ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ޖިހާދަށް ނުދިން

މިއަދު ޖިހާދު ކްރިމިނަލް ކޯޓުގެ ކޯޓު ރޫމުގެ ތެރޭގައި --

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.

މިއަދުގެ އަޑުއެހުމަކީ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން އެކަމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ. ޖިހާދުގެ މައްސަލަ ބައްލަވަނީ ގާޒީ ހުސެއިން ފާއިޒު ރަޝާދެވެ. ނަމަވެސް، އޭނާ މިވަގުތު ޗުއްޓީގައި ހުންނެވުމުން، މިއަދުގެ މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު ސަމީރެވެ.

ދިމާވެފައިވާ ގިނަ ސިއްހީ ހާލަތްތަކެއް ބަޔާންކޮށް، އެކަންކަމަށް ފަރުވާ ހޯދަން ދުބާއީއަށް ވަޑައިގަންނަވަން މިހާރު ޓިކެޓުވެސް ނަންގަވާފައިވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ. އެ މައްސަލަތަކަކީ ގަވައިދުން ބޭސް ކުރަން ޖެހޭ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ. އަދި ދިމާވެފައިވާ ބަލި ހާލަތްތަކުގެ ތެރޭގައި އިންސޮމްނިއާ، ހަކުރު ބަލި ހިމެނޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާ އަކީ އަވަސްއަވަހަށް ކުޑަކަމުދެވޭ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ޖިހާދަކީ ގައުމުގެ ނައިބު ރައީސްކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަންކޮށް، 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދައުލަތުގެ އިއްޒަތްތެރިއެއްކަން ވެސް ފަލާހު ފާހަގަކުރެއްވި އެވެ.

އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުން މިއަދުގެ އަަޑުއެހުމުގައި ވަނީ، ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުން އިއުތިރާޒު ކުރާ ސަބަބު އޮޅުންފިލުވަން ގާޒީ ސަމީރު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ބުނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅެނީ ރާއްޖެއިން ނުލިބޭ ފަރުވާއެއް ހޯދަން ނޫންކަންވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި ރާއްޖެއިން ފަރުވާ ލިބޭ ކަމަކަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފުރަން ހުއްދަ ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން ޖިހާދު އަދާކޮށްފައި ހުރި މަގާމުތަކަށް ބަލާއިރު، ބޭރުގެ އެހެން މީހުންނާ ގުޅިގެން ފިލުމުގެ ބާރު އޭނަށް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ޖިހާދު މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާ މި ދުވަސްވަރު ދުބާއީއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ދަރިންގެ ޗުއްޓީއާވެސް ދިމާކޮށް ކަމަށެ ވެ. ދަރިންނަށް އަޅާލުމަކީ އިސްލާމް ދީނުގައި ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެ ހާސް ތިން ވަނަ އަހަރުން ފެށިގެން ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ ކަމަށް ޖިހާދު ވިދާޅުވި އެވެ. އޭނާ އަކީ ކަރުގައި ޒަވި އުދި ކަރު ބެދޭ މައްސަލަ ދިމާވެފައިވާ މީހެއް ކަމަށް ވިދާޅުވި އެވެ. އެކަމަށްވެސް ބޭސް ކުރަމުންދާ ކަމަށާއި، ފުއްޕާމޭގެ ޓެސްޓެއްވެސް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ކުރީ ނުހައްގު ދައުވާއެއް ކަމަށް ޖިހާދު ވިދާޅުވި އެވެ. ދައުލަތުން އޭނާއަށް ދެމުން ދަނީ އަނިޔާ ކަމަށް ވިދާޅުވި އެވެ. އެ ވާހަކައިގެ ތެރެއިން ހުވަދޫ ބަގާވާތުގައި އޭނާގެ އާއިލާއަށް ދައުލަތުގެ ފަރާތުން އަނިޔާ ލިބުނު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ޝަރީއަތުގެ މަޖިލީހުގައި މި ދަންނަވަނީ އަޅުގަނޑަކީ ފިލައިގެންދާނެ މީހެއް ނޫނޭ. ހަތިމެއް ދިއްކޮށްފިއްޔާ ހަތިމެއްގައިވެސް އަތްލާފައި ދަންނަވަފާނަން އަޅުގަނޑަކީ ފިލައިގެން ދާނެ މީހެއް ނޫނޭ. އަޅުގަނޑު ޖެނުއަރީ 11ގައި އަނބުރާ ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އިއްޒަތްތެރި ގާޒީއަށް އަރުވަން،" ޖިހާދު ވިދާޅުވި އެވެ.

ގާޒީ ސަމީރު ވަނީ ޖިހާދު ހުށަހަޅާފައިވާ ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ދައުލަތަށް ދެއްވައި ދައުލަތުން އެއަށް ބަލައި ވިސްނުން ބަދަލު ކުރަން ފުރުސަތު ދެއްވައިފަ އެވެ. އަދި އެކަމާ މެދު ގޮތް ނިންމަން އިތުރު ދުވަސްތަކެއް ދިނުމަށްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ދައުލަތުން ބުނީ، އެއީ އެކަމުގައި ދައުލަތުގައި ސްޓޭންޑު ކަމާށާއި، އިތުރު ވަގުތު ބޭނުން ނުވާ ކަމަށެވެ.

އޭގެ އިތުރުން، ޖިހާދު ދުބާއީއަށް ވަޑައިގެންނެވިޔަސް އަނބުރާ އަންނާނެ ކަމުގެ ޔަގީންކަން ދައުލަތަށް އޮންނަ ފަދަ ކަމެއް ހުށަހަޅުމަށް ބޭނުން ނަމަ ދިފާއަށް ހުށަހަޅިދާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި އެކަމަށް ފުރުސަތު ދޭން އެހެން ދުވަހެއްގައި މައްސަލަ ނިންމިދާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުންވެސް، ދިފާއުންވެސް މިއަދު ގޮތެއް ނިންމައިދޭން އެެދުމުން، ގާޒީ ނިންމެވީ، ދެކެވުނު ވާހަކަތަަކަށް ބަލައި، ޖިހާދު ފިލައިގެންގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދޭށެވެ. އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ޖެނުއަރީ 20އާ ހަމައަށެވެ.

ޖިހާދަށް ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެ އެވެ.

ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެންނެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް