ހިމޭންވީ ހަޔާތޭ... 3 (ފަހުބައި)

އެދުވަހުގެ ފަހުން އަހަންނަކަށް ނުކެވެ އެވެ. އަނގަ ހުޅުވައެއް ނުލެވެ އެވެ. ދޫ ހިވަނީ ގިރިފައި ވާ ހެންނެވެ. ދަތްތައް ވެރެމުން ގޮސް، ހުރިހާ ދަތެއް ވެރިއްޖެ އެވެ. އުމުރުން އެންމެ ފަންސަވީސް އަހަރުގަ އެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. ތުންފަތް ހީވަނީ ހިކިގެން ފަޅައިގެން ދާން އުޅޭހެންނެވެ. ތަންގަނޑުގަނޑު ހަލާކުވެގެން ފާރުވެއްޖެ އެވެ. ބައެއް ތަންތަނުގައި ފޮޅު ޖަހައި ފޮޅުތައް ވަނީ ފަޅައިގެން ގޮސްފައެވެ. މޫނުގެ ހަންގަނޑު ހުދުވެ، ދެލޯ ކައިރި ވަޅުވަދެ، ކަޅުވެއްޖެ އެވެ. ހަށިގަނޑު ހިކިކަމުން ހީވަނީ ދުވަހަކު ކާއެއްޗެއް ނުލިބި ބަނޑަށްޖެހިފައިވާ މީހެއް ހެންނެވެ. މިއީ ބޭރުފުށުން ފެންނަން ހުރި އަލާމާތް ތަކެވެ. އެތެރެއިން ހީވަނީ ގުނަވަންތައް ވިރިގެން ފައިބަމުން ދިޔަ ހެންނެވެ. ހާދަ ވޭނެކެވެ. މިވޭނަށް އަހަންނަށް ކެތް ކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

********

މަންމަގެ ކަމަކީ ކައިރީގައި އިނދެ ރުއިމެވެ. އެ މަންޒަރު ބަލަން ކުޅަދާނަ ނުވެގެން އަހަރެން އޮންނަން ފެށީ، ދެލޯ މަރާލައިގެންނެވެ. ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގު ހިކޭ އެންމެ އިރެއްވެސް ނުދެ އެވެ. ކަރުނަ ފޮހެދޭން މަންމަ އިނދެ އެވެ. ގޮތް ހުސްވެފަ އެވެ. އަހަރެން ދިރި ހުންނާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އަހަންނަށް އެނގެއެވެ. ކޮންމެ މީހަކުވެސް މަރާއި ބައްދަލު ކުރަން ޖެހޭނެ އެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. އެއްބަޔަކު ކުއްލިއަކަށެވެ. އަނެއް ބަޔަކު ބަލި އެނދުގައި ވޭނުގައި އުޅެފަ އެވެ. ވީއިރު، ބޭކާރު ކަރުނަތަކެއް މަންމަގެ ދެލޮލުން އޮއްސަންވީ ކީއްކުރަން ހެއްޔެވެ؟

ނިދިޖެހިފައި ހޭލެވުނު ވަގުތެވެ. މަންމަ އިނީ ފޯނެއްގަ އެވެ. ދައްކަމުން ދިޔައީ އަހަރެންގެ ވާހަކަ އެވެ. އަހަންނަށް ވާހަކަ ނުދެއްކޭނެ ކަމަށް މަންމަ ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. ހަރުކަށި އިބާރާތުންނެވެ. އަހަރެން ލޯ ހުޅުވައިލުމުން ފޯނު ކަނޑައިލަން އުޅުނެވެ. ފޯނު ކަންފަތުގައި ޖައްސައިދިނުމަށް ލޮލުގެ އިޝާރާތުން އެދުނީމެވެ. ދެކޮޅު ހަދާފައިވެސް މަންމަ އެކަން ކުރި އެވެ. އަހަރެން ބުނީތީ އެވެ. ފަހު ވަގުތު ވެސް އަހަރެން ބުނި ކަމެއް ކޮށްދިނުމުގެ ގޮތުންނެވެ.

މަންމަ އަހަރެންގެ ކަންފަތުގައި ފޯނު ޖައްސައިލުމާއިއެކު ދެލޯ މަރާލައިފީމެވެ. އިވުނީ އެ އަޑެއް އެހުމަށް އަހަރެންގެ ހިތް ބޭޤަރާރު ވެފައިވާ ހަމައެކަނި އިންސާނާގެ އަޑެވެ. ރިޒްވީން ހުރީ ހިތްހަމަނުޖެހިފަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަމަ އަހަރެންގެ ސަބަބުންނެވެ. އަހަރެން ކަންތައް ކުރި ގޮތުންނެވެ.

ކުއްލިއަކަށް ރިޒްވީން ބުނި އެއްޗެއް އަޑު އިވިފައި އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރި ކޮށެވެ. އެއީ ދިރިހުއްޓައި ރިޒްވީންގެ ދުލުން އަޑުއަހަން ބޭނުންވި ޖުމްލައެއް ނޫނެވެ.

"އަހަރެން މިއުޅެނީ މީހަކާ އިންނަން..."

ރިޒްވީންގެ އަޑުގައި ކުރިން ހުރި ގާތް ގޮތެއް ނެތެވެ. އެ ލޯބިވެތި އަޑު ބަދަލުވީ ކީއްވެ ހެއްޔެވެ؟ އަހަންނަށްވުރެ ލޯބިވާ އަންހެނަކު ރިޒްވީނަށް ލިބުނީ ހެއްޔެވެ؟ އަހަންނަށް އެނގި ހާމަވި ކަމަކީ، އަހަރެން ނެތުމުގެ ހިތާމަ އާއި ހިތްދަތިކަން އެއްފަރާތް ވެފައިވާކަމެވެ. އެކަމަކު ހިތް ޤަބޫލު ކުރީ އެއީ ރިޒްވީން އަހަންނަށް ދައްކައިލި ދަޅައެއް ކަމަށެވެ.

ރިޒްވީނަށް އުފާވެރި ހަޔާތެއް ލިބުމަކީ އަހަރެން އެދޭ ގޮތެވެ. އެކަމަކު، އެ ޖުމްލަ އަޑު އިވުމުން، އަހަރެންގެ ހިތާއި ނަފުސު އެކަމަށް އެއްބަސް ނުވާކަން އެނގުނެވެ. ހިތް ބުންޏެވެ. ރިޒްވީނަކީ ހަމައެކަނި އަހަރެންގެ ޙައްޤެކެވެ. އެހެން އަންހެނަކު ރިޒްވީންގެ ގައިގައި އިނގިލިކުރި ޖައްސައިލަންވެސް އަހަރެން ނުރުހެމެވެ. އިރުކޮޅަކަށް ހުއްޓުން އެރި އެވެ. ހިތުގެ ވިންދުވެސް މެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރިޒްވީނަކީ އަހަރެން ފިރިމީހާ އެވެ. އަލަތު ލޯތްބެވެ. މިދުނިޔެމަތިން ފިރިއެއްގެ ލޯބި އަހަރެން ހަމައެކަނި ބޭނުންވި އިންސާނަކީ އެއެވެ. އަހަރެން ބޭނުންވީ ބާރަށް ރޯށެވެ. ކަރުނަ ހުސްވަންދެނެވެ. އެކަމަކު އެ ނަސީބުވެސް މިއަދު އަހަންނަކަށް ނުލިބޭނެއެވެ.

"ނޫރާއަށް ވަރަށް އިންތިޒާރު ކުރެވިއްޖެ... އަހަރެން ޤަބޫލުކޮށްފިން ނޫރާ ގޮތެއް ދުލެއް ނުކުރާނެ ކަން... އަހަރެން އެކަނި މަސައްކަތް ކޮށްގެން މި ދިރިއުޅުން ކުރިއަކަށް ނުގެންދެވޭނެ... އަހަރެން މިއުޅެނީ ނޫރާ ތި ބޭނުންވާ ކަންތައް ކޮށްދޭން..." ކިތަންމެ ބާރަށް ވާހަކަ ދެއްކި ނަމަވެސް، ރިޒްވީންގެ އަޑު ކުރެހިއްޖެ އެވެ. "އުފާވެއްޖެތަ؟... އަހަރެންގެ ދިރިއުޅުން ޙަލާކު ކޮށްލައިގެން ވިޔަސް، ނޫރާ އުފަލުގަ އުޅެފިއްޔާ އެނިމުނީ... ކިތަންމެ ބޭނުން ވިޔަސް، އަހަންނަށް ނޫރާދެކެ ނަފުރަތެއް ނުކުރެވޭ... އެހާވެސް އަހަރެން ނޫރާދެކެ..."

ވަކި ހިސާބަކަށް ބުނެފައި ރިޒްވީން ހުއްޓައިލި އެވެ. ދެން އިވުނީ ފުން ނޭވާއެއް ދޫކޮށްލި އަޑެވެ. ދެއްކެނީ ބޭކާރު ވާހަކައެއް ކަން ވިސްނުނީ ކަހަލަ އެވެ. ރިޒްވީންގެ ކޮންމެ ޖުމްލައެއް ވިހަ ތީރުތަކެއް ފަދައިން އަހަރެންގެ މެޔަށް ހެރެމުން ދިޔަ އެވެ. ފަހު ޖުމުލަ ފިޔަވައެވެ. އެ ޖުމުލަ ފުރިހަމަކުރާނެ ކަމުގެ އިންތިޒާރުގައި ހުއްޓައި ރިޒްވީން ފެށީ އެެހެން ވާހަކަ އެކެވެ.

"ހަމަ އެންމެ ކަމެއް ބުނެދީބަލަ!... ނޫރާ އަހަންނަށް ތިހެން ހަދަން ޖެހުނު ސަބަބެއް... ކުއްލިއަކަށް އެހާ ބޮޑަށް ބަދަލުވީ ކީއްވެކަން..." ރިޒްވީން އަހައިލީ އާދޭހުގެ ރާގަކަށެވެ. "އޭރުން އަހަރެން ދެން ދުވަހަކުވެސް ނޫރާގެ ކައިރީ އެއްވެސް އެއްޗެއް ނާހާނަން..."

ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ޖަވާބުދޭން އަހަންނަށް ފުރުސަތު ދީގެން ރިޒްވީން ހުރި ކަހަލަ އެވެ.

"ނޫރާ!..."

އަހަންނަށް ގޮވަގޮވާފައި އަނގައިން ނުބުނުމުން ރިޒްވީން ފޯނު ކަނޑައިލި އެވެ. އަހަރެން އަނގައިންވެސް ބުނަން ބޭނުން ނުވާ ވަރަށް ފިރިމީހާ ދެކެ ފޫހިވެފައި ހުރީ ކަމަށް ނިންމައިގެންނެވެ. ކުރާނީ ކީއް ހެއްޔެވެ؟ ރިޒްވީނަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ ހުދު އަހަރެންވެސް ބޭނުންވާ ގޮތެވެ. އެކަމަކު ހިތަށް ތަދުވަނީ އެވެ. ބުނަން ހިތަށް އައި ކިތަންމެ ޖުމްލައެއް ދުލުގައި އެޅުވިފައިވި ކަސްތޮޅެއްގެ ސަބަބުން ނުބުނެވުނެވެ. އަހަރެންގެ ތުރުތުރުލަމުންދިޔަ ދެ ތުންފަތުން ބުނެދެމުން ދިޔައީ އެތައް ވާހަކަ ތަކެކެކެވެ. ރިޒްވީން އެވެ. ކުށް ކުރީ އަހަންނެވެ. ރިޒްވީންގެ އެއްވެސް ކުށެއް ނެތެވެ. އަހަރެންގެ ހިތުގައިވާ ލޯތްބަކަށް ފަނޑުކަމެއްވެސް ނާދެއެވެ. ދުވަހެއް ދުވަހަކަށް އެ ލޯބި ދަނީ އިތުރުވަމުންނެވެ. އަހަރެން ދުރަށް މިއައީ ރިޒްވީން ދެކެވާ މަތިވެރި ލޯބީގެ ޙައްޤުޤަ އެވެ. ދެމީހުން އެކުގައި ކުރި ވައުދާއި އަހުދުތަކުގެ މަތީން އަހަރެން ދުވަހަކުވެސް ހަނދާ ނުނެތޭނެ އެވެ. ތިޔަ ލޯތްބަކީ އަހަންނަށް މި ދުނިޔެއިން ލެއްވި ނަސީބެކެވެ. ވަކިވެ ދިޔުމުން ދެރަ ނުވައްޗަވެ. އަހަންނަށް ހެޔޮ ދުޢާ ކޮށްދެއްޗެވެ. އަބަދުވެސް އުފަލުގައި ވާށެވެ.

ހިތަށް އަންނަމުންދިޔަ ޖުމްލަތަކުން އަހަރެންގެ ހިއްވަރު އެލިގެން ދިޔަ އެވެ. ދުވަހަކު ނުރޯ ވަރަށް ރޮވުނެވެ. ބޭނުންވީ އެކަނި އޮވެ، އަމިއްލަ ނަފުސާއި ޝަކުވާ ކުރާށެވެ. އަޑުން އަޑުނަގައި ރޯށެވެ. އެކަމަކު، އެކަންވެސް ވާކަށް ނެތެވެ.

އަހަރެންގެ ޙާލު ދެރަވި އެވެ. މަންމަ އާއި ވަކިކޮށް އައިސީޔޫއަށް ގެންދިޔުމުގެ މަސައްކަތް ފެށި އެވެ. މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ހުދު އަހަރެން ވެސް ބޭނުންވީ އެ ދެއަތުގެ ތެރޭގައި އޮވެ، ފަހުނޭވާ ދޫކުރާށެވެ. އެކަމަކު އެ ނިޢުމަތެއް ވެސް ނުލިބުނެވެ. މަންމަގެ އަތްތިލައިގައި އަހަރެންގެ ވަރެއް ނެތް އަތުން ހިފަހައްޓާލައިގެން އޮވެވުނީ، ފަޅި ސިކުންތުކޮޅަކަށެވެ. އެ އަތުން އަތް ދޫވެއްޖެ އެވެ. އައިސީޔޫގައި ފަރުވާދޭން ފެށި އެވެ. ކޮންމެ ގުނަވަނެއް މަސައްކަތް ކުރަމުން ދިޔައީ ވޭނަކީ ކޮބައިކަން އަހަންނަށް އަންގައިދޭން ހެން ހީވި ވަގުތުކޮޅެއް ދިޔަ އެވެ.

އަހަރެންގެ ފަހު ވަގުތުކޮޅާއި ބައްދަލު ކުރަން ޖެހުނީ އެވެ. ހާދަ ވޭނެކެވެ. ނޭވާ އުފުރެނީއޭ ހީވާ ކިތަންމެ ވަގުތެއް އައެވެ. ކައިރީގައި ރިޒްވީން ހުރި ނަމައެވެ. އެ މޭގައި ބޯ އަޅައިލަން ލިބުމުން، ކުޑަ ހިއްވަރެއް ލިބިދާނެ އެވެ. ދެއަތުގައި ބޮސްދީ ވަދާޢުގެ ސަލާން ކޮށްލަން ބޭނުމެވެ. ހިތަށް އެރި އެވެ. އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހަކަށް ވެވުނު ނަމައެވެ. އޭރުން ހިތުގެ ބައިވެރިޔާ ހުންނާނީ އަހަރެންގެ ކައިރީގަ އެވެ. ފަހު ވަގުތުގައިވެސް، އަހަންނަށް ހިއްވަރުދީ، ފިރުމައިދީ، ހިތާމަތައް ލުއިކޮށްދޭން މަސައްކަތް ކުރާނެ އެވެ.

ޑަކުޓަރުން މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ފުރާނަ ސަލާމަތް ކުރާށެވެ. އެއިން ކޮންމެ ފަހަރަކު އިތުރު ވޭނެއް އަޅައެވެ. އެ ވޭނުގައި އޮތުމަށްވުރެ ފުރާނަ ގެންދެވުންވެސް މާ ރަނގަޅު ވާނެ އެވެ.

ކުއްލިއަކަށް ފަޔަށް ފިނިވާން ފެށި އެވެ. ފައި ތިލައިން ފެށިގެން ހަރަކާތް ހުސްވަމުން ދިޔަ އެވެ. ޑަކުޓަރުންގެ އަތްމަތި އަވަސްކޮށްލި އެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިލެވުނީ އެތައް ހިއްވަރަކުން ވައި އަޑުންނެވެ. ފަހު ކަލިމަ އާއިއެކު، ހިތުގެ ހިނގުން ހުއްޓިއްޖެ އެވެ. ބާރުގަނޑެއް އަރާފައި އަހަރެންގެ މުޅި ހަށިގަނޑުގެ ހަރަކާތް ހުއްޓުނެވެ. އެވަރުންވެސް ޑަކުޓަރުން އެމީހުންގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ހިތް ބުނަމުން ދިޔަ އެވެ. އޭ އަހާއެވެ. ތި ކުރަނީ ބޭކާރު ކަމެކެވެ. އަހަރެން މިވަނީ، ނޭވާ ހޮޅިއަށް އެޅިފަ އެވެ. ދެނެއް ސަލާމަތެއް ނުވާނެ އެވެ.

އާނއެކެވެ. ފަނަރަ މިނެޓުގެ ހަނގުރާމައަކަށްފަހު، އަހަރެންގެ ފަހު ނޭވާ ދޫވެއްޖެ އެވެ. އަބަދުގެ އަބަދަށް، މި ފަނާވަނިވި ދުނިޔެ އާއި އަލްވަދާއު ކީއެވެ. އަހަންނަށް އެނގެ އެވެ. އަހަރެންގެ ޚަބަރު ލިބުމުން، މަންމަ އެކޭ އެއްވަރަށް ރިޒްވީންގެ ހިތް ވެސް ކުދިކުދި ވާނެ އެވެ. އަހަރެންގެ ފަހު ވަގުތުކޮޅު އެކީގައި ހޭދަ ނުކުރެވުނީތީ، ކަރުނަ އަޅައި ރޯނެ އެވެ. އަހަންނާއި މެދު އެ ހިތުގައި އޮންނާނީ އެތައް ޝަކުވާ އެއްކަން ޔަޤީނެވެ. އެކަމަކު، ތަޤުދީރު ދެން އަހަރެމެން މިދުނިޔެއިން ބައްދަލުވިޔަކަ ނުދޭނެ އެވެ. ކިތަންމެ ބޭނުންވިޔަސް މެއެވެ. ކޮންމެ ނިމުމެއް އުފާވެރި ނުވެދާނެ އެވެ. އެކަމަކު އިންސާނަކަށްވީތީ ކޮންމެ މީހަކުވެސް ބޭނުންވާނީ އުފާވެރި ނިމުމެކެވެ. އަމިއްލަ ނިންމުމާއިމެދު އަހަރެން ދެރައެއް ނުވަމެވެ. އަހަރެންގެ މަޤުސަދު އަހަންނަށް ހާސިލުވީތީ އެވެ. އަހަރެން ބޭނުންވީ އަހަރެންގެ ވޭނީ ދިރިއުޅުން ރިޒްވީނަށް ސިއްރު ކުރާށެވެ. އެހިތަށް ކުޅަދާނަ ނުވާނެކަން އަހަންނަށް އެނގެ އެވެ. ލެޔަށް ޖެހުނު ކެންސަރު ބަލީގައި އަހަރެންގެ މުޅި ދިރިއުޅުން، ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓުނީ ނުވެސް އެނގި ހުއްޓަ އެވެ. ހަޔާތުގައި ދެކުނު ހުވަފެންތަކުގައި ކުލަ ނުޖެހި ޒުވާން އުމުރު ޖެހުނީ ވޭނީ ތަންމަތީގައި އޮންނާށެވެ. އެ ވޭނަށް ހަނގުރާމަ ކުރި ކޮންމެ ދުވަހެއް ފެނުމުން، އެތައް ހާސް މަރަކުން ރިޒްވީންގެ ހިތް މަރުވާނެ ކަން އަހަންނަށް ޔަޤީނެވެ. ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރި ވެވުނުނަމަ އެ ކުށް އަހަންނަށް ކުރެވިއްޖެ އެވެ. އެކަމަކު މިއީ އަހަރެން ލޯތްބަށްޓަކައި ވި މަތިވެރި ޤުރުބާނީ އެކެވެ. އެދެނީ ޖަންނަތުން އަލުން ބައްދަލު ވުމެވެ.

(ނިމުނީ)

ނޯޓް: ވާހަކަ ނިންމާލުމުގެ ތަޢުފީޤު ދެއްވި ކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރަން. ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިފުރުސަތުގައި ވާހަކައަށް އެކި ޚިޔާލު ފާޅުކޮށް ކޮމެންޓްކޮށްލި ހުރިހާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން.

comment ކޮމެންޓް