ލީގުގެ ދެވަނަ މެޗު ވީކް ނިމުނު އިރު ގޯލް ލިސްޓުގެ ކުރީގައި އަސަދުﷲ

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގްރީންސްޓްރީޓްސް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ// ފަޔާޒް މޫސާ

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މެޗްވީކް ނިންމާލި އިރު، މާޒިޔާގެ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ ގޯލް ލިސްޓުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ދެވަނަ މެޗު ވީކް ނިންމާލި އިރު މާޒިޔާ އެއްވަނައިގައި ހަ ޕޮއިންޓް ހޯދައިގެން އޮތް އިރު، އެ ޓީމުގެ ފައިދާ 10 ގޯލު އެބައޮތެވެ. ދެވަނައިގައި އޮތް ކުލަބް ވެލެންސިޔާ ހަ ޕޮއިންޓާ އެކު އޮތީ ފައިދާ ފަސް ގޯލުންނެވެ. ތިންވަނައިގައި އޮތް ދަ ގްރާންޑޭ ހަތަރު ޕޮއިންޓާ އެކު ފައިދާ ތިން ގޯލު އިތުރަށް އޮތް އިރު، ހަތަރުވަނައިގައި ސުޕަ ޔުނައިޓެޑް ވެސް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން އެއް ގޯލުގެ ފައިދާއާ އެކު އެވެ. ލީގުގެ ފަސްވަނައިގައި ޓީސީ ތިން ޕޮއިންޓާ އެކު އޮތް އިރު، ހަވަނައިގައި އޮތް އީގަލްސްއާއި ހަތްނަވަނައިގައި އޮތް ގްރީންސްޓްރީޓްސް އަދި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށްބ ޕޮއިންޓެއް ނުލިބެ އެވެ.

ލީގުގައި މިހާތަނަށް މާޒިޔާއިން ކުޅުނު ދެ މެޗުގައި އެގާރަ ގޯލު ޖަހާފައިވާ އިރު، އޭގެ ތެރެއިން ހަތަރު ގޯލަކީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖަހައިދިން ގޯލުތަކެވެ. ލީގުގެ ކުރީގައި މިވަގުތު އޮތް މާޒިޔާއިން ޖެހި ޖެހިގެން ދެވަނަ ސީޒަނަކަށް ލީގު ކާމިޔާބު ކުރުމަށް ފޫގަޅާފައިވާ އިރު، އެ ޓީމުން ކުރީ ސީޒަނުގެ ސްކޮޑަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައި ނުވި ނަަމަވެސް ތަޖުރިބާކާރު މިޑްފީލަޑަރު އުމެއިރު ވަނީ އެ ޓީމަށް ގުޅިފަ އެވެ.

އުމެއިރުގެ ތަޖުރިބާގެ އަލީގައި މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހަމުން އަންނަ އިރު، މިވަގުތު ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި އޮތީ އަސަދުﷲ އެވެ. ހަތަރު ގޯލު ޖަހައިގެން އޭނާ ކުރީގައި އޮތް އިރު، އޭނާއާ އެންމެ ގާތުން ވާދަކުރަނީ ވެލެންސިއާގެ ދެ ފޯވާޑުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ. މި ދެކުޅުންތެރިންވެސް މިފަހަރުގެ ލީގުގައި މިހާތަނަށް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ އަސަދުﷲ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މާޒިޔާ އަށް ކުޅެދިން ނުވަ ވަރަކަށް އަހަރު ތެރޭ އެ ޓީމަށް 157 ގޯލު ޖަހައިދީފަ އެވެ.

އޭވައިއެލް އިން ވިދާލި ފޯވާޑް ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުންނެވެ. ފަހުން މާޒިޔާއާ ހަވާލުވި މެސެޑޯނިއާ ކޯޗު މަރުޔާން ސެކުލޮސްކީގެ ކޯޗުކަމުގައި ވެސް އަސަދުﷲ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިފަހަރުގެ ސީޒަނަކީ އަސަދުﷲ މާޒިޔާއަށް ކެޕްޓަންކަން ކޮށްދޭ ހަތްވަނަ ސީޒަނެވެ. ނާގެ ކެޕްޓަންކަމުގެ ދަށުގައި މާޒިޔާ އިން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ. މާޒިޔާއާ އެކު ނުވަ މުބާރާތުގެ ތަށި އުފުލާލިއިރު އޭގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އަސަދުﷲގެ ކެޕްޓަންކަމުގަ އެވެ.

comment ކޮމެންޓް