ދިވެހި ޕްރިމިއާ ލީގަށް ބިދޭސީ ހަތަރު ރެފްރީން ގެނެސްފި

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާއާއި ޔޫވީ ބައްދަލު ކުރި މެޗެއްގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް އިންސާފު ކުރުމަށް ބޭރުގެ ތަޖުރިބާކާރު ހަތަރު ރެފްރީން ގެނެސްފި އެވެ.

ލީގުގައި ފުރަތަމަ ބުރުގެ ދެ ހަފުތާ ނިމިފައިވާ އިރު، ތިންވަނަ މެޗު ވީކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއާއި އޭގެ އަނެއް ދުވަހެވެ. އެ މެޗުތަކުގެ ކުރިން އެފްއޭއެމުން މިއަދު ބުނީ ކުރިއަށް އޮތް މެޗުތަކުން ފަށައިގެން ލީގުގެ މެޗުތަކުގައި އިންސާފު ކުރުމަށް ހަތަރު ރެފްރީއަކު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެގޮތުން ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ މެލޭޝިއާގެ ފީފާން ތިން ރެފްރީންނާއި، ސިންގަޕޫރުގެ ރެފްރީއެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މި ރެފްރީންނަކީ އޭއެފްސީއާއި ފީފާގެ މުބާރާތްތަކުގައި އަދި މެލޭޝިޔާއާއި ސިންގަޕޫރުގެ ލީގުތަކުގައި ވެސް ރެފްރީކަން ކޮށްފައިވާ ރެފްރީންތަކެކެވެ. އަދި މާދަމާ ކުޅޭ ލީގު މެޗުތަކުން ފަށައިގެން މި ރެފްރީން ހަރަކާތްތެރިވާން ފަށާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ބުނީ، ދިވެހި ޕްރިމިއާ ލީގަށ ބިދޭސީ ރެފްރީން ގެނައީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެއީ ބިދޭސީ ރެފްރީންނާ އެކު މަސައްކަތްކޮށް، ދިވެހި ރެފްރީންނަށް ތަޖުރިބާ ހޯދައިދިނުމާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ލީގުގައި ބިދޭސީ ރެފްރީންނަށް ފުރުސަތު ދެމުންދާތީވެ، އެ އުސޫލުން އަމަލު ކުރުމަކީ ބޭނުންތެެރި ކަމެއް ކަމުގައި ވާތީ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އަންނަ އަހަރަށް ރާއްޖޭން ފީފާ ބެޖް ލިބޭ ރެފްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދާދި ފަހަކުން ކަނޑައަޅައިފި އެވެ.

އެއީ ތިން ރެފްރީން ކަމަށްވާ މުހައްމަދު ޖާވިޒް (ޖޭޑް) އާއި އާދަމް ފަޒީލް އަދި ހުސެއިން ސިނާންގެ އިތުރުން ތަޖުރިބާކާރު ދެ އެސިސްޓަންޓް ރެފްރީން ކަމަށްވާ ޖައުފަރު ރަޝީދު އާއި އަހުމަދު އަބްދުﷲ އެވެ.

comment ކޮމެންޓް