މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބޭނީ މަޝްރޫއުތައް ނިމިގެން: މިފްކޯ

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެން އަންނަ އަހަރު ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއުތަކުން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް މިއަދު 20 ވަރަކަށް މަސް ދޯނި ވަނީ ފެލިވަރަށް ގޮސްފަ އެވެ.

އިހުތިޖާޖުގެ ބައިވެރިން ޑިމާންޑުކުރަމުން އަންނަނީ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ފެލިވަރުގައި މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަން ބޭނުންކުރެވޭނެ ހާލަތަކަށް ގެންދިއުމުގެ އިތުރުން ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

އެ ޑިމާންޑުތަކާ ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ސަން"އަށް މިއަދު ވިދާޅުވީ މިހާރުވެސް މިފްކޯއިން މަސް ގަންނަމުން އަންނަނީ އެކުންފުންޏަށް މާކެޓުން ލިބޭ ވަރަށްވުރެ ރަނގަޅު އަގެއްގައި ކަމަށެވެ.

"މަސްވެރިން އެދެނީ މަސް ކިލޯއެއްގެ އަގު ދަށްވެގެން 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށް. މިފްކޯއިން ކުރިން މަސް ގަންނަމުން އައީ ދުނިޔޭގެ މާކެޓުގައި ހުންނަ އަގުތަކަށް ބަލައިގެނެއް ނޫން. އެހެން ނަމަވެސް މިހާރުވެސް އަޅުގަނޑުމެން އަތުން މަސް ގަންނަ ކުންފުނިތަކުން ދޭ އަގަށްވުރެ ރަނގަޅު އަގެއް މަސްވެރިންނަށް އެބަ ދެން." އިސްމާއިލް ވިދާޅުވި އެވެ.

ފެލިވަރުގައި މިހާރު އައިސް އުފައްދަމުންދަނީ ދެ ޕްލާންޓުންނެވެ. އިސްމާއިލް ވިދާޅުވީ މިހާރު ހިންގަން ރާވާފައިހުރި މަޝްރޫއުތަކުގެ ތެރޭގައި ފެލިވަރުގައި އިތުރު 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް އެޅުމަށް ވެސް ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ފެލިވަރުގައި މަސް ރައްކާކުރާނެ ސްޓޯރޭޖެއް ނެތްކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ، ފެލިވަރަށް މަސް ކިރުމަށްފަހު އެހެން ތަންތަނަށް ގެންދަން މަޖުބޫރުވެފައިވާ ކަމަށެވެ.

"ސްޓޯރޭޖްތަކަށް މަސް ގެންދަނީ ގަނޑުކުރުމަށްފަހު. ފެލިވަރުން މަސް ކިރާ ދެ ބޯޓުގައި [ކޮންމެ ބޯޓެއްގައި] 90 ޓަނުގެ މަސް ގަނޑުކުރެވޭނެ. ފެލިވަރުގައި ސްޓޯރޭޖް ނެތީމަ ކޫއްޑޫއަށް ގަނޑުކުރާ މަސް ކޫއްޑޫއަށް ގެންދަން މި ޖެހެނީ. އެއީ 36 ވަރަކަށް ގަޑިއިރުގެ ދަތުރެއް." އިސްމާއިލް ވިދާޅުވި އެވެ.

ކޫއްޑޫ ދަތުރު ދިގުކަމުން އޭގެ ބަދަލުގައި ފެލިވަރަށް ކިރާ މަސް ރައްކާކުރަމުންދަނީ ށ. ކީކިމިނިގެ ކަލެކްޝަން ސެންޓަރު ކުއްޔަށް ހިފައިގެންނެވެ. އިސްމާއިލް ވިދާޅުވީ މި ޝަކުވާއަށް އޮތް ވަގުތީ ހައްލަކީ މިއީ ކަމަށެވެ.

"ކީކިމިނިގައި މަސް ރައްކާ ކުރުމަށްފަހު މިފްކޯގެ ފެސިލިޓީތަކުން ޖާގަ ހޯދަނީ. ކީކިމިނިގައި ރައްކާކުރެވޭ 1500 ޓަނުގެ މަސް." އިސްމާއިލް ވިދާޅުވި އެވެ.

ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސްވެރިން ގޮވާލާފައިވާއިރު، އިސްމާއިލް ވިދާޅުވީ އެއީ އަމިއްލަ ފަރާތަކުން ބަލަހައްޓާ ތަނަކަށް ވުމުން އެކަމުގައި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް ރާވާފައިހުރި މަޝްރޫއުތަކުން މަސްވެރިންގެ ހުރިހާ ޝަކުވާތަކަށް ވެސް ހައްލެއް ލިބޭނެ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް