މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މިލްކިއްޔާތު ބަދަލު ނުކުރެވޭ ގޮތަށް ވަގުތީ އަމުރެއް ނެރެދީފި

މާލޭގައި ހުންނަ މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާމާނު އެތެރެކުރާ މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލައަކާ ހެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ކުންފުނި އުވާލުމުގެ މައްސަލައެއް ބަލައި ނިމެންދެން، އެ ކުންފުނީގެ މިލްކިއްޔާތު ބަދަލު ނުކުރެވޭނެ ފަދަ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފި އެވެ.

މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނި އުފެއްދި އިރު ހިއްސާދާރުންގެ ގޮތުގައި ތިބީ، ސ. ހުޅުދޫ، ނެސްޓް މީޑް، އަހުމަދު އަޒްމީލްގެ އިތުރުން އދ. ހަންޏާމީދޫ، ރޯޝަނީގެ، އަހުމަދު ޝަރީފު އަދި މ. ޝުރާ މަންޒިލް، ހާމިދު އިސްމާއިލް (ހާމިދު ސޭޓު) އެވެ. ނަމަވެސް، ހާމިދުގެ ހިއްސާ އޭނާގެ ކޮއްކޮއަށް ބަދަލުކުރުމަށް ފަހު، މިހާރު ވަނީ އޭނާގެ ދަރިފުޅު ހ. ހިރިފުށި، ސުރާ ހާމިދު އިސްމާއިލުގެ ނަމަށް ބަދަލުކޮށްފަ އެވެ. ކުންފުނީގެ 70 ޕަސެންޓު ހިއްސާ ސުރާއަށް ނިސްބަތްވާ އިރު، އަޒްމީލާއި ޝަރީފަށް ނިސްބަތް ވަނީ މީހަކަށް 15 ޕަސެންޓު ހިއްސާ އެވެ.

ކުންފުނި ހިންގަމުންދާ ގޮތާ މެދު ހިޔާލުތަފާތުވުންކެއް އުފެދި، ދެން ތިބި ދެ ހިއްސާދާރުންނާ މައްސަލަ ޖެހި، 20 ފެބްރުއަރީ 2020ގައި އަޒްމީލް ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފަ އެވެ. އޭނާ ބާކީކޮށް، މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މިލްކިއްޔާތު އެހެން ކުންފުންޏަކަށް ބަދަލުކޮށް، އެ ކުންފުނި ޝެލް ކުންފުންޏަކަށް ހަދާފާނެ ކަމުގެ ފުރުސަތު އޮތް ކަމަށް އަޒްމީލްގެ ފަރާތުން ބުނެ އެވެ. އެހެންވެ، އޭނާގެ ފަރާތުން ވަނީ ކުންފުނި އުވާލުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

މިލްކިއްޔާތު ބަދަލު ނުކުރެވޭ ގޮތަށް ވަގުތީ އަމުރު ސިިވިލް ކޯޓުން ނެރުނީ، ކުންފުނި އުވާލުމުގެ މައްސަލަ ބަލައި ނިމެންދެނެވެ. އަޒްމީލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނީ، ކުންފުނި އުވާލުމުގެ އަމުރުގެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިމެންދެން ކުންފުނީގެ މިލްކިއްޔާތު ބަދަލު ކުރުމާއި، ހިންގާ ގަވައިދާއި އަސާސީ ގަވައިދަށް އެއްވެސް ބަދަލެއް ގެނައުމާއި، ލޯނެއް ނެގުމާއި، ލޯނު ދޫކުރުމާއި، އަރަންޏާއި ދަރަންޏާ މެދު ކަންތައް ކުރުމާއި، ހިއްސާގެ އަގު ދަށްވާ ފަދަ ކަމެއް ކުރުމާއި، ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ކަމެއް ހުއްޓުވުމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަޒްމީލްގެ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދީފަ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުންފުނީގެ ވިޔަފާރިއާއި ހިންގުމުގެ ކަންކަން ނިންމުމުގައި ކުންފުނީގެ އެންމެހާ މުދަލުގެ މަައްޗަށް ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނަށް އޮތް ހައްގަށް ހުރަސްއެޅިދާނެ، އަދި ކުންފުނީގެ ޖުމްލަ ވެލިއު އާއި ކުންފުނީގެ ހިއްސާތަކުގެ މައްޗަށް އަހުމަދު އަޒްމީލްއަށް މިލްކުވެރިކަން ނުވަތަ ހައްގަށް ހުރަސްއެޅިދާނެ ނުވަތަ އުނިކަމެއް އައިސްދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް މެރިން އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެ އަމުރުގައި އަންގާފައިވެ އެވެ.

އަޒްމީލް ބޯޑުން ވަކި ކުރީ ކުންފުންޏާ ބެހޭ ގާނޫނާއި ކުންފުނީގެ ހިންގާ ގަވައިދާ ހިލާފަށް ކަމަށް އޭނާގެ ފަރާތުން ބުނެ އެވެ. އެގޮތުން އޭނާ ވަކި ކުރީ، ހިންގާ ގަވައިދާ ހިލާފަށް، އާންމު ޖަލްސާއެއް ބޭއްވުމެއް ނެތި ފާސްކުރި ގަރާރަކުން ކަމަށް އޭނާގެ ފަރާތުން ބުނެ އެވެ.

އަޒްމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި، ކުންފުނި އުވާލުމުގެ މައްސަލާގައި ބުނެފައި ވަނީ، ކުންފުނީގެ ޑިރެކްޓަރުން، ކުންފުނި ހިންގައި ވިޔަފާރި ކުރަމުން ދަނީ ކުންފުނީގެ ހުރިހާ މެމްބަރުންގެ މަސްލަހަތަށް ވުރެ ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ، އަޒްމީލްގެ ހައްގުތަކަށް އަދި މަސްލަހަތަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ. އަދި ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބޭ ހައްގުތަކަށް އުނިކަން އަންނާނެ ފަދަ ގޮތްތަކަށް މެޖޯރިޓި ހިއްސާދާރުން އަމަލުކޮށް، ކުންފުނި ހިންގުމުގެ ކަންކަމުގައި ބަސް ކިޔުމަށް ލިބޭ ބާރާއި، ކުންފުނީގެ ފައިދާއިން މަހުރޫމުކުރަމުންދާ ކަމަށް އެ މަައްސަލައިގައިވެ އެވެ.

އެ އަމަލުތަކުގެ ސަބަބުން، އުމުރުގެ ބާކީ ހުރި ކަމަށް ބެލެވޭ މުއްދަތުގައި ލިބޭނެ ކަމަށް ބެލެވޭ ޑިރެކްޓަރުންގެ އެލަވަންސާއި، ހިއްސާގެ ފައިދާގެ ގޮތުގަައި ލިބޭނެ ކަމަށް ބެލެވޭ ފައިސާއާއި، އޭނާގެ މިލްކިއްޔާތުގައިވާ ކުންފުނީގެ ހިއްސާއަށްވާ ފައިސާއާއި، ކުންފުނިން ދިގު މުއްދަތަކަށް އިންވެސްޓުކޮށްފައިވާ އިމާރާތަކުން ލިބޭނެ ކަމަށް ބެލެވޭ ފައިސާ އާއި ވަކީލު ފީއާ އެކު، އަޒްމީލަށް 86 މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޭނާގެ ފަރާތުން ބުނެ އެވެ.

އޭނާ ޑިރެކްޓަރުންގެ ބޯޑުން ވަކި ކުރީ ކުންފުންޏާ ބެހޭ ގާނޫނާއި، ކުންފުނީގެ ހިންގާ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދޭށާއި، ޑިރެކްޓަރުގެ މަގާމުން ވަކި ކުރި މުއްދަތުން ފެށިގެން އޭނާއަށް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރާ ޑިރެކްޓަރުގެ މުސާރަ އާއި އެލަވަންސް ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި، ކުންފުނީގެ ހިއްސާގެ އަގު ދަށްވާ ގޮތަށް ފާސްކޮށްފައިވާ ގަރާރުތައް ބާތިލުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ. އޭގެ އިތުރުން މެޖޯރިޓީ ޑިރެކްޓަރުން ކުންފުނި ހިންގަމުން ދަނީ ކުންފުނީގެ ހުރިހާ މެމްބަރުންގެ މަސްލަހަތަށް ވުރެ، އެ ފަރާތްތަކުގެ އަމިއްލަ މަސްލަހަތު ކުރިއަށް ގެންދިޔުމަށް ކަމުގަ އާއި އެހެން ހިއްސާދާރުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެ އެވެ. އަދި އެ އަމަލުތަކުގެ ސަބަބުން އަޒްމީލަށް 86 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެ އެވެ.

ކުންފުނީގެ ޑިރެކްޓަަރުންގެ އަމަލުތައް އެހެން ހުރުމަކީ ކުންފުނި އުވާލުމުގެ އަމުރެއް ނެރެވިދާނެ ސަބަބެއް ކަމުގައިވާތީ، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމަށް އެ މައްސަލާގައި އެދިފައިވެ އެވެ.

comment ކޮމެންޓް