ޓީސީގެ ޒުވާން ސްކޮޑަށް ފުރިހަމަ އިތުބާރު އެބައޮތް: ޝާޒް

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) --- ފޮޓޯ//އެފްއޭއެމް

ޓީސީގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، މިހާތަނަށް ދެއްކި އެކުޅުންތެރިން ދެއްކި ކުޅުމުން މިފަދަ މުބާރާތެއްގައި ތަފާތު ދެއްކިދާނެކަން އެ ކުޅުންތެރިން ސާބިތުކޮށްދީފި ކަމަށް ޓީސީގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

ޓީސީ މި ސީޒަނަށް ނުކުތީ ނިސްބަތުން ޒުވާން ޓީމަކާ އެކު އެވެ. އެ ކުލަބުން ޒުވާން ޓީމެއް އެކުލަވާލީ، ކުލަބުގެ ބަޖެޓް ކުޑަ ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ޙިލާފަށް ޓީސީން މިހާތަނަށް ވަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އީގަލްސް އަތުން މޮޅެއް ހޯދައިފަ އެވެ.

ޝާޒް ބުނީ އީގަލްސް އަތުން ލިބުނު މޮޅާ އެކު ޒުވާން ސްކޮޑު ސާބިތުކޮށްދިނީ މިވަރުގެ ލީގެއްގައި އެ ކުޅުންތެރިންނަށް ވެސް ތަފާތު ދެއްކިދާނެ ކަމެވެ. އަދި މިހާތަނަށް ދަނޑުމަތިން ނުފެންނަ ޒުވާން އެތައް ކުޅުންތެރިންނެއް އަދި އެބަ ތިބި ކަމަށާއި، އެ ހުރިހާ ކުޅުންތެރިން ވެސް ޓީމަށް އެރުމަށް ކުރާ މަސައްކަތުން ޓީމާ ދޭތެރޭ އޮތް ޔަގީންކަން ބޮޑުވެފައިވާ ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

"ޓީސީގައި ތިބި ޒުވާން ކުޅުންތެރިންނާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ދެން އެއީ ކަންނޭންގެ ޓީމާއި ދޭތެރޭ އެހާ ބޮޑު ޔަގީންކަމެއް ވެސް އޮންނަ ކަމަކީ. އެއާ އެއްކޮށް ކުރިން ބުނިހެން ވަރަށް ބޮޑަށް މިސްވާއެއްޗެއް އެއީ ފޮރިން ޕްލޭޔަރުންނާއި ސީނިއާ ޕްލޭޔަރުން. އެހެން ނަމަވެސް މިހާރު ސްކޮޑުގައި ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު އެބަހުރި،" މާދަމާގެ މެޗުގެ ކުރިން އެފްއޭއެމުން ބޭއްވި ޕްރި މެޗު ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ.

"ސުވާލަކީ މުބާރާތުގައި އެކަން އެމީހުންނަށް ޕްރޫވް ކުރެވޭނެތޯ. މިހާތަނަށް ފެންނަނީ އެކަން ކުރެވޭނެ ކަހަލަ ގޮތަކަށް،"

ޝާޒް ބުނީ ކުރީ މެޗުގެ ފަހުކޮޅުގައި ޓީސީގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް، ހަގީގަތުގައި އެކަމަކީ މެޗުގައި ބޭނުންކުރަން ޖެހުނު އުކުޅެއް ކަމަށެވެ. އަދި މެޗުން މޮޅުވާން ދާއިރު، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅޭ ޓީމެއްގެ ފަރާތުން އެފަދަ ކަންކަން ފެންނާނެކަން ޝާޒް ވަނީ ފާޙަގަ ކޮށްފަ އެވެ.

މިފަހަރުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސުޕަ ޔުނައިޓެޑާ ދެކޮޅަށް މާދަމާ ރޭ ޓީސީން ނުކުންނަ އިރު، ސަސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި އެ ޓީމު އީގަލްސް އަތުން މޮޅުވި އިރު، ދެވަނަ މެޗުގައި ދަ ގަރާންޑޭ އަތުން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

ޝާޒް ބުނީ ސަސް އަކީ ލީގަށް އައު ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އަދި އެ ޓީމުން މިހާތަނަށް ދެއްކި ކުޅުމަށް ބަލައި އެއީ ވަރުގަދަ ޓީމެއްކަން ހާމަވާ ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

"މުޅި ކޮންސެންޓްރޭޝަން މިހުރީ ސަސްގެ މެޗަށް،"

ޓީސީއާއި ސަސް ބައްދަލު ކުރާ މެޗު ކުޅޭނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ. މިއީ މި ދެ ޓީމުން ލީގުގައި ކުޅޭ ތިންވަނަ މެޗެވެ.

comment ކޮމެންޓް