ހަތަރު ޖުޑީޝަލް ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ދާއިރާ އިސް މެޖިސްޓްރޭޓުން ހޯދަން އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތައް އިންޓަވިއުކޮށް، މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 99ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ދާއިރާ އިސްމެޖިސްޓްރޭޓުންގެ ގޮތުގައި ޖޭއެސްސީއިން އައްޔަންކުރި ބޭފުޅުންނަކީ؛
- ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް: އަލްއުސްތާޒް އަލީ އާދަމް (އަލީޝާ، ހދ. ކުޅުދުއްފުށި)
- އދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް: އަލްއުސްތާޒް އިބްރާހިމް މައުމޫރު (މއ. ވެލަބުލީގެ، ކ. މާލެ)
- ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް: އަލްއުސްތާޒް އިބްރާހިމް އިހުސާން (އެށެވެލި، ސ. މަރަދޫ)
- ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް: އަލްއުސްތާޒް މުހައްމަދު ޒާހިރު ހަސަން (މުނިޔާގެ، ގދ. ތިނަދޫ)
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރި އަލީ އާދަމް ވަނީ ވިލާ ކޮލެޖުން ބެޗްލާސް އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައި، ފަނޑިޔާރުކަމުގައި 15 އަހަރުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.
އދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރި އިބްރާހިމް މައުމޫރު ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައި، ފަނޑިޔާރުކަމުގައި 10 އަހަރުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.
ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރި އިބްރާހިމް އިހުސާން ވަނީ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލުކުރައްވާފަ އެވެ. އަދި މައުމޫރަކީ ފަނޑިޔާރުކަމުގައި ދެ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރި މުހައްމަދު ޒާހިރު ހަސަން ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައި، ފަނޑިޔާރުކަމުގައި 21 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.