ލަންކާ މުސްލިމުން ރާއްޖެ ނުގެންނާނެ، ވަޅުލާނީ ކޮންކްރީޓު ވަޅުތަކެއްގައި

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ކުރަމުން ދިޔަ މަސައްކަތް ލަންކާ ސަރުކާރުން ހުއްޓާލައިފި އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ވަނީ އެހީ ދެވޭނެތޯ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނަމަވެސް ލަންކާ ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވީ، ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެއަށް ފޮނުވަން ގެންގުޅުނު ވިސްނުން ދޫކޮށްލައި އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން އެ ގައުމުގެ ސަރުކާރުން ވަނީ މީގެ ކުރިން ނިންމައިފަ އެވެ. އަދި އެ ނިންމުމާ އެއްގޮތަށް މުސްލިމުންގެ ހަށިތައް ވެސް ދިޔައީ އަންދަމުންނެވެ.

އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން މުސްލިމުންގެ ހަށިގަނޑުތައް އެންދުމާ ގުޅިގެން އެ ގައުމުގެ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

މައްސަލަ ހޫނުވެ، މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މަޝްވަރާތައް ފެށި ފަހުން، ލަންކާ ސަރުކާރުން ވަނީ މުސްލިމުން އެންދުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ތަރުޖަމާނު ވިދާޅުވީ، މުސްލިމުންގެ ހަށިގަނޑުތައް ކޮންކްރީޓު ވަޅުތަކެއްގައި ވަޅުލާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ލަންކާގެ މުސްލިމް އިލްމުވެރިންގެ ލަފަޔާ އިރުޝާދާއެކު، މި ހަފްތާގެ ތެރޭގައި ލަންކާ ސަރުކާރުން ސަންދޯކުގެ ޑިޒައިން ފައިނަލްކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑުތައް އަންދަން ނިންމީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. އެކަމަކު އެކަމަށް އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ.

comment ކޮމެންޓް