ޝަޒައިލް ވިދާޅުވަނީ މަނީ ލޯންޑަރިންގެ ތުހުމަތަކީ ސިޔާސީ ތުހުމަތެއް ކަމަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް --

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތަކީ ސިޔާސީ ތުހުމަތުތެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޝަޒައިލްއަށް ތުހުމަތު ކުރެވޭ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއިން ބަލައި ނިންމުމަށް ފަހު ބުނެފައި ވަނީ ރިޝްވަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތު ނުވާ ނަމަވެސް، މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެ އެކަން މިހާރު ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.

ތުހުމަތަކާ ގުޅިގެން ސަސްޕެންޝަންގައި ހުންނަތާ އަހަރެއްހާ ދުވަސްވެފައިވާ ޝަޒައިލް އިއްޔެ ފޭސްބުކުގައި ވިދާޅުވީ، އެ މަނީ ލޯންޑަރިންގެ ތުހުމަތަކީ އޭނާގެ މައްޗަށް ކުރެވުނު ރިޝްވަތުގެ ތުހުމަތު ސާބިތު ނުވުމުން ބޮލުގައި އެޅުވި ސިޔާސީ ތުހުމަތެއް ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން ސިޔާސީ ތުހުމަތެއް ގޮތަށް މަނީލޯންޑަރިންގެ ތުހުމަތެއް ބޮލުގާ އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުހުމަތުތަކެއް ކަމަށާއި، އެ ތުހުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަޒައިލްއަށް ތުހުމަތު ކުރެވުނު ރިޝްވަތުގެ މައްސަލަ ސާބިތުވެފައި ނުވާއިރު، މޯލްޑިވް ގޭސްގެ އިތުރު ތިން މައްސަލައެއް ފާހަގަ ކުރެވިގެން ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ. އެއީ، އެ ކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކު ކުރެވޭ ފައިސާތަކެއް ޖަމާވި މައްސަލައަކާއި، މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުުމަތު ކުރެވޭ މައްސަލައަކާއި، މަރާމާތުގެ މަސައްކަތެއް ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ޝަޒައިލް މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހަމަޖެއްސީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ. އޭނާ އަކީ މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް