މެސީ ބާސެލޯނާގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ --- ފޮޓޯ/ޖޯ ރައިޓް

މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު ޓީމު ދޫކޮށްލާނެކަމަށް ކުރިން ވާހަކަދައްކާފައިވާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބުގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ވަނީ ރަސްމީކޮށް ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. އެކަމަކު އޭރު އެކަން ހުއްޓުވީ ބާސެލޯނާގެ ބޯޑުންނެވެ. ބާސެލޯނާ ބޯޑުން ނިންމީ މެސީ އަށް ހިލޭ އެހެން ކްލަބަކަށް ނުދެވޭނެ ކަމަށާއި ކޮންޓްރެކްޓްގައި ބުނާ އަދަދު ކަމަށްވާ 700 މިިލިއަން ޔޫރޯ އޭނާ ގެންދާ ކްލަބަކުން ދޭން ޖެހޭނެ ކަމަށެވެ. ނިންމުން ބަދަލުކޮށް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ބުނީ އެންމެ ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ.

އެހެން ނަމަވެސް މި ސީޒަނުގެ ނިޔަލަށް މެސީގެ ބާސެލޯނާ ކޮންޓްރެކްޓް ނިމުމަކަށް އަންނަ އިރު، އަންނަ ސީޒަނުގައި މެސީއަށް ހިލޭ ޓްރާންސްފާއެއްގައި ބޭނުން ކުލަބަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެހެންމެ ކުރީ ސީޒަނުގެ ފަހު ކޮޅު އޭނާ ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށާއި، ބާސެލޯނާ ދޫކޮށް ދާނޭ ކަމަށް މެސީ ވަނީ ކުރިން ބުނެފަ އެވެ.

މެސީގެ އެވާހަކަތަކާ އެކު ބާސެލޯނާގެ ސަޕޯޓަރުންގެ މާޔޫސްކަން އިތުރުވި އިރު، ބާސެލޯނާގައި މެސީ ބެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އެކުލަބުން ފަހުން ވަނީ ބުނެފަ އެވެ. އަދި މެސީގެ އެވާހަކަތަކުން އުފެދުނު ބޮޑު ޕްރެޝަރާ އެކު އޭރުގެ ރައީސްރޖޯސެޕް ބާޓޮމެއުއާއި މުޅި ބޯޑު ވެސް ވަނީ އިސްތިއުފާ ްދީފަ އެވެ.

އެކަމަކު މިފަހުން މެސީ ވަނީ އަނެއްކާވެސް އޭނާގެ ވާހަކަތަކުގެ ރާގު ބަދަލުކޮށްފަ އެވެ. މެސީ މިފަހަރު ދެއްކި ވާހަކަތަކުން އޭނާ ކުލަބުގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ކޮށްފަ އެވެ.

"މިދިޔަ ސީޒަން ނިންމާލި ގޮތާއި، އެ ސީޒަންގެ ފަހުކޮޅު ދިމާވި ކަންތައްތަކުގެ ސަބަބުން އަހަރެންނަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށް ކުލަބު ދޫކޮށްލަން ބޭނުންވި. އަދި ފެކްސް ފޮނުވުމާއި ކަންތައްތަކުގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅު ވެސް އޭގެ ނޭދެވޭ އަސަރުތައް ކޮންމެސް ވަރަކަށް އަހަރެންނަށް ކުރި،" މެސީ ބުންޏެވެ.

"އެހެން ނަަމަވެސް މިއަަދު އަހަރެން މިހުރީ ހިތްހަމަ ޖެހިގެން. ކުލަބު މިހާރު އޮތީ ވަރަށް ވެސް އުނދަގޫ ހާލަތެއްގައި. އެ ހާލަތުން އަރައިގަތުމަށް އަހަރެން އެހީވާން ބޭނުން. އަދި އެކަމަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަން ވެސް ދެން،"

ރިޕޯޓްތައް ބުނާގޮތުގައި މެސީ ބާސެލޯނާ ދޫކޮށްލާނަމަ އޭނާ ދިއުން އެންމެ ގާތީ އޭނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މިހާރު އިރުޝާދު ދެމުން އަންނަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށެވެ. މެސީ ގެންދިއުމަށް ހަދަން ޖެހޭ މާލީ ޕްލޭންތަކާއި، އޭނާއަށް ބޭނުންވާނެ އިތުރު ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ސިޓީން ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް މިފަހަކުން ވެސް ވަނީ ފެތުރިފަ އެވެ.

comment ކޮމެންޓް