ޔޫކޭ އިން އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި

އިނގެރޭސިވިލާތުގައި ކޮވިޑް19ގެ ވޭރިއެންޓެއް ފެތުރެން ފަށާފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެގައުމުން ރާއްޖެ އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި މާދަމާއިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުހަށްފަހު އަދި 10 ދުވަހަށް ފަހު ކޮވިޑް19 އަށް ޕީސީއާރް ޓެސްޓު ކުރާނެ އެވެ.

އިނގެރޭސިވިލާތުން އަންނަ އެންމެން ވެސް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަން ޖެހޭނެ އެވެ.

އިނގިރޭވިލާތުގައި ކޮވިޑްގެ ވޭރިއަންޓެއް ފެތުރެމުން އަންނާތީ ދުނިޔޭގެ ބައެއް ގައުމުތަކުން އަންނަނީ އެގައުމާއެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން ކަނޑާލަމުންނެވެ.

އިނގިރޭސިވިލާތުގެ ސައެންޓިސްޓުން ބުނާ ގޮތުން ކޮވިޑްގެ ވޭރިއަންޓް އަންނަނީ ކޮންޓްރޯލެއް ނެތި ވަރަށް ބާރަށް އެގައުމުގައި ފެތުރެމުންނެވެ. މި ވައްތަރު ފެތުރެނީ ކޮވިޑް-19 ވެސް ފެތުރޭ ގޮތަށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށްވުރެ ގާތްގަނޑަކަށް 70 ޕަސެންޓް ހަލުވިކަމާއެކު މިވައްތަރު ފެތުރޭކަން ސައެންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރުގެ ވައިރަސް އެހެން ގައުމުތަކުން ވެސް ވަނީ ފެންނަން ފަށައިފައެވެ.

comment ކޮމެންޓް