އިސްލާމިކް މިނިސްޓްރީގެ ޕީއެސްކަމުން މުސްއަބު ވަކި ކުރީ ރަނގަޅަށް: ސިވިލް ކޯޓު

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގަ އެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ. އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު އިތުރު ކުރި އެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

އޭނާ މަގާމުން ކުރަން ނިންމި ނިންމުމަކީ ގާނޫނާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރި މުއްދަތުން ފެށިގެން ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކުރަން ޖެހުނު ހަރަދު ހޯދަން އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި ފުރަތަމަ މައްސަލައަކީ މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދީނުމާއި، އިސްލާމިކް ސްޓޫޑިއޯ ކޮންޓްރެކްޓު މުވައްޒަފުންނަށް އެއްބަސްވުން ނުހަދައި މުސާރަ ދިނުމާއި، މުސާރައިން ފައިސާ އުނިކުރުމާއި، މުސާރަ ދިނުމުގައި ގަވައިދާ ހިލާފަށް އަމަލު ކުރުމާއި، ގަވާއިދާ ހިލާފަށް އެއްބަސްވުންތައް އެކުލަވާލުމާއި، ފައިސާ ދިނުމާއި އެކަންކަމަށް ހިތްވަރު ދިނުމާއި، މިިނިސްޓްްރީގެ މުވައްޒަފުންގެ ވަޒީފާގެ ބަޔާންތައް ފުރިހަމަށް ތައްޔާރުކޮށްފައި ނެތުމާއި، ހެދިފައިވާ ވަޒީފާގެ ބަޔާންތަކާ ހިލާފަށް މުވައްޒަފުންނާ މަސްއޫލިއްޔަތުތައް ހަވާލު ކުރުމާއި، މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގެ ކަންކަން ނުނިންމުމާއި، މިނިސްޓަރު އަންގާ ކަންކަން ތަންފީޒު ކުރުމުގައި އިހުމާލުވުމާ ގުޅޭ މައްސަލެކެވެ. އެ މައްސަލައަކީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ހުށަހެޅުއްވި މައްސަލައެކެވެ.

ދެވަނަ މައްސަލައަކީ އިސްލާމިކް މިނިސްޓްރީގައި ނެތް މީހަކު ދައުލަތުގެ ޕޭރޯލްގައި އެންރޯލްކޮށް، ތިން މަސް ދުވަހުގެ ދުވަހުގެ މުސާރަ ނެގި ފަހުން، އެ މިނިސްޓްރީގެ ބަޖެޓު ސެކްޝަނަށް ފާހަގަވެގެން އެކަން ޕީއެސްގެ ސަމާލުކަމަށް ގެނައުމުން، ފުލުހުންނަށް މައްސަލަ ހުށަހަޅައި އަމިއްލައަށް މައްސަލަ ނިންމި ކަމަށް ބުނެ ގާނޫނީ ވަކީލަކު ހުށަހެޅި މައްސަލެކެވެ.

އޭގެ އިތުރުން، މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އޭނާއާ ބެހޭގޮތުން ކިތަންމެ ރިޕޯޓެއް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅިޔަސް، އޭނާގެ އަންހެނުން ކޮމިޝަނުގައި މަސައްކަތް ކުރާހާ ހިނދަކު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އަޅަން ނުވެސް ކެރޭނެ ކަމަށް މުސްއަބު ވިދާޅުވި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ހުށަހެޅި މައްސަލެކެވެ.

ހަތަރު ވަނަ މައްސަލައަކީ މުސްއަބު ދައުލަތުގެ ސިއްރު ލިޔުމެއް ޓްވިޓާ މެދުވެރިކޮށް އާންމުކުރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެކެވެ.

އިސްލާމިކް މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްގެ މަގާމަށް ދާއިމީ މީހަކު ހަމަޖެއްސަންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައްވެސް އަދާކުރެއްވީ އޭނާ އެވެ. ފަހުން ފައިނޭންޝަލް އެގްޒެކެޓިވްގެ މަގާމު ދާއިމީ ގޮތުން ހަވާލު ކުރީވެސް އޭނާއާ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަނުން އެ އޭނާ މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ. އޭނާ މަގާމުން ވަކި ކުރީ އެކަށީގެންވާ ސަބަބުތައް ހުރެ، އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އޭނާ ހޯދަން އެދޭ ބަދަލު ދޭން ސިވިލް ސާވިސް ކޮމިޝަނަށް އަންގާނެ ހަމައެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް