ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުނުވި ހުކުމެއް ދަމަހައްޓައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިމަރާތް --- ސަން ފޮޓޯ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

އެ މައްސަލައަކީ، ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ރައްޓެއްސެއްގެ ފަރާތުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ކުއްޖާގެ އުމުުރުން އަށް އަހަރުން ފެށިގެން 14 އަހަރާ ހަމައަށް އެ މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ ކުއްޖާ ދީފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ އެ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އޭނާ އާއި އޭނާގެ ކޮއްކޮ އެކަނި ގޭގައި ހުންނަ ވަގުތުތަކުގައި ކަމަށެވެ. އެ މީހާއަށް ގޭގައި މީހުން ނޫޅޭ ވަގުތުތައް އެނގޭ ކަމަށްވެސް ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މީހާ ވަނީ އެ ކުއްޖާ އާއި ކުއްޖާގެ ދައްތަގެ އުޅުމާ މެދު ފާޑުކިޔާފަ އެވެ. ޖިންސީ ގޯނާގެ ތުހުމަތުކޮށް މައްސަލަ ހުށަހެޅީ އެ ކުއްޖާ އާއި ކުއްޖާގެ ދައްތަގެ އުޅުން ގޯސްކަމުން އެ ވާހަކަ އެ ކުއްޖާގެ މަންމަ ގާތުގައި ބުނާތީ ލަނޑެއް ދޭން ވެގެން ކަމަށް ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަ އެ ކުއްޖާގެ ދައްތަ ޖެނުއަރީ 2012ގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން އެ މައްސަލަ ފުލުހުންނަށް ފޮނުވި އެވެ. އެ މައްސަލަ ޕީޖީއިން ކްރިމިނަލް ކޯޓަށް ހުށަހެޅީ 10 މާޗް 2013ގަ އެވެ. ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުރީ، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ 25 ސެޕްޓެމްބަރު 2019ގަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި މައްސަލަތައް ސާބިތު ކުރުމަށް ބޭނުންކުރެވިދާނެ ހެކިތަކުގެ ލިސްޓެއްވެ އެވެ. އެ ހެކީގެ ތެރެއިން މަދުވެގެން ފަސް ހެކި ހުރެއްޖެ ނަމަ މައްސަލަ ސާބިތުވާނެ ކަމަށްވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ގޮތެއް ނިންމައިފަ އެވެ. އެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ފަސް ބާވަތުގެ ހެކި ލިބިފައި ނެތަސް، ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، އެ ހެކިތަކަކީ، ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުކުރުމަށް ފުދޭ ހެކިތަކެއް ކަމަށްވާނަމަ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ނިންމިދާނެ ކަމަށް އެ ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ނިންމާފައިވާ ކަމެވެ.

ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައިވެސް މީގެ ކުރިން ނިންމާފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތަކަކީ ގިނަ ފަހަރު ހަމަ އެކަނި ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިވާ ހެކިތަކަކަށްވުމުން، އެ ކުއްޖާ އެހާދިސާ އެކި ފަހަރު ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކަށާއި، އަދި އެއީ ހަގީގަތެއްނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިނަމަ އެކަންކަމުގެ މައްޗަށްވެސް ޝަރީއަތުން ބަލަން ޖެހޭނެކަމާއި، އެކުށުގެ އަމަލަކީ ކޮށްފައިވާ އަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާނަމަ، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެކަމަށްވެސް ހައިކޯޓުގެ ގަޒިއްޔާއެއްގައި މީގެ ކުރިން ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އަނިޔާ ލިބުނު ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލު ކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންތައްތައްވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި
  • ޝަކުވާ އުފުލި ފަރާތުގެ އަހުލާގާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތާއި،
  • ކުއްޖާ ތުހުމަތު ކުރެވޭ މީހާއާ ބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ އާއި އެ ކުއްޖާގެ ދައްތަ ތަހުގީގަށާއި ޝަރީއަތަށް ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި އެ ކުއްޖާގެ މަންމަ ދައްކާފައިވާ ވާހަކަތަށާއި، ކުއްޖާ އާއި ކުއްޖާގެ ދައްތަ ދައްކާފައިވާ ވާހަކަތަށް ތުހުމަތު ކުރެވޭ މީހާ ދީފައިވާ ރައްދުތަކަށް ބަލާއިރު، ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަހަކީ އާދަޔާ ހިލާފަށް ތެދު ބަހެއްކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް އުފެދިފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން، ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ޝުއައިބު ހުސެއިން ޒަކަރިއްޔާ، އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ހުކުމް ކުރި އެވެ.

comment ކޮމެންޓް