ދޯނީގައި ރޯވެ ފިހުނު އެކަކު އައިސީޔޫގައި

އިއްޔެގެ ތިލަފުށީ ފަޅު ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރަން ސިފައިން މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

އިއްޔެ ތިލަފުށީ ފަޅު ތެރޭގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވު ފިހުނު އެކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އިއްޔެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފިހިގެން އައިޖީއެމްއެޗްއަށް ގެންދިޔައީ ދެ މީހެކެވެ. އެއީ ބިދޭސީއަކާއި ދިވެއްސެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު އިމަޖެންސީ ރޫމުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، ދިވެހި މީހާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ ހަށިގަނޑުގެ 20 ޕަސެންޓު ފިހިފައިވާ ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ އަލިފާނުގެ ހާދިސާ ހިނގީ އެތަނުން އެއް ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގަ އެވެ.

އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ އިއްޔެ ހަވީރު 4:39 ގަ އެވެ. ސިފައިން ވަނީ ހަވީރު 5:37 ހާއިރު އަލިފާން ކޮންޓްރޯލު ކޮށްފަ އެވެ.

comment ކޮމެންޓް