"ރަށްވެހި ފަތިހަކަށް" ކައުންސިލްތައް ދީފިނަމަ ގައުމު ފެއިލްވާނެ: ޣައްސާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި، ޣައްސާން ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

އެމްޑީޕީއަކީ މޮޅު ވާހަކަ ދެއްކި ނަމަވެސް، އަމަލުން އެކަން ދެއްކޭ ޕާޓީއެއް ނޫން ކަމަށާއި، ކައުންސިލް އިންތިހާބުގެ ގޮނޑިތައް އެމްޑީޕީއަށް ދީފި ނަމަ ގައުމު ފެއިލްވާނެ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި، ޣައްސާން ވަނީ 2018 ވަނަ އަހަރަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ހުރި ކަންކަން ލަސްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ގއ. ވިލިނގިއްޔާ ކޫއްޑޫ އާ ދޭތެރޭގަ އަޅަން ގަސްތުކުރައްވާފަ، ކުރައްސަވާފަ އޮތް ބުރިޖު އަދި ނުފެށި މިދަނީ ކީއްވެތޯ އަޅުގަނޑުމެން އެންމެން ފިކުރުކޮށްލަން އެބަ ޖެހޭ. މާލެއާ ވިލިނގިއްޔާ ދޭތެރޭގެ ބުރިޖުގެ މަސައްކަތް މިހާ ލަސްވެގެން ދައުރުގެ ދެބައިކޮށްފަ އެއް ބަޔަށް ވުރެ ހިނގަން ކައިރިވާއިރު ނުފެށި މިދަނީ ކީއްވެތޯ ފިކުރުކޮށްލަން ޖެހޭ،" ޣައްސާން ވިދާޅުވި އެވެ.

ހަމައެއާއެކު، ހިޔާ ފްލެޓުތައް ހަވާލުނުކުރެވި ލަސްވާތީ އާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓު ދިން ބައެއް މީހުންގެ އަތުން ފްލެޓު އަތުލި މައްސަލައިގައި ވެސް ޣައްސާން ވަނީ އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ޣައްސާން ވިދާޅުވީ 2008 ވަނަ އަހަރާއި 2019 ވަނަ އަހަރު ކޮވިޑް19 ނެތް ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީއަށް ސަރުކާރު ހިންގަން ނޭނގުމުގެ ސަބަބުން ދިވެހި އިގްތިސޯދު ހީނަރުވެ ގައުމުގެ ޑޮލަރުގެ އަގު ވެސް އިންތިހާއަށް ބޮޑުވެގެން ދިޔަ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެކަމުން ދޭހަވަނީ މީހުން ހިތްހަމަޖެހޭ ގޮތަށް، ހިތް ދަމައިގަންނަ ކަހަލަ ޝިއާރު ހަދައިގެން ކެމްޕޭނު ކުރާ ކޮންމެ ބަޔަކީ ކަމަށް ގާބިލު ބައެއް ނޫން ކަމެވެ.

"މޮޅެތި ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެއާ، އިންސާފުވެރި ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފަ މިއޮތް ގޮތަށް، ރަށްވެހި ފަތިހަކަށް އެމީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް. މޮޅެތި ވާހަކަ ދެއްކިޔަކަސް އަމަލުން ދެއްކިފައެއް ނެތް. ކަމެއް ކުރަން އެނގޭ ކަމެއް ރައްޔިތުންނަށް ދައްކާދެވިފައެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ރާއްޖެ ދާ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށާއި، މިސްރާބު ބަދަލުނުކުރެވިއްޖެ ނަމަ ދިވެހި އިގްތިސާދު ފުނޑުފުނޑުވެ، އިސްލާމްދީނަށް ފުރައްސާރަ ކުރުން އިތުރުވެ، އިޖުތިމާއީ ފޭރާން ވީދި، ރާއްޖޭގެ މިނިވަންކަން ވެސް ގެއްލިގެން ހިނގައިދާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

އެހެންކަމުން އެކަމަށް އޮތް ހަމައެކަނި ހައްލަކީ ރައީސް ޔާމީން އާއެކު ކުރިއަށް ދިއުން ކަމަށް ޣައްސާން ރޭ ވިދާޅުވި އެވެ.

comment ކޮމެންޓް