ކޮފީ ބޮއެ ބޮއެ އަވަދިވުމުގެ ކުރިން މި ކިޔާލާ

ކޮފީ ---

ކޮފީ އަކީ ގިނަ ބައެއްގެ ދިރިއުޅުމުގެ އެއްބަ އެވެ. ކޮފީއެއް އަރު ތެރެއިން އެތެރެނުވާ ނަމަ، މީހާ ދިރި ހުރި ހެންވެސް ހީނުވާ ބަޔަކު އުޅެ އެވެ. އަނެއްކޮޅުން، އެއް ކޮފީއަކުން ހިތެއް ނުވެސް ފުރެ އެވެ. ދުވާލަަކަށް ދެތިން ހަތަރު ކޮފީ ވެސް މި އޮންނަނީ މަދުވެފަ އެވެ. އެކަމަކު މިއީ ހަމަ މިހާވަރަކުން ބޯން ހެޔޮވާ ވަރު އެއްޗެއް ބާ އެވެ؟ މިއިން ސިއްހަތަށް ކުރަނީ ކޮން އަސަރުތަކެއް ހެއްޔެވެ؟

ކޮފީގެ މި މައުލޫ ހިފައިގެން ދާން މިޖެހުނީ ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ކަައިރިއަށެވެ. ކޮފީގެ ދިގު ތާރީހާއި މިއިން ހަށިގަނޑަށް ކުރާ އަސަރު އޭނާ ކިޔައިދިނީ އެންމެ އަށް މިނިޓުންނެވެ. އެހާވެސް ފަރިތަވެފައި ފަހަރެއްގައި ކޮފީއަށް ހުރި ބޮޑު ލޯތްބެއްގެ ސަބަބުން ކަމަށްވުން އެކަށީގެންވެ އެވެ.

އާސިޔަތު ވިދާޅުވާގޮތުގައ ތާރީހީ ގޮތުން ކޮފީ މީހުންގެ މެދުގައި މަގުބޫލުވެގެންދިޔައީ އެންމެ ފުރަތަމަ ގެރިބަކަރިފަދަ ތަކެއްޗަށް ކާން ދީ އުޅުނު އެއްޗެއްގެ ގޮތުގަ އެވެ. މި ކާންދިނުމުން ގެރިބަކަރި ތަކުގެ ހަރަކާތްތެރިވުން ބޮޑުތަނުން އިތުރުވެ މީހުންގެ ޝައުގުވެރިކަންވެސް ލިބެން ފެށި އެވެ. އެއަށްފަހު މިއީ ވިހައިގެ އަސަރު ހުރި އެފަދަ އެއްޗެއް ނޫންކަން ކަށަވަރު ވުމުން މީހުންވެސް މި ބޯން ފަށާ އިސާހިތަކު މުޅި ދުނިޔެއަށް ކޮފީގެ މަގުބޫލުކަން ފެތުރިއްޖެ އެވެ.

ކޮފީ ބުއިމުގައި ވަކި ލިމިޓެއް އެބައޮތްތަ؟

އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް އެންމެ ރަނގަޅީ ދެތަށި ރެގިއުލާ ކޮފީއެއް ބުއިމެވެ. އެހެންނަމަވެސް ގިނައިން ކޮފީ ބޮއެ އުޅޭ ފަރާތްތަކުން އެއަށްވުރެ ކުޑަ ތަންކޮޅެއް އިތުރުވުމަކުން މާ ބޮޑު މައްސަލައެއް ނެތެވެ. މިކަމުގައި ވަކި ހާއްސަ މިންވަރެއް ޑައިޓީޝަނުންގެ މެދުގައިވެސް ކަނޑައެޅިފައެއް ނޯވެ އެވެ. ނަމަވެސް މައްސަލަ މި ނުކުންނަ ހިސާބަކީ ތިމާގެ ހަށިގަނޑަށް ދުވަހެއްގެ މައްޗަށް ބޭނުންވާ މާއްދާތައް ލިއްބައިދޭ ކާނާގެ ބަދަލެއްގެ ގޮތުގައި ކޮފީ ބުއިމެވެ. މިގޮތަށް ކޮފީ ބުއިމަކީ އެއްވެސް ހާލެއްގައި އެދެވިގެންވާ ކަމެއް ނޫނެވެ.

"ކޮފީ ބޮމުންގޮސް އެމީހެއްގެ އެހެނިހެން ކެއުންތަކަށް ބުރޫ އަރަންޏާ، މިސާލަކަށް އެމީހެއްގެ ނޯމަލް ނިއުޓްރިޝަން ނުލިބެންޏާ ނޫނީ ކާންޖެހޭ ގަޑިތަކުގައި ނުކެވެންޏާ އެއީ ގޯހެއް. އެ ގަޑިތަކަށް ބުރޫ އަރަންޏާ އެއީ މައްސަލައެއް،" އާސިޔާ ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާގޮތުގައި އާންމު މީހުންނަމަ ރެގިއުލާ ކޮފީއެއްގެ މިންވަރަކީ 400 މިލިގްރާމްސް އެވެ. ނަމަވެސް މާބަނޑުއިރު އަދި ކިރުމައިންނަށް އެންމެ ރަނގަޅީ ދުވާލަކާށް 300 މިލިގްރާމް ނުވަތަ އެއަށްވުރެ ވެސް މަދެވެ. އެއީ ގާތްގަނޑަކަށް 2-3 ޖޯޑެވެ.

ކޮފީ--

ކޮފީ ބުއިމުގައި ސަމާލުވާންޖެހޭ ހާއްސަ ބަޔަކު އުޅޭ

ކޮންމެ ކަމެއްވެސް ކުރަންވާނީ އެމީހެއްގެ ހަށިގަނޑަށް ކުޅަދާނަ މިންވަރަކަށެވެ. އެއްވެސް ހާލެއްގައި ތިމާގެ ހައްޓަށް ނުކުޅަދާނަ ވާވަރަށް ކޮފީ ވެސް އަދި އެހެން އެއްޗެއް ވެސް ބޮއި ކައިގެން ނުވާނެ އެވެ. ކޮފީ ބުޔުމުގައި ސަމާލުވާން ޖެހޭ ކަމަށް ޑައެޓީޝަން އާސިޔާ ފާހަގަކުރީ ތިން ކެޓަގަރީއެއްގެ ބައެކެވެ.

ގޭސްޓްރިކް މައްސަލަ ހުންނަ މީހުން : ކޮފީގައި އެކުލެވޭ ގިނަ މާއްދާތަކުގެ ސަަބަބުން ބަނޑުގައި އެސިޑް އުފެދޭ މިންވަރު އިތުރުވޭ

ލޭ މަދުވާ މީހުން: މިސާލަކަށް ތެލަސީމިއާ ކުދިން. ކޮފީ ބުއިމާއި ކެއުމާއި ދޭތެރޭ 2 ގަޑިއިރު ބަހައްޓަންޖެހޭ.

މާބަނޑު މީހުން ނުވަތަ ކިރުމައިން : ދުވާލަކަށް ރެގިއުލާ ދެ ކޮފީ 12 ގަޑިން 12 ގަޑިން. ނޫންނަމަ ފޫޅު ހުރަސްކޮށް، ދަރިފުޅަށް ދާނެ. ނުވަތަ ކިރުގައި ކޮފީގެ މާޢްދާތައް ހިމެނޭނެ،

ކޮފީ ބޯންވީ ދެން ކޮން ވަގުތަކު؟

ކޮފީގެ އެންމެ ބޮޑު ހަގީގަތަކީ މިއީ ހަމަ މީހާ ނިދިން ހޭލައްވާލާ އެއްޗެއް ކަމެވެ. އެހެންކަމަށްވާނަމަ މާބޮޑަށް ނިދިއަންނަ ކޮންމެ ފަހަރަކު ކޮފީ އެއް ބޯލަންވީތޯ ނޫނީ މި ބޭނުމަށް ކޮފީ ބޯންވީ ވަކި ހާއްސަ ވަގުތެއް އޮވޭތޯ ސުވާލު އުފެދެ އެވެ.

ޑައިޓީޝަން އާސިޔާ ވިދާޅުވަނީ މެންދުރުފަހު ކޮފީ ބުއިމަކީ ޑައިޓީޝަނުން ރިކޮމެންޑް ކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ ވަގުތަށް ފަހުވެސް ކޮންމެހެން ކޮފީއެއް ބޮވައިގަނެފިނަމަ ކޮފީ ބޯ މިންވަރު މަދުކުރުމަށް ސަމާލުވާން އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ކޮފީގައި މި ހުންނަ މީހާ އެލާޓް ކުރުވާ މާއްދާގެ ސަަބަބުން މީހާގެ ނިންޖަށް ބުރޫ އަރާފާނެ. އެހެންވީމަ އަދި ހާޢްސަކޮށް ނިދުމުގެ މައްސަލަ ހުންނަ ފަރާތްތަކުން ކޮފީ ބޯ ވަގުތަށް ސަމާލުކަންދޭން ޖެހޭ" އާސިޔާ ވިދާޅުވި އެވެ.

ދެން އޭނާ ފާހަގަކުރެއްވި އެއްބަޔަކީ ހަށިގަނޑުން ފެންމަދުވާ މީހުންނެވެ. ކޮފީއަކީ "ޑައި ޔޫރެޓިކް" އެއްޗެއް ކަމަށްވާއިރު، ކޮފީ ބުއިމުގެ ސަަބަބުން މީހާ ކުޑަކަމުދާ މިންވަރު އިތުރުކޮށްދީ ހަށިގަނޑުން މާ ގިނައިން ފެން ބޭރުކުރާނެ އެވެ. އެހެންކަމުން އެފަދަ މީހުން ގިނައިން ކޮފީ ބުޔުން ބުއްދިވެރިއެއް ނޫނެވެ.

ކަޅު ކޮފީއެއް--

ކަޅު ކޮފީއެއްތަ؟ ކިރު ކޮފީއެއްތަ؟

ގިނަ ބަޔަކަށް އަރާފައި އޮންނަ އެންމެ ބޮޑު އޮޅުމަކީ ކަޅު ކޮފީއެއްގެ ބަދަލުގައި ކިރު ކޮފީއެއް ބޯލުމުން ހަށިގަނޑަށް ކުރާ ކޮފީގެ އަސަރު ކުޑަވާނެ ކަމަށެވެ. ނަމަވެސް މިއީ ހަމަ ކުށްހީ އެކެވެ.

"ބައެއްފަހަރު ކަޅު ކޮފީ ބޯ މީހުންވެސް ނޫނީ އެނޫންވެސް މީހުން ތަންކޮޅެއް މައިލްޑް ކޮފީ އެއް ބޯލަންވެގެން ނޫނީ ތަންކޮޅެއް ކޮފީގެ އަސަރު ކުޑަކުރަންވެގެން މިކުރާ ކަމަކީ ކިރު އަޅަނީ. އެކަމަކު އެއް ޝޮޓުން ހަދާ އެސްޕްރެސޯ އެއްގައިވެސް ލާޓޭއެއްގައިވެސް ހުންނާނީ ހަމަ ކޮފީ އެއްވަރަކަށް. އޭގެ މާނައަކީ އޭގައި ހުންނަ ކެފެއިންގެ މިންވަރު ވާނީ ހަމަ އެއްވަރޭ" އާސިޔާ ވިދާޅުވި އެވެ.

އެހެންކަމުން އާސިޔާގެ ހިޔާލަކީ ކަޅު ކޮފީ ބޯން އާދަވެފައިވާ ފަރާތްތަކުން ހަމަ ކަޅު ކޮފީ ބުއިމެވެ. އަދި ހާއްސަކޮށް ލޭ މަދުވާ ފަރާތްތަކުން ކިރު ކޮފީ ބުއިމުން އިތުރަށް ލޭ މަދުވުމަށް މަގުފަހިކޮށްދޭ ކަމަށްވެސް އާސިޔާ ވިދާޅުވި އެވެ.

ކަޅު ކޮފީ ބުއީމަ ހަމަ އަސްލުވެސް ހިކޭނެތަ؟

ކޮފީ އާއި ގުޅުވާ ދެން ދެކެވޭ އެންމެ އާންމު އެއްވާހަކަ ކަޅު ކޮފީ ބުޔުމުން މީހާ ހިއްކާލާ ކަމަށެވެ. މިފަދަ ފަރާތްތަކުން އެންމެ ގިނައިން ދައްކާ ވާހަކައަކީ ކޮފީ ބުއިމުން މީހާގެ "ބޭސަލް މެޓަބޯލިޒަމް" އިތުރުވާ ކަމެވެ. ނަމަވެސް ޑައިޓީޝަނުން ބުނާގޮތުގައި، ކޮފީނޫން ކާއެއްޗަކުން މި މިންވަރު އިތުރުކުރަން އުޅުނަސް މިއީ މާ ބޮޑަށް އިތުރުވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ހިކެން ބޭނުންނަމަ މި ޖެހެނީ އެމީހަކު ފަލަވަން މެދުވެރިވާ ސަބަބު ހޯދާށެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި ރާއްޖޭގައި ގިނައިން މީހުން ފަލަވަނީ ކާންވާ ވަރަށް ވުރެ އިތުރަށް ކައިގެން، ނޫނީ މަދުން ކައިގެން ނޫނީ ކާންވާ ގަޑިތަކުގައި ނުކާތީ. މިކަންކަމަށް ހައްލެއް ނުހޯދާ ކިތަންމެ ވަރަކަށް ކަޅު ކޮފީ ބުޔަސް ހައްލެއް ނުލިބޭނެ." އާޝިޔާ ވިދާޅުވި އެވެ.

ހަމައެޔާއެކު އެކި ވައްތަރުގެ ޑައެޓް ކޮފީތަކުގެ ސަބަބުން ހަށިގަނޑަށް ވަރަށް ނުރައްކާތެރި އަސަރުތަކެއް ކުރާ ކަން އާސިޔާ ފާހަގަކުރެއްވި އެވެ. މިގޮތުން މިފަދަ ބައެއް ކޮފީތަކުގައި ކްރޮމިއަމް ސިކޮލޮނޭޓް ފަދަ މާއްދާތައް ހިމެނޭ ކަމަށާއި މިއީ ހިކޭ އެއްޗެއް ނަމަވެސް، ހަށިގަނޑުގެ ފެޓް މާސްއާއި ލީން މާސްވެސް ލޫސްކުރުވާ އެއްޗެއް ކަމުގައި އޭނާ ވިދާޅުވި އެވެ. މާނައަކީ ހިތުގައި ނުވަތަ ކިޑްނީ ފަދަ މުހިންމު ގުނަވަންތަކުގައި ހުންނަ ބައެއް ލީން ޓިޝޫތައްވެސް ލޫސްކޮށްދީ ހިތާއި ކިޑްނީ ފަދަ ގުނަވަންތައް ފެއިލްވުމަށް މަގުފަހިވުމެވެ.

ދުނިޔޭގައި ފެނަށް ފަހު އެންމެ ގިނަބަޔަކު މިއަދު ބޯ އެއްޗަކީ ކޮފީ އެވެ. ސިއްހަތަށް ބަލައިގެން އެމީހެއްގެ ހަށިގަނޑަށް އެކަށޭނަ މިންވަރަށް އެކަށޭނަ ވަގުތުތަކުގައި ކޮފީ ބުއިމަކުން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ކޮފީއަކީ މީހާގެ ސަމާލުކަން ގެނެސްދީ ގިނަ އަދަދެއްގެ އެންޓި އޮކްސިޑަންޓްސް ހިމެނޭ އަދި ކެންސަރުން ޖެހުމުން ދުރުކޮށްދޭ މާއްދާތަކުން މުއްސަނދި ބާވަތެކެވެ. އެކަމަކު ކޮފީވެސް ބޯންވާނީ ކުޅަދާނަ މިންވަރަކަށެވެ.

comment ކޮމެންޓް