ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލަން ހިޔާލު ދެއްވީ މަޖިލިސް ރައީސް

އޮކްޓޫބަރ 15، 2020: ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަށް ހިޔާލުދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ކަނޑައަޅައި، މުސްލިމުންގެ ނުރުހުމުގައި މުސްލިމުންގެ ހަށިތައް އަންދާ މައްސަލައިގައި އެގައުމުގައި އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަން ހާމަވީ ލަންކާ ނޫސްތަކުން އެވާހަކަ ރިޕޯޓުކުރުމުންނެވެ.

ލަންކާގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތާ ހެރާތު އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ޑެއިލީ މިރާ"ގައި ބުނެފައި ވަނީ، ބަލީގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވީ ލަންކާގެ ރައީސް އެވެ.

އެކަމާ ގުޅިގެން ނިއުސް އިން އޭޝިއާގައި ޝާއިއުކުރި ހަބަރެއްގައި ބުނެފައި ވަނީ، ލަންކާ ރައީސް އަށް އެ ހިޔާލު ދެއްވީ މަޖިލިސް ރައީސް ކަމަށެވެ.

އޭޕްރީލް މަހު ލަންކާއިން އެކުލަވާލި އުސޫލާއެކު މުސްލިމުންގެ ހަށިތައް ވެސް އަންދާތީ. އެ ގައުމުގެ މުސްލިމް ލީޑަރުން ވަނީ ބޮޑީ ބޭގެއްގައި، މުސްލިމުންގެ ހަށިތައް ކޮންކްރީޓް ސަންދޯކަށް ލައި، ސަންދޯކުގެ ތެރެއަށް ވެލި އަޅައި ހަށިތައް ވަޅުލައިދޭން ހުށަހަޅައިފަ އެވެ.

ލަންކާ ސަރުކާރުން އޭރު އެ ހިޔާލަށް ތާއީދުކުރި ނަމަވެސް، އެގޮތަށް ނިންމާފައެއް ނުވެ އެވެ. އަދި މައްސަލައިގައި ގޮތް ނުނިންމައި ދިގުލައިގެން ދާން ފެށުމުން އެކަމާ ކަންބޮޑުވެ ބައެއް ގައުމުތަކުގެ މުސްލިމް ލީޑަރުންގެ އެހީތެރިކަމަށް ވެސް ލަންކާގެ މުސްލިމުން އެދުނު ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، މެލޭޝިޔާގެ ބޮޑުވަޒީރުގެ އިތުރުން މުސްލިމު އެހެން ލީޑަރުންގެ އެހީތެރިކަމަށް ވެސް އެދުނެވެ. އެމީހުން އެދުނީ މުސްލިމުންގެ ހަށިގަނޑުތައް ވަޅުލައިދިނުމަށް ކަމަށާއި، އެކަމަށް ލީޑަރުން ތާއީދުކުރި ނަމަވެސް، އެއީ ސަރުކާރާ ދެމެދު ވާންޖެހޭނެ އެއްބަސްވުމެއް ކަމަށް ލީޑަރުން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

"[ލަންކާގައި މަރުވާ މުސްލިމުންގެ] ހަށިތައް ރާއްޖެ ފޮނުވަން މުހައްމަދު ނަޝީދު، ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަށް ހިޔާލު ދެއްވީ މި ސްޓޭޖުގަ އެވެ. އެއާއެކު ލަންކާގެ ރައީސް ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް ސޯލިހަށް ރަސްމީކޮށް އެކަމަށް އެދިވަޑައިގެންފަ އެވެ." އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ރާޖަޕަކްސަގެ ސިޓީފުޅަށް ރައީސް ސޯލިހު ދެއްވީ އެދެވޭ ޖަވާބެއް ކަމަށާއި، އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

ލަންކާގެ މުސްލިމުންގެ ހަށިތައް ވަޅުލުމަށް ރާއްޖެ ގެންނަން މަޝްވަރާ ކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ގިނަ އިލްމުވެރިންނާއި ސިޔާސީ ލީޑަރުންވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ މައްސަލައިގައި މަޖިލިސް ރައީސް ވިދާޅުވީ ލަންކާއަކީ ރާއްޖޭގެ އަގުހުރި އެކުވެރިއެއް ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ދެ ގައުމުން ތިބޭނީ އެކުގައި ކަމަށާއި، ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ލަންކާގައި ދިވެހިން ވެސް ވަޅުލާ ކަމަށާއި، އެގޮތުން ލަންކާގެ ޖަވާތާ މިސްކިތުގައި ރާއްޖޭގެ ހަތަރު ޖީލެއްގެ ލީޑަރުން ފަސްދާނުލާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މަރުވާ ދިވެހިން އުފުލައިގެން ގެންގޮސް ލަންކާގައި ވަޅުލާފައި ނުވާ ކަމަށް ބުނެ އެމަނިކުފާނުގެ ވާހަކަފުޅަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ކުރަމުން ދިޔަ މަސައްކަތް ލަންކާ ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. އަދި ލަންކާ މުސްލިމުން ކޮންކްރީޓު ވަޅުގައި ވަޅުލަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް