މާޒިޔާއާއި ވެލެންސިއާގެ ވަރުގަދަ ކުރިމަތިލުން މިރޭ

މާޒިޔާއާއި ވެލެންސިއާ ކުޅުންތެރިން ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ ---

ރާއްޖޭގެ ގިނަ ކޯޗުންތަކެއްގެ ނަޒަރުގައި މިފަހަރުގެ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވެލެންސިއާ ބައްދަލު ކުރާ މެޗަށް ދެ ޓީމުން ވެސް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދެ ޓީމުގެ ކޯޗުް ބުނެފި އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވި ހަމައެކަނި ދެ ޓީމަކީ ވެސް އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާއި ކުރީ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ވެލެންސިއާ އެވެ. އެ ދެ ޓީމުން ވެސް ލީގުގައި މިހާތަނަށް ޑޮމިނޭޓް ކުޅުމެއް ދައްކާފައިވާ އިރު، މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ރަނގަޅު ޓީމުގެ ފެންވަރުގެ އަޖުމަ ބަލައިލަން ރަނގަޅު މެޗަކަށްވާނޭ ކަމަށް ދެ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުންނާނީ ވަކި ވަކި އިންޑިވިޖުއަލް ކުޅުންތެރިއަކަށް ވަކިން ހާއްސަކަމެއް ދީގެން ނޫންކަމަށާއި، މާޒިޔާގެ ޓީމު ވެސް ނަގާނީ ކުޅުންތެރިއެއްގެ ނަމަށް ބަލައިގެން ނޫން ކަމަށެވެ.

"ވަކި އެއްވެސް ކުޅުންތެރިޔަކަށް ހައްގުނުވާ ފޭވަރިޒަމްއެއް ނުދޭނަން. އައިސަމް ނޫނީ އެެހެން ކުޅުންތެރިޔެއްވެސް އެ ކުޅެނީ އެ މަގާމު ހައްގުވާ ވަރަށް ކޯޗަށް ޕްރޫވް ކޮށްދެވޭތީވެ. މުޅި ޓީމަށް ބަލާއިރު މިތިބަ ހުރިހާ ކުޅުންތެރިންނަކީ މާޒިޔާ ވަންތަ ކުޅުންތެރިން،"

ނިޒާމްބެ ބުނީ އިދިކޮޅު ޓީމުގައި ތިބި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރް ސެންޓޭ އަކީ ވެސް އޭނާއާ އެކު ކުރިން މަސައްކަތް ކޮށްފައިވާ ތަފާތު މޮޅު ދެ ކުޅުންތެރިން ކަމަށެވެ. އެކަމަކު އެ ދެ ކުޅުންތެރިންނަށް ވިސްނައިގެން ޓީމު ރާވައިފިނަމަ އެ ދެވެނީ ދެން އެ ޓީމުގައި ތިބޭ އެހެން ކުޅުންތެރިންނަށް ބޮޑު ފުރުސަތެއް ކަމަށް ނިޒާމްބެ ބުންޏެވެ.

"އިންޑިވިޖުއަލް ޕްލޭޔަރުންނާ ހަަމައަށް އަންނާނީ ތަންކޮޅެއް ފަހުން. ކޮންމެ ގޮތެއް ވިޔަސް ތިކީ ދެ ކުޅުންތެރިން [ދަގަނޑޭ އާއި ސެންޓޭ]އަކީ ތަފާތު ދެ ކުޅުންތެރިން. އެހެންވީމަ އެ ދެ ކުޅުންތެރިންނަކީ މުހިއްމުކޮށް ނަގަންޖެހޭ ދެ ކުޅުންތެރިން. އެއީ ސިކުނޑިން އެއްކައިރި ކޮށްލެވޭނެ ދެ ކުޅުންތެރިންނެއް ނޫން. އެ އަށް ވިސްނާނީ ޓީމެއްގެ ގޮތުގައި،" ނިޒާމްބެ ބުންޏެވެ.

އިދިކޮޅު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ވެލެންސިއާއަށް ތައުރީފްކޮށް އެ ޓީމަކީ ލީގުގެ ޓޮޕް ލެވެލް ޓީމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރި ނަމަވެސް އޭނާ ބޭނުންވާ ފެންވަރަށް އަދި ވެލެންސިއާއަށް ނުކުޅެވޭ ކަމަށެވެ. އެހެން ކަމުން ޓޮޕް ލެވެލް ޓީމެއްގެ ގޮތުގައި ވެލެންސިއާ އަދި ނުގުނޭނެ ކަމަށް އާތީ ބުންޏެވެ.

"ވެލެންސިއާގައި އެބަތިބި ބައިވަރެއް ސަޕޯޓަރުން. ވެލެންސިއާ އަކީ ބްރޭންޑެއް. އެހެންވީމަ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ އެކްސްޕެކްޓޭޝަން ހުންނާނީ އަޅުގަނޑުމެން މާޒިޔާ މެޗު ނެގުމަށް. އޮބްވިއަސް އެހެންވާނެ. ސަޕޯޓްކުރާ ޓީމެއް މޮޅުވާން ބޭނުންވާނެ. އަޅުގަނޑުމެން ވެސް ބޭނުން. އެހެން ނަމަވެސް މިއީ ވަރަށް ޗެލެންޖިން މެޗެއް،" އާތީ ބުންޏެެވެ.

އާތީ ބުނީ މި މެޗަކީ މި ބުރުގެ ފައިނަލް މެޗު ކަމަށް ދެންނެވިދާނެ ކަމަށާއި، މި މެޗުން މޮޅުވާ ބަޔަކަށް މި ބުރުގައި ކޮންމެވެސް ހިސާބަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން، ފޯމޭޝަން ރޫޅާނުލައި ކުޅެފިއްޔާމު، މި މެޗުން ވެލެންސިއާއަށްވެސް މޮޅެއް ހޯދޭނެ ކަމަށް އާތީ ވަނީ ބުނެފައެވެ.

"މި މެޗަކީ މި ބުރުގެ ފައިނަލް މެޗޭ ވެސް އަޅުގަނޑަށް ދެންނެވިދާނެ. މި މެޗުން މޮޅުވާ ބަޔަކަށް މި ބުރުގައި ކޮންމެވެސް ހިސާބަކަށް ދިއުމުގެ ފުރުސަތު ބޮޑު، މި ދެންނެވީ ވެލެންސިއާ އަށް. ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ފޯމޭޝަން ރޫޅައިނުލައި ކުޅެފިއްޔާ މިއީ ވެލެންސިއާ އަށް ވެސް ނެގިދާނެ މެޗެއް."

comment ކޮމެންޓް