މިއީ މަސްވެރިކަން އަމިއްލަ ވިޔަފާރިވެރިންގެ އަތް މައްޗަށް ދޫކޮށްލެވޭނެ ވަގުތެއް ނޫން: ރައީސް

އެއްބައިވަންތަކަމުގެ ދުވަސް ފާހަަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ވަގުތަކީ ދިވެހި މަސްވެރިކަން އަމިއްލަ ވިޔާރިވެރިންގެ އަތް މައްޗަށް ދޫކޮށްލެވޭނެ ވަގުތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށެވެ.

މަސްވެރިކަމަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ފަތުވެރިކަމެކޭ އެއްގޮތަށް، އެ ވިޔާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތް މައްޗަށް އެކަން ދޫކޮށްލުން ކަމަށް ބުނެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، މި ދަނޑިވަޅުގައި އެކަން ކޮށްފި ނަމަ އޮޑިވެރިން ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް އިތުރުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ސިނާއަތު ބައްޓަންކުރުން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރުތަކެއް ވެއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ގެއްލުމުގައި ހިންގަމުންދާއިރު، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށް ޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަަނި، ސަރުކާރާއި އެސްޓީއޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑެތި ގެއްލުން ވިޔަސް، އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރަކީ، މިފްކޯގެ ވޭތުވެދިޔަ 14 އަހަރުގެ ތާރީހުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެއީ، 48494 ޓަނުގެ މަހެވެ. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިދިޔަ އަހަރު މަހުގެ އަގު ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި އެވެ.

މި އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މިރޭ އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަގުބޫލުކަން ހޯދިދާނެ ސިނާއަތެއް ކަމަށެވެ. އެއީ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު އޮންނަނީ ވަކި ވަރެއްގައި ހިފަހައްޓައިފަ އެވެ. މަސްވެރިންނަށް ފައިދާވާނެ ގޮތަށް އެ އަގު ބެހެއްޓުމުގެ ސަބަބުން މިފްކޯ ހިންގަން ޖެހެނީ ގެއްލުމުގަ އެވެ. އެހެންކަމުން، އަގު ނުހިފަހައްޓައި އަގު ޑިމާންޑާ ސަޕްލައިއިން ކަނޑައަޅާ ގޮތަށް ދޫކޮށްލަން ބައެއް މީހުން ގޮވާލަ އެވެ.

އެހެން ނަމަވެސް، އަދިވެސް މަސްވެރިންގެ ކަންބޮޑުވުމަކަށް ވެފައި ވަނީ މަހުގެ އަގު ކުޑަވުމެވެ. އެކަމާ ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިން ވެލިވަރުގައި މުޒާހަރާވެސް ކުރި އެވެ. "މަހަށް ހަމަ އަގު" ހޯދައިދިނުމަށް މަސްވެރިން ގޮވާލާއިރު އެއީ މި ސަރުކާރުގެވެސް ވައުދެކެވެ.

މަހަށް "ހަމަ އަގު" ހޯދައިދިނުމަކީ ސިޔާސީ ދޮގެއް!

comment ކޮމެންޓް