ޓުޓިކޮރިން އާ ރާއްޖޭގެ ދެކުނާ ގުޅާލާ ކާގޯ ދަތުރުގައި ބޯޓު ތިނަދުއަށް

(ގދ ތިނަދޫ): އިންޑިއާގެ ޓުޓިކޮރިން އާއި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ އާއި ގދ ތިނަދޫ ގުޅާލާ ޝިޕިން ހިދުމަތުގެ ފުރަތަމަ ދަތުރުގައި ކާގޯ ބޯޓު ގދ. ތިނަދުއަށް ބަނދަރު ކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު، "ބޮންތި" ތިނަދުއަށް ބަނދަރު ކުރީ 400 ޓަނުގެ މުދަލާއެކު އެވެ.

މި ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ އެމްޑީ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އެމްއެސްއެސްގެ ދަތުރުތައް ފެށުމުގައި މިއީ ފެށުމެއް ކަމަށެވެ. އުއްމީދަކީ ކުރިއަށް އޮތްތަނުގައި ބޯޓު ފުރެންދެން މުދާ ބަރުކޮށްގެން ދެކުނަށް އައުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ހިދުމަތަކީ ރާއްޖޭގެ ދެކުނުގެ ވިޔަފާރިވެރިންނަށް ބޮޑު ފަސޭހަ އަކާއި ލުޔެއް ލިބިގެންދާނެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ބޭނުން ފުރިހަމަ ގޮތުގައި ހިފި، ޑައިރެކްޓުކޮށް މުދާ ގެނެވި ކުރިން މާލެއިން ގެންނަ މުދަކުގެ ބަދަލުގައި ސީދާ މުދާ ގެނެސްގެން އަގުހެޔޮވާނެ ކަމަށް،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.

ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ މި ހިދުމަތަކީ ހުވަދު އަތޮޅުގެ ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށް ލިބިގެންދާ ފުރުސަތެއް ކަމަށް ދެކިލައްވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އަނެއްކާވެސް ޝިޕިން ލައިނެއް އުފެދި ދަތުރުތައް ފެށުމަކީ، ސީ ފެއަރާސް ނުވަތަ ދަތުރު ކުރާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ސީ ފެއަރާސް، ދަތުރު ކުރާ މީހުން، މި ރީޖަންގައި އެކަމަށް ޝައުގު ހުރި މީހުން އަޅުގަނޑުމެންގެ ބޯޓުފަހަރުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކުގައި ކޮންމެ 20 ދުވަހަކުން ބޯޓު ރާއްޖެ އަންނާނެ ކަމަށާއި އޭގެ މާނައަކީ މަހަކު އެއްފަހަރު ރަށަށް އާދެވޭނެ ކަމަށެވެ.

އަދި ފަހުން ޖާގަ ލިބޭ ވަރަކަށް އޮފިސާސް ޓްރެއިނިން އަށް ބޭނުންވާ ކެޑޭޓުންނަށް ފުރުސަތު ދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް