ސިވިލް ސާވިސް މުސާރައާއި މަގާމުގެ ކުރިއެރުން ލިބޭގޮތަށް އޮނިގަނޑު އެކުލަވާލައިފި

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރަ އާއި ވަޒީފާގެ ކުރިއެރުން ލިބޭ ގޮތަށް އޮނިގަނޑު ބަދަލުކޮށް، ސިވިލް ސާވިސް ކޮމިޝަނުން، ޕޭ ކޮމިޝަނަށް ފޮނުވައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވީ އިދާރީ މުވައްޒަފުންގެ މަގާމުގެ ޝަރުތުތަކާއި މުސާރައިގެ އޮނިގަނޑު ނިންމައި މިއަދު ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

ސީއެސްސީން ހުށަހެޅީ، އިދާރީ މުވައްޒަފުންގެ މުސާރަ 30 ޕަސެންޓަށް ބޮޑުކުރުމަށެވެ. ނަމަވެސް ސައީދު ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެންނަން ހުށަހެޅި ހުށަހެޅުމާ މެދު ގޮތް ނިންމާނީ ޕޭ ކޮމިޝަނުން ކަމަށެވެ.

ސައީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އޮނިގަނޑާއެކު، އިދާރީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބޭގޮތް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ކުރާ މަސައްކަތާއި، އަދި ހޯދާ ތައުލީމާ އެއްވަރުގެ ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ.

އެފަހަރު ޓެކްނިކަލް ކޯ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 28 އިންސައްތަ ކުރިއެރުމެއް ދީފައިވެއެވެ.

ސިވިލް ސާވަންޓުންގެ ގޮތުގައި 25،000 އެއްހާ މީހުން މަސައްކަތް ކުރަމުން އަންނަ އިރު، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބެނީ އެމީހުންނަށެވެ.

ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެފައިވާ ކަމަށާއި، އެ ބަދަލުތައް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޕޭ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ބަދަލުތަކާއެކު ދައުލަތުގެ މުސާރައިގެ ސިޔާސަތުތަކުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް