އަމާޒަކީ ހުވަދު އަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހެދުން: އަމްރު

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

(ގދ ތިނަދޫ): ހުވަދު އަތޮޅު، ވިޔަފާރީގެ ހަބަކަށް ހެދުމަކީ އަމާޒު ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އަދި ގދ. ތިނަދޫ އާއި ދެމެދު ފެށި ކާގޯ ދަތުރުތަކުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ ބޮންތި 2 ބޯޓު ގދ. ތިނަދު އަށް ކުރި ފުރަތަމަ ދަތުރު ފާހަގަ ކުރުމަށް މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ސްޓޭޓް ޝިޕިން އިން ފެށި މި ދަތުރުތަކާއެކު އަނެއްކާވެސް ހުވަދޫ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަކީ އަމާޒު ކަމަށެވެ.

އަމްރު ވިދާޅުވީ މީގެ ކުރިންވެސް ހުވަދޫ އަތޮޅުން، ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުތައް ކުރިކަމަށެވެ.

"ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދަ އަށް ވިޔަފާރިކޮށް ވަރަށް ގިނައިން މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅެމުން އައި އަތޮޅެއް، އެހެން ނަމަވެސް ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ޒަމާންވަންދެން އެކން މިއޮތީ ހުއްޓިގެން ގޮސްފައި. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އަލުން އަނބުރާ އެ ދުވަސް ގެންނަން، އަލުން އަނބުރާ ހުދަދު އަތޮޅަކީ ވިޔަފާރީގެ ހަބެއް ކަމަށް ހަދަން،" އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ދަތުރުތައް މިދިޔަ މާޗުގައި ފެށިފަހުން އެ ދަތުރުތަކަށް ވިޔަފާރިވެރިންގެ އިތުބާރި ލިބިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން އެމްއެސްއެސްގެ ބޯޓުތަކަކީ ބަރާބަރު ދުވަހަށް ފުރާ ބޯޓުތަކެއް ކަމަށާއި ވިޔަފާރިވެރިންނަށް އެމީހުންގެ މުދާ ބަރާބަރު ދުވަހަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"އެމްއެސްއެސް ފެށިއިރު އަޅުގަނޑުމެންގެ ވިސްނުން ހުރީ ބޯޓަށް ކޮންޓެއިނަރު ލިބުނަސް، ނުލިބުނަސް ބަރާބަރު ދުވަހަށް ފުރާ، ބަރާބަރު ދުވަހަށް ބަނދަރު ކުރަން. އޭގެ ކުރިން ކޮންމެވެސް މީހެއްގެ ކާގޯ އެއް، ކޮންމެވެސް މީހެއްގެ ކޮންޓެއިނަރެއް ލައިގެން ނޫނީ ނުފުރަން މަޑުކޮށްލުމާ، ނޫނީ 40 އަކަށް ކޮންޓެއިނަރު އިތުރަށް ދެތިން ދުވަސްތެރޭ އަންނާތީވެ، އެއެއްޗެހިވެސް ލައިގެން އަންނަން މަޑުކޮށްލަން ބައެއް ފަހަރު އެބަ މަސައްކަތްކުރޭ، އެހެންވެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ދައްޗެއް އެބަ ދިމާވޭ. އެމްއެސްއެސް އިން އެ މަސައްކަތް ފެށި އިރުގައި ބަރާބަރު ދުވަހަށް އަންނާނެ ކަން އެނގޭތީ، ވިޔަފާރިވެރިންނަށް މިއަދު ޔަގިން އެބައޮތް އެމީހުންގެ މުދާ އެމީހުން އެ ބޭނުންވާ ދުވަހަކަށް އަންނާނެ ކަމުގެ ޔަގީންކަން، އެކަން އެމްއެސްއެސް އިން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދީފި،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިއަދަކީ ހުވަދު އަތޮޅުގެ 50،000 ރައްޔިތުންނާ އިންޑިއާގެ 1.3 ބިލިއަން މީހުންނާ ގުޅިގެންދާ ދުވަސް ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ހުވަދޫގެ ވިޔަފާރިވެރިންނަށް ވަރަށް ގިނަ މަންފާތަކެއް ލިބޭނެ ކަން ފާހަގަ ކުރައްވާ އަމްރު ވިދާޅުވީ މުދާ ގެނައުމުގައި ފަސޭހަވެ، ހެޔޮއަގުގައި މުދާ ލިބޭނެ ކަމަށެވެ.

comment ކޮމެންޓް