙައްލުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. މިއިން ކޮންމެ ކަމަކީވެސް ހަށިގަނޑުގައި އުފެދޭ ހޯމޯންތަކުގެ މިންވަރަށް އަސަރުކުރުވާ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެހީވެދޭ އަދި މިކަންތަކުގެ ސަބަބުން ކެއުމަށާއި ކަންބޮޑުވެ ހާސްވުމާ ގުޅިފައިވާ އެހެންކަންތަކަށް ހެޔޮބަދަލު ގެނުވައިދޭ ކަންތައްތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް