ފެލިވަރުގައި މަސްވެރިން އިހުތިޖާޖު ކުރަނީ، ޑިމާންޑަކީ ރައީސްއާ ބައްދަލުކުރުން

އިހުތިޖާޖު ކުރުމަށް ފެލިވަރާ ދިމާލަށް ދަތުރުކުރަމުންދާ ބައެއް މަސްދޯނި ފަހަރު -- ފޮޓޯ/ މަސްވެރިންއެމްވީ

މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އިހުތިޖާޖުގައި ބައިވެރިވުމަށް 20 އަކަށް ދޯނި ވަނީ ފެލިވަރަށް ގޮސްފަ އެވެ. އަދި މަސްވެރިން މިވަގުތު އިހުތިޖާޖު ކުރަމުން އަންނަނީ ފެލިވަޅު ފަޅުތެރޭގައި ތިބެގެންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނީ އެމީހުން މުޒާހަރާއަށް ނުކުތީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ޑިމާންޑުކުރަމުން އަންނަނީ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ފެލިވަރުގައި މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަން ބޭނުންކުރެވޭނެ ހާލަތަކަށް ގެންދިއުމެވެ.

ހަމައެއާއެކު ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނީ، ވިއްސާރައިގައި މުޒާހަރާއަށް ނުކުމެ ތިބިއިރު އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުން ކަމަށެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ފެލިވަރަށް ޒިޔާރަތްކުރައްވައި އެވަގުތު ފެލިވަރުގައި ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

comment ކޮމެންޓް