ލަންކާގައި ހުރެގެން ދިވެހިންނަށް ހެދުން ފަހައިދޭ ޒުވާން ހުނަރުވެރިޔާ

އާމިނަތު ރައުފާ، 21 ޑެއުލެސެއު ބައި ރައު ހިންގާ ޒުވާނާ --

2016 ވަނަ އަހަރު އަމީނިއްޔާ ސްކޫލުން ގްރޭޑް 10 ކާމިޔާބުކަމާއި އެކީ ނިންމާލުމުން ބައްޕަ އަހާލީ އެންމެ ސުވާލެކެވެ--ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ އެވެ. މީގެ އަހަރުތަކެއް ކުރިންނަމަ އެ ސުވާލުގެ ޖަވާބަކަށް ވާނީ އާކިޓެކްޗާ އެވެ. ނަމަވެސް ހިސާބު ދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން މިސްރާބު ބަދަލުކޮށްގެން އިންތިޒާރުކުރަމުން އައީ ފެޝަން ޑިޒައިނިން ކިޔަވައި އެ ދާއިރާއިން ކުރިއަށް ދެވޭނެ ދުވަހަކަށެވެ. އެ އުންމީދުގައި މިއަދު މަޑުމަޑުން ކުލަ ޖެހެމުން އަންނައިރު އެއިން އަހަރުމެންނަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ "ޑެއުލެސެއު ބައި ރައު" އެވެ.

މިއީ އުމުރުން އެންމެ 21 އަހަރުގައި އަމިއްލަ ގައުމާއި އާއިލާއާއި ދުރުގައި ސްރީލަންކާގެ އޭއެމްޑީޓީ ސްކޫލް އޮފް ކްރިއޭޓިވިޓީއިން ފެޝަން އެންޑް ޑިޒައިން އިން ޓެކްސްޓައިލްގެ ރޮނގުން ޑިޕްލޮމާ ހާސިލްކުރަމުންދާ އާމިނަތު ރައުފާގެ އަމިއްލަ ކުޑަ ވިޔަފާރި އެކެވެ.

މީގެ އަހަރެއްވަރު ކުރިން މި މަސައްކަތް އޭނާ އާންމުކޮށް ހުޅުވާލައިގެން ކުރަންފެށީ ލަންކާގައި ކިޔަވަން ހުރި އެކި ގޭގޭގެ މީހުންނަށް ހެދުން ފަހައިދިނުމުގެ ތެރެއިން އައި ކުޑަ ޚިޔާލަކުންނެވެ.

"އެންމެ ފުރަތަމަ ހުރީ ތިމާގެ ކުއްޖެއްގެ ގޭގައި. ހުރެފައި ދެން މުޅީންވެސް މިހުންނަނީ ކުދިން ބައިތިއްބާ ގެތަކުގައި. ދެން ފެޝަން ޑިޒައިނިން ކިޔަވާތީ އެންމެންވެސް ބުނާނެ ހެދުމެއް ފަހައިދޭން. އެގޮތަށް ފަހަމުން އައިސް ހިތަށް އެރީ އާމްދަނީއެއް ލިބޭނެ ގޮތަކަށް މިކަން ކުރަން. ދެން އުފަންދުވަހަށް ބައްޕަ ދެއްވީ ހަދިޔާއަކަށް ފަހާފޮއްޓެއް. އެހިސާބުން ފަހަމުން ލިބޭ އާމްދަނީ އަކުން އެއްޗެހި ހަމަކުރަމުން މިހާ ހިސާބަށް މި އައީ" ރައު ބުންޏެވެ.

ފެހުމާއި ހެދުން ފަރުމާކުރުމުގެ މި ދާއިރާއަކީ ރައުއަށް އާ ކަމެއް ނޫނެވެ. ކުޑައިރުއްސުރެވެސް އޭނާއަށް ގޭތެރެއިން ފެންނަމުން އައީ މަންމައާއި ދައްތަ މި މަސައްކަތުގައި އުޅުނު ތަނެވެ. ރައުވެސް ކުޑަކުޑަ އިރު، އެންމެ އަށް އަހަރުގައި ހެދުން ފަހަން ފަށައިފިއެވެ.

"އެއްވެސް ވަރަކަށް ބާބީ ޑޯލްތަކެއް ނުގެންގުޅެން. އެކަމަކު ބެސްޓް ފްރެންޑް އުޅޭނެ ގެ ކައިރީގައި. ދެން ކުޅެން ދިޔައީ އެ ގެއަށް. އެންމެ ފުރަތަމަ ފެހި ހެދުމުގެ ގޮތުގައި ހަނދާންވަނީ ޑޯލްއަކަށް ފެހި ހެދުމެއް. އެ ފެހީ ތިނޯހުން، އަތުން،"

މިވީ ކުޑަ މުއްދަތުގެ ތެރޭގައި ރައުގެ ޑެއުލެސެއު ޕޭޖް އިންސްޓަގްރާމުގައި އެކަނިވެސް ފޮލޯކުރަމުންދާ 7،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭނާގެ ކަސްޓަމަރުންނަކީ ހަމައެކަނި ސްރީލަންކާގައި ދިރިއުޅޭ މީހުންނެއް ނޫނެވެ. ރާއްޖެއިން އޮންލައިންކޮށްވެސް އޯޑަރުތައް ރައު ނަގަ އެވެ.

"އޮންލައިންކޮށް ބޮޑުބައި އޮންނަނީ. މިން ނެގުމާ، ފޮތި ޗޫޒްކުރުމާ، ދެން ކަސްޓަމަރުން ފޮނުވާ ޑިޒައިނަކަށް ބަލާފައި މިކޮޅުން ފޮތި ގަންނަނީ. ދެން މިން ނަގަންވީ ޗާޓެއް އަޅުގަނޑު ފޮނުވަނީ. އެއަށް މިންތައް ފޮނުވީމަ ފޮތީގެ އަގާއި ފެހުމުގެ އަގުގެ އެއްބައި ފޮނުވީމަ މަސައްކަތް ފަށަނީ. ދެން މާލެއަށް މި ފޮނުވަނީ ކާގޯއިން. ބައްޕަ ނޫނީ ރައްޓެއްސެއް ޑެލިވަރީގެ ކަންކަން ކުރިއަށް ގެންދާނެ. ލަންކާ އޯޑާރެއް ނަމަ ކުރިއާއިން ފޮނުވަނީ" ރައު އޭނާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ކިޔައިދިނެވެ.

"ޑެއުލެސެއު ބައި ރައު"ގެ ބައެއް މަސައްކަތްތައް

ކަސްޓަމަރުންގެ ކަސްޓަމް އޯޑަރުތަކާއި އެއްވަރަށް ރައު އެންމެ ބޮޑަށް މަސައްކަތްކުރަނީ ވަގުތު ވީވަރަކުން އަމިއްލަ ކަލެކްޝަންތަކެއްވެސް ނެރެވޭތޯ އެވެ. މިގޮތުން، މިއަހަރުގެ ކުރީކޮޅު އޭނާ ނެރުނު ވަން ޕީސް ކަލެކްޝަނަށްވެސް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ރައު ބުނާގޮތުން ޕޭޖުގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކާ ކަސްޓަމަރުންނެވެ. މިގޮތުން މަޝްހޫރު ރާއްޖޭގެ ލަވަކިޔުންތެރިންނާއި، ސޯޝަލް މީޑިއާގެ ބައެއް އިންފްލުއެންސާސްގެ އޯޑަރުތަކެއް ލިބި ފަހައިދެވުމަކީ ގިނަ ބަޔަކަށް މި މަސައްކަތް އެގިގެން ދިޔަ ކަމެކެވެ.

މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުން، އާމްދަނީއެއް ހޯދަން މިފަދަ މަސައްކަތެއް ކުރުމަކީ ބުރަ ކަމެކެވެ. ލަންކާގައި ގިނަ ވައްތަރުތަކުގެ ފޮއްޗާއި، ފަހަން ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބެން ހުއްޓަސް، ގިނަ ވަގުތުތަކެއް މި ތަކެތި ހޯދުމުގައި ހޭދަވާކަމަށް ރައު ބުންޏެވެ. އަދި ކޮވިޑް19 އަށްްފަހު، ކާގޯ ފޮނުވުމަށް ބޮޑެތި ދަތިތަކެއް ހުރިއިރު، މިއީ ރައުގެ މަސައްކަތަށް މިއަދި ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަންވެސް މެއެވެ.

ފެޝަން ޑިޒައިނިންއަކީ ރާއްޖޭގައި އަދިވެސް ޒުވާނުން މަދު ދާއިރާއަކަށްވާއިރު ރައުގެ ވިސްނުން ހުރީ ކިޔެވުން ނިންމާލުމަށްފަހު ރާއްޖެ އައިސް، އަމިއްލަ އަށް ފޮތި ޑިޒައިންކޮށްގެން އަމިއްލަ ޑިޒައިން ތަކެއް ނެރުމަށެވެ.

"އަޅުގަނޑު މި ކިޔަވަނީ ޓެކްސްޓައިލްސް. އެހެންވީމަ ކިޔެވުން ނިންމާލާފައި ބޭނުންވަނީ އަމިއްލައަށް ފެބްރިކްތައް ޑިޒައިންކޮށްގެން އަމިއްލަ އެއްޗެހިތަކެއް ނެރެން" ރައު ބުންޏެވެ.

ކޮންމެ ވައްތަރެއްގެ ހެދުމެއްވެސް، އެ ޑިޒައިނަކަށް އެންމެ ކަމުދާނެ ފޮއްޗެއްގައި، ނުހަނު ފުރިހަމަ އަށް ފަހައި ނިންމާ، ކަނޑު ހުރަސްކޮށް ފޮނުވުމަށް ޖެހެނީީ އެންމެ ހަފްތާއެއް ނޫނީ ދެ ހަފްތާ ކުރިން ޕޭޖަށް މެސެޖް ކޮށްލާށެވެ. މިހާތަނަށް އެއްވެސް ކަސްޓަމަރެއްގެ ހެދުމެއްގައި މައްސަލައެއް ޖެހިގެން ދެވަނަ ފަހަރަކަށް ފަހަން ޖެހިފައި ނުވާއިރު، ރައު ގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސާފު، އޮމާން ރީތި މަސައްކަތެއް ކޮންމެ ހެދުމުގައި ވެސް ދައްކާލެވުމެވެ.

comment ކޮމެންޓް