ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުއްވައިފި

ސައުދީ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ރައީސް އޮފީސް

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

ރައީސް ސޯލިހަށް ފަތްކޮޅު އަރުއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސައުދީގެ އާ ސަފީރަށް ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއާއި ސައޫދީ އރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި އެ ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ވަނީ ރާއްޖޭގައި މަސްވެރިކަމާއި ގެދޮރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވާފައެވެ.

ރައީސް އިތުރަށް ވާހަކަފުޅުދައްކަވަމުން ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑައިލުމަށްފަހު ހައްޖާއި އުމްރާވުމުގެ ފުރުސަތު ސައުދީ ސަރުކާރުން އަލުން ހުޅުވައިލުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތު ނިންމަވައިލައްވަމުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ސައުދީ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

comment ކޮމެންޓް