ދެ ރަށެއްގެ މިސްކިތް ނިންމަށް ކުންފުންޏަކާ ހަވާލުކޮށްފި

ނ. ލަންދޫ އާއި އއ. ބޮޑުފޮޅުދޫ މިސްކިތުގެ މަސައްކަތް ނިންމަން ހައިމަން ކޮންސްޓްރަކްޝަން އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން --- ސަން ފޮޓޯ

ނ. ލަންދޫ އާއި އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ޑެޕިއުޓީ ޑިރެކްޓަރު އަބްދުލް އަޒީޒް އިސްމާއިލް އެވެ. އަދި ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އާއި އެންޖިނިއާ ހުސައިން ޝަރީފް އެވެ.

އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިއަދު އެ މަސައްކަތް ހަވާލުކޮށްފައިވަނީ މީގެކުރީން އެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކުންފުންޏަށް އެ މަސައްކަތް ނުނިންމުމާ ގުޅިގެން ކަމަށެވެ.

"މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ކުރީން ކަނޑައެޅި އަދަދުން ބާކީ ހުރި ފައިސާއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ލަންދޫގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 3.98 މިލިއަން ރުފިޔާއަށެވެ. އަދި ބޮޑުފޮޅުދޫގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ދީފައިވާ އަގަކީ 3.75 މިލިއަން ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވީ ލަންދޫގެ މިސްކިތުގެ މަސައްކަތް ނިންމުމަށް 210 ދުވަސް ދީފައިވާއިރު ބޮޑުފޮޅުދޫ މިސްކިތުގެ މަސައްކަތް ނިންމުމަށް 180 ދުވަސް ދީފައިވާ ކަމަށެވެ.

ލަންދޫގެ މިސްކިތުގެ މަސައްކަތަށް ބަލާއިރު ހައިމަން އާ ހަވާލުކުރުމުގެ ކުރީން ނިމިފައިވަނީ ފައުންޑޭޝަނުގެ 33 ތަނބުން 23 ތަނބުގެ މަސައްކަތާއި ވުޟޫ ކުރާ ބައިގެ ފައުންޑޭޝަން މަސައްކަތުގެ އިތުރުން މުންނާރުގެ ފައުންޑޭޝަންގެ މަސައްކަތެވެ. އެއީ މުޅި މިސްކިތުގެ 15 ޕަސެންޓު މަސައްކަތެވެ.

ބޮޑުފޮޅުދޫ މިސްކިތުގެ މަސައްކަތަށް ބަލާއިރު މިހާތަނަށް ނިމިފައިވަނީ މިސްކިތުގެ ފައުންޑޭޝަން އެޅުމާއި 33 ތަންބުން 21 ތަނބުގެ މަސައްކަތާއި ތަނބުތަކުގެ މަތީގައި ބީމް ބެހެއްޓުމާއި ވުޟޫކުރާ ބައިގެ ކޮންކްރީޓް މަސައްކަތެވެ. އޭގެއިތުރުން މިސްކިތުގެ ވަށާފާރުގެ ފައުންޑޭޝަން އާއި ދަގަނޑު އެތުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓު މަސައްކަތެވެ.

comment ކޮމެންޓް