އިންތިގާލީ އިންސާފުގެ ގާނޫނުން ރައީސް ނަޝީދު 1000 އަހަރަށް ޖަލަށް ލެވޭނެ: ޖަމީލް

ޑރ. ޖަމީލް ޕީޕީއެމްގެ "ވިސްނާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ / ޕީޕީއެމް

އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްފި ނަމަ ކުރީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 1000 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި، ޕީޕީއެމްގެ އެޑްވައިޒަރުކަމާއި ރައީސް ޔާމީންގެ ވަކީލުކަންވެސް ކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، އިންތިގާލީ އަދުލުގެ ގާނޫނަކީ އެއީ އަމިއްލަ ކަރަށް އެމްޑީޕީއިން މަހާލި މަޅިއެއް ކަމަށެވެ.

އެ ގާނޫނުގެ ދަށުން މައްސަލަތައް ބަލާ ނަމަ އެންމެ ފުރަތަމަ ބަލަން ޖެހޭނީ އެމްޑީޕީއިން ހިންގާފައިވާ ޖަރީމާތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ބައެއް ކަންކަން އޭނާ ލިސްޓު ކުރެއްވި އެވެ.

"އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ، އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ، ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ، ހުދު އަޅުގަނޑު ހައްޔަރު ކުރި މައްސަލަ އަދި މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އަދި އޭނާގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

"ފުލުހުން ގައިގައި ތަޅާނެ ކަމަށް ބުނި މައްސަލަ، ސިފައިންނަށް ގޯނާ ކުރި މައްސަލަ، ފްލެޓު ދޭނީ ވަކި ބަޔަކަށް ކަމަށް ބުނި މައްސަލަ، ބޯންޖެހޭނެއޭ ބޯން ވާނެއޭ ބުނި މައްސަލަ، އައްޑޫގައި ބުދު ބެހެއްޓި މައްސަލަ،"

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޝިޔާމްގެ ބައްޕަ ކޯސްޓްގާޑުގެ ވީއައިޕީ ފެސިލިޓީގައި ދިރިއުޅުއްވި މައްސަލައިގައި ޝިޔާމްއަށް ދައުވާ ކުރަން ފޮނުވާނަމަ އެ މައްސަލަތައް ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްފި ނަމަ ރައީސް މުހައްމަދު ނަޝީދު 1000 އަހަރަށް ޖަލަށް ލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހިތާމައާއެކީގައި ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެ ނަމަ ރައީސް ނަޝީދު އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރަށް ޖަލުގައި ހުންނަވާނެ،" ޖަމީލް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ޕީޕީއެމްގެ ވެރިކަމެއްގައި ރަނގަޅަށް ތަންފީޒު ކުރައްވާނެ ކަމަށާއި، އެ ގާނޫނުގެ ދަށުން ތިނެއް ނޮވެމްބަރުގަައި ޝަހީދުވި މީހުންގެ އާއިލާތަކަށްވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިގާލީ އިންސާފުގެ ބިލް އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ވެރިކަމެއްގައި ފުރިހަމައަށް ތަންފީޒު ކުރާނަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގާނޫނަކަށް ހެއްދެވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެކަމަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ.

އެ ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި ގާނޫނެކެވެ.

comment ކޮމެންޓް