ކުށްކުރާ ކުޑަކުދިން ގޭބަންދުގައި ބައިތިއްބަން ބާރުއަޅާ އިސްލާހު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު، ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުދިން ގޭ ބަންދުގައި ބޭތިއްބުމަށް ބާރުއަޅައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މިއަދު ތަސްދީގުކުރި މި ބިލުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ވަރަށް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ.

މި އިސްލާހުގެ ދަށުން ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނީޓާ ކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މީގެ އިތުރުން ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނީޓާ ކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެ އެވެ. އަދި މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައި މި ބިލު ޝާއިއުކޮށްފައިވާއިރު، ގެޒެޓުގައި ޝާއިއުކުރުމާއެކު މި ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.

comment ކޮމެންޓް